ޔާމީން އެ މަނިކުފާނުގެ ވަކީލުންނާ އެކު. (ދައުރު ފައިލް ފޮޓޯ)
ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކުރަން ހުށަހެޅި އާ މައްސަލަ ވެސް ބޭރުކޮށްލައިފި
އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅި އާ މައްސަލަ ވެސް ބޭރުކޮށްލައިފި އެވެ.
މިކަން ސުޕްރީމް ކޯޓުން 'ދައުރު'އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެނގިފައިވާ ގޮތުގައި ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކުރަން އެދި ހުށަހެޅި މައްސަލަތައް ބޭރުކޮށްލީ، އެއީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެވެ.
ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ހައި ކޯޓުގައި އޮތް އިސްތިއުނާފީ މައްސަލަ ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން އެ މަނިކުފާނުގެ އެތަކެއް އަސާސީ އަދި އިންތިހާބީ ހައްގުތަކަކަށް ހުރަސް އެޅިފައިވާތީ ކަމަށް ބުނެ އެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަ ބޭރުކޮށްލީ އާދިއްތަ ދުވަހު އެވެ.
އެނގުން މުހިންމު - އަންނަ 9 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ކުރިމަތިލާ ކެންޑިޑޭޓުންގެ ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު، އެ ފުރުސަތު އަންނަ މަހުގެ 7ގައި ހަމަވާނެ އެވެ. ޔާމީންގެ ކެންޑިޑެސީ ފޯމުގައި ޖަލުގައި ހުންނަވައިގެން މިހާރު ސޮއިކުރައްވާފައިވާ އިރު، އެ ފޯމު އަދި ހުށައެއް ނާޅަ އެވެ.