މާލޭގައި ހުންނަ ޑިމޮކްރެޓްސްގެ ހަރުގޭގައި އެ ޕާޓީގެ 'ފަސޭހަ ވިޔަފާރި' ސިޔާސަތު ލޯންޗު ކުރުމުގެ ތެރެއިން. (ފޮޓޯ/ ޑިމޮކްރެޓްސް)

ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓްސްގެ 'ފަސޭހަ ވިޔަފާރި' ސިޔާސަތު: ލުއި ލޯނު ދީ، ޕޭޕާލް ގެނައުން

'ފަސޭހަ ވިޔަފާރި' ސިޔާސަތު އެކުލަވާލާފައިވަނީ ރައްޔިތުންގެ އަމިއްލަ މަސައްކަތުން އާމްދަނީ އިތުރުކުރެވޭނެ ގޮތަށް އިސްކަންދީގެން ކަމަށް އެ ޕާޓީން ބުނޭ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން (އެސްއެމްއީ) ލޯނު ހޯދަން އަތުން ފައިސާ ލާން ނުޖެހި އަދި ރަހުނެއް ވެސް ބަހައްޓަން ނުޖެހޭ ގޮތަށް ހެދުމާ އެކު، ޕޭޕާލް އާއި ސްޓްރައިޕް ފަދަ މަޝްހޫރު ބައިނަލްއަގުވާމީ ޕޭމަންޓް ގޭޓްވޭތަކުގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރުން ހިމެނޭ ގޮތަށް، ޑިމޮކްރެޓްސްގެ 'ފަސޭހަ ވިޔަފާރި' ސިޔާސަތު ރޭ އިފްތިތާހުކޮށްފި އެވެ.

ވީ ކިހިނެއް؟ - އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައި ދިރިއުޅުން ބިނާ ކުރުމުގެ މަގުފަހިކޮށްދޭން ކަމަށް ބުނެ ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާފައިވާ ހައްލުތަކާ އެކު، އެ ސިޔާސަތު ލޯންޗުކުރުމަށް އެ ޕާޓީން ވަނީ ރޭ 8:30ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރެއިން މައި ހަރަކާތް އޮތީ، އެ ޕާޓީގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެން ބ. ތުޅާދޫގަ އެވެ.

ތަފްސީލް - އެ ސިޔާސަތު އެކުލަވާލާފައިވަނީ މިހާރު ހުރި މައިގަނޑު މައްސަލަތަކަށް ހައްލެއް ގެނެވޭނެ ގޮތަށް ކަމަށް ޑިމޮކްރެޓްސް އިން ބުނެފައިވެ އެވެ. އެގޮތުން، މިހާރު ރާއްޖޭގައި ވިޔަފާރިތަކަށް ހުރި އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ:

  • ލޯނުތަކުގެ ޝަރުތުގައި އޮންނަ އިކުއިޓީ ނިސްބަތާއި ރަހުނުގެ ގޮތުގައި ބަހައްޓަން ޖެހޭ އެއްޗެއްގެ ޝަރުތު ބޮޑުވުން

  • ސިޔާސީ މީހަކަށް ބައި އަޅާ ގޮތަށް ނޫނީ ލޯނު ނުލިބުން؛ ފާޅު ކުރާ ހިޔާލެއްގެ ސަބަބުން ނުވަތަ ތާއީދު ކުރާ ޕާޓީއެއްގެ ސަބަބުން ލޯނު ލިބުމުގައި ދަތިތައް ކުރިމަތިވުން

  • ކުދި ވިޔަފާރިތަކަށް އެކަށޭނެ ފައިނޭންސިން ޕްރޮޑަކްޓްތައް ނެތުމާއި ވިޔަފާރިތައް ހިންގަން ބޭނުންވާ ތަކެއްޗާއި ސާމާނުގެ ޑިއުޓީ ބޮޑުވުން

  • އަމިއްލަ އުފެއްދުންތައް މާކެޓުކޮށް ވިއްކަން އެކަށީގެންވާ ފުރުސަތު ނުލިބުން

  • ބޮޑު އަގުގައި ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުން

  • ބައިނަލްއަގުވާމީ ޕޭމަންޓް ގޭޓްވޭތަކުގެ ހިދުމަތް ނުލިބުން އަދި ޓީޓީގެ ގޮތުގައި ފައިސާ ގެނައުމުގައި އިންތިހާއަށް ދަތިތަކާ ކުރިމަތިވެ އެތައް ދުވަހަކު ބޭންކުތަކުގައި ހިފެހެއްޓުން

  • އާންމު ކުދި ވިޔަފާރިތަކުން ކުރާ މަސައްކަތުގެ ތެރެއަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަންނަމުން ދިއުން

  • އަމިއްލަ މަސައްކަތްކުރާ މީހުން ގިނަ ދާއިރާތަކުގައި ވެސް، ބޭރު މީހުންނަށް އެއްވެސް ހުރަހަކާ ނުލާ ވިޔަފާރި ކުރެވުން

އެ މައްސަލަތަކަށް ޑިމޮކްރެޓްސްގެ ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ ހައްލުތަކަކީ:

  • ލޯނުތަކުގެ އިކުއިޓީ އަދި ރަހުނުގެ ޝަރުތުތައް އެކީ ނައްތާލައި ރަނގަޅު ބިޒްނަސް ޕްލޭންތަކަށް ފައިސާ އާއި ވަސީލަތްތައް ހަމަޖައްސައިދިނުން

  • އީޖާދީ ވިޔަފާރިތަކަށް ދުނިޔޭގެ އެހެން ގައުމުތަކުގައި މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ޖާގަ ތަނަވަސްކޮށްދިނުން

  • ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރޭޓިން ސިސްޓަމެއް ތައާރަފު ކުރުން

  • ލައިޓް މެނުފެކްޗަރިން އާއި ވެލިއު އެޑިޝަންގެ މަސައްކަތް ކުރެވޭނެ ވަސީލަތްތައް ގާއިމްކުރުން

  • ތަފާތުކުރުންތައް ނައްތާލައި ރާއްޖޭގެ ކޮންމެ ރަށެއްގައި އުޅޭ ކޮންމެ އުމުރެއްގެ ކޮންމެ މީހަކަށް ވެސް ފުރުސަތު ފަހިކޮށްދިނުން

  • ބިޒްނަސް އިންކިއުބޭޓާތައް ތައާރަފުކޮށް، އޭގެ ތެރެއިން ވެންޗާ ކެޕިޓަލް އާއި ވިޔަފާރިތައް ގުޅުވައިދިނުން

  • އާ އީޖާދުތަކާއި ޕޭޓެންޓާއި ކޮޕީރައިޓާއި ޓްރޭޑްމާކްތައް ފަދަ އިންޓެލެކްޗުއަލް ޕްރޮޕަޓީގެ ހައްގުތައް ރައްކާތެރިކޮށްދިނުން

  • ބައިނަލްއަގްވާމީ ބާޒާރުތަކުގައި ޝޯކޭސް ކުރެވޭނެ ގޮތަށް ބޮޑެތި ޓްރޭޑް ޝޯ އަދި ފެއާތަކުގައި ރާއްޖެ ތަމްސީލް ކުރުން

  • ބޭނުންވާ ސާމާނާއި އާލާތްތަކާއި ތަކެތިން ޑިއުޓީ ކަނޑާލައި ފަސޭލައިން އެ ތަކެތި ލިބޭނެ ގޮތް ހަމަޖެއްސުން

  • ބޭރު ފައިސާގެ ދަތިކަން ނައްތާލައި ފަސޭހައިން ޑޮލަރު ލިބޭނެކަން ކަށަވަރު ކުރުން

  • ޕޭޕަލް އަދި ސްޓްރައިޕް ފަދަ ބައިނަލްއަގުވާމީ ޕޭމަންޓް ގޭޓްވޭތަކުގެ ހިދުމަތް ރާއްޖެއަށް ލިބޭނެކަން ކަށަވަރުކުރުން

  • އާންމު ވިޔަފާރިތަކުން ކުރާ މަސައްކަތްތައް ސަރުކާރު ކުންފުނިތަކުން ވަނުން ހުއްޓުވައި އެ ދާއިރާތަކުން އިގްތިސާދު ސިންދަފާތު ކުރުން

  • މަސައްކަތްކުރާ ކޮންމެ މީހަކީ މާލީ ނިޒާމުގެ ތެރެއިން ބޭންކުތަކުން ދޭ ހިދުމަތްތަކަށް ޝަރުތު ހަމަވާ ބައެއް ކަމުގައި ހެދުން

ބުނީ ކީކޭ؟ - 'ފަސޭހަ ވިޔަފާރި' ސިޔާސަތު އިފްތިތާހު ކުރަން ރޭ ބ. ތުޅާދޫގައި ބޭއްވި ޖަލްސާގައި ނަޝީދު ވަނީ، މިވަގުތު ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކުރައްވައި އެ މައްސަލަތައް ހައްލު ކުރެވޭނެ ގޮތްތަކާ މެދު ވާހަކަދައްކަވާފަ އެވެ.

އެގޮތުން، މިދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ގިނަ ބަދަލުތަކެއް އައިސް، ދައުލަތުގެ އާމްދަނީ އެތައް ގުނައެއް އިތުރުވެފައިވީ ނަމަވެސް، އާންމު ރައްޔިތުންގެ އާމްދަނީއަށް ކުރިއެރުމެއް އައިސްފައި ނުވުމަކީ ބޮޑު މައްސަލައެއްކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުކުރުމަށް، ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް އެބަ އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ. ނޫން ނަމަ، ބިނާކުރާ އުމްރާނީ ވަސީލަތް، އޭގެ ފުރިހަމަ ބޭނުން ނުހިފި މި ދަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ، ބަނދަރެއްގެ ބޭނުމަކީ ބާޒާރެއް އުފެދި، މުދަލާ ހިދުމަތް ބަދަލުކޮށް، އެއް ރަށުން އަނެއް ރަށަށް ތަކެތި ގެންގޮސް ގެނެސް، މަހަށް ފުރި، އެހެން ވެސް ބޭނުންތަކަށް ލަފާފުރުން ފަސޭހަކުރުން ކަމަށެވެ. އެހެންކަމުން، ބަނދަރެއް އެޅުމަށް ހަރަދުވާ ފައިސާ އަނބުރާ ރައްޔިތުންނަށް ހޯދަދޭން އެ ބަނދަރުގެ ސަބަބުން މަގުފަހިވަނީ ކޮން ގޮތަކަށްތޯ، އެންމެ ރަނގަޅަށް އެ ބަނދަރުގެ ބޭނުން ހިފޭނީ ކޮންގޮތަކަށްތޯ ބަލަން ޖެހޭ ކަމަށެވެ.

ޑިމޮކްރެޓްސްގެ 'ފަސޭހަ ވިޔަފާރި' ސިޔާސަތު ލޯންޗުކުރުމަށް ބ. ތުޅާދޫގައި ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ޑިމޮކްރެޓްސް)

"މި ރަށްތަކުގައި މީހުން ދިރިއުޅެ، މި ރަށްތައް ތަރައްގީކުރަން ވެއްޖެ ނަމަ، އެއީ ހަމައެކަނި ރިސޯޓެއްގައި މަސައްކަތްކުރާ ކުއްޖަކު ރަށަށް ފޮނުވާ ފައިސާއިން ނުވަތަ މާލޭގައި މަސައްކަތްކުރާ މީހަކު ރަށަށް ފޮނުވާ ފައިސާއިން، މި ރާއްޖޭގެ ރަށްތަކެއް ނުދިރޭނެ. އެކަން ކުރުމަށް މި ތަނުގައި [ރަށްރަށުގައި] އުފެއްދުންތެރިކަން އިތުރުވާން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

އެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި ޑިމޮކްރެޓުން މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބަ އާއި މަންފާއަށް އިސްކަންދީގެން، ވެރިކަން ހޯދުމުގެ ނިޔަތުގައި ތަރައްގީގެ މަޝްރޫއުތައް ހިންގާ އުސޫލުން ނޫން ކަމުގެ ޔަގީންކަން ނަޝީދު ދެއްވި އެވެ.

ކޮމެންޓް (1)

ހައްލޭ

20 ޖުލައި 2023
"ބޮޑު އަގުގައި ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުން"، ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކުރުމަށްފަހު، "ބޭރު ފައިސާގެ ދަތިކަން ނައްތާލައި ފަސޭހައިން ޑޮލަރު ލިބޭނެކަން ކަށަވަރު ކުރުން" މިކަމަަށް ޙައްލަކަށް ނުފުދޭ! ކޮބާތޯ ޙައްލަކީ، ޙައްލާ ގޮންޖެހުމާ ވަކިނުވާ މީހުން މިރާއްޖޭގަ އުޅޭތީ މިކަންކަން ބޮއްސުންލަނީ! ޙައްލުކިޔައިދީ ސޮއިކުރާނަން ވޯޓުވެސްދޭނަން. ޕޭޕަލް އަކީ ކޮންމެކޮންމެ މީހަކަށް އޮތްޙައްލެއްނޫން! ޙައްލުނުބުނެވުނު އަދިވެސް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް