ސުޕްރީމް ކޯޓު ހިންގާ އިމާރާތް. (ދައުރު ފައިލް ފޮޓޯ)
އިންތިހާބީ މައްސަަލައެއް ހުށަހެޅިދާނެ ކަމަށް ބަލައި ބަންދުގައި ވެސް ސުޕްރީމް ކޯޓު ހުޅުވަނީ
މިިނިވަން ދުވަހާ ގުޅިގެން މާދަމާ އަދި ޖެހިގެން އަންނަ ދުވަސް ސަރުކާރު ބަންދުކުރިޔަސް، އެ ދުވަސްތަކުގައި ވެސް ސުޕްރީމް ކޯޓުން ހިދުމަތް ދޭ ގޮތަށް ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން މާދަމާއިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވާނެ އެވެ.
ތަފްސީލް - މި ދުވަސްތަކުގައި ސުޕްރީމް ކޯޓު ހުޅުވަން ނިންމާފައިވަނީ، 9 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބަށް ނަން ހުށަހަޅަން ހުޅުވާލާފައިވާ މި ދަނޑިވަޅުގައި އިންތިހާބާ ގުޅިގެން މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިދާނެ ކަމަށް ބަލާފައި ކަމަށް 'ދައުރު'އަށް އެނގިފައިވެ އެވެ.
ސްޕްރީމް ކޯޓުން މިއަދު ވަނީ، އެ ދުވަސްތަކުގައި ކޯޓުގެ ރަޖިސްޓްރާ ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިތައް ހާމަކޮށްފަ އެވެ. އެއީ:
-
މާދަމާ އަދި ބުރާސްފަތި ދުވަސް: ހެނދުނު 9 އިން 10އަށް އަދި މެންދުރު ފަހު 1 އިން 2އަށް
-
މި ހުކުރު ދުވަސް އަދި އަންނަ މަހުގެ 4 ވާ ހުކުރު ދުވަސް: މެންދުރު ފަހު 2:30 އިން 3:30އަށް
-
މި ހޮނިހިރު ދުވަސް އަދި އަންނަ މަހުގެ 5 ވާ ހޮނިހިރު ދުވަސް: ހެނދުނު 9 އިން 10 އަށް އަދި މެންދުރުފަހު 1 އިން 2އަށް
އެނގުން މުހިންމު - ރިޔާސީ އިންތިހާބަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، އެ ފުރުސަތު އަންނަ މަހުގެ 7 ވަނަ ދުވަހަށް ބަންދުވާނެ އެވެ.
ޕީޕީއެމްގެ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިވަގުތު ޖަލުގައި ހުންނެވިއިރު އެ މަނިކުފާނުގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި، އިދިކޮޅު ޕީޕީއެމް-ޕީއެންސީން ދެ މައްސަލައެއް މިހާތަނަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެ ދެ މައްސަލަ ވެސް ސުޕްރީމް ކޯޓުން ބަލައި ނުގަނެ ވަނީ ބޭރުކޮށްލާފަ އެވެ.
-
އިތުރަށް ކިޔާލަން - ޔާމީންގެ ފަރާތުން ހުށަހެޅި އާ މައްސަލަ ވެސް ބޭރުކޮށްލައިފި