ގާސިމަށް ތާއީދު ހޯދުމަށް އެ ޕާޓީގެ މަންދޫބުން މާލެ އަދި ވިލިމާލޭގެ ގޭގެއަށް ޒިޔާރާތް ކުރަން ފެށުން. (ދައުރު ފޮޓޯ)

ޖޭޕީން 'ކިންގްމޭކާ ކިންގަށް' ހަދަން ދޮރުން ދޮރަށް ހިނގަން ފަށައިފި

މި ހަރަކާތް ކުރިއަށް ގެންދަނީ މާލެ އާއި ވިލިމާލެ 50 ސަރަހައްދަކަށް ބަހާލައިގެން

"ކިންގްމޭކާ ކިންގަަށް" ހެދުމުގެ އަޒުމުގައި، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ތާއީދު ހޯދުމަށް އެ ޕާޓީން މާލެ އާއި ވިލިމާލޭގައި ދޮރުން ދޮރަށް ހިންގަން މިއަދު ފަށައިފި އެވެ.

އެނގުން މުހިންމު - 'ކިންގްމޭކާ' ނިސްބަތް ކުރަނީ ގާސިމަށެވެ. އެއީ، ވޭތުވެދިޔަ ހުރިހާ ރިޔާސީ އިންތިހާބެއްގެ ނަތީޖާ އަނބުރާލުމުގައި ގާސިމްގެ ރޯލު ބޮޑު ކަމަށް އިޝާރާތްކޮށް ކިޔާ ނަމެކެވެ.

ވީ ކިހިނެއް؟ - ގާސިމަށް ތާއީދު ހޯދުމުގެ ގޮތުން މާލެ އަދި ވިލިމާލޭގެ ގެތަކަށް ޖޭޕީގެ ޓީމުތައް ދާން ފެށީ މިއަދު އެ ޕާޓީގެ މައި އިދާރާ، މ. ކުނޫޒުގައި ބޭއްވި ހާއްސަ ބައްދަލުވުމަކަށް ފަހު އެވެ.

ތަފްސިލު - މި ބައްދަލުވުމުގައި ދޮރުން ދޮރުން ހިނގާނެ އެ ޕާޓީގެ 50އެއްހާ މަންދޫބުން ބައިވެރިވި އެވެ. އަދި ޕާޓީގެ ކައުންސިލް މެންބަރުން ވަނީ، އެ މަންދޫބުން އަމަލުކުރަން ޖެހޭ ގޮތާއި ދޮރުން ދޮރުން ހިނގުމުގެ މުހިންމު ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ތާއީދު ހޯދުމަށް އެ ޕާޓީގެ މަންދޫބުން މާލެ އަދި ވިލިމާލޭގެ ގޭގެއަށް ޒިޔާރާތް ކުރަން ފެށުމަށް މަންދޫބުންނާ އެކު ބޭއްވި ބައްދަލުވުން. (ދައުރު ފޮޓޯ)

ބުނީ ކީކޭ؟ - އެ ބައްދަލުވުމުގައި ޖޭޕީގެ ނައިބު ރައީސް އަހްމަދު ސައުދު ވިދާޅުވީ ޖޭޕީ އަކީ ބޮޑު ޕާޓީއެއް ކަމަށެެވެ. އޭގެ ހެއްކަކީ 2008 އިން ފެށިގެން ޖޭޕީ ސަރުކާރުގައި އޮތަސް އަދި ނެތަސް 10،000 އިން މަތީގައި މެންބަރުން ތިބޭ ތިބުންކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިއީ ގާސިމް އިބްރާހިމްގެ ފިކުރު މި ރާއްޖޭގައި އޮންނަ ކަމުގެ ހެކި. އެހެންވީމަ، ޖުމްހޫރީ ޕާޓީ އަކީ އަބަދުވެސް ވެރިކަމަށް އަންނަ ފަރާތްތަކަށް އެހީތެރިވާ ކިންގްމޭކާ ޕާޓީއެއްގެ ގޮތުގައި [އޮންނަނީ]. އެކަމަކު މިފަހަރު މިއީ ކިންގް މޭކާ، ކިންގަކަށް ހަދާނެ ފަހަރު ކަމުގައި، ތިބޭފުޅުން އެ އުންމީދާ އެކު ނުކުންނަވީ،" ސައުދު ވިދާޅުވި އެވެ.

ޖޭޕީން ގޭގެއަށް ދާ މަންދޫބުންނާ އެކު މިއަދު މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ލީޑަރު އަހްމަދު ސައުދު ވާހަކަ ދައްކަވަނީ. (ފޮޓޯ/ޖޭޕީ)

ގާސިމްގެ އެޑްވައިޒަރު އަދި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، މި ކެމްޕެއިންގެ ތެރޭގައި އެ ޕާޓީގެ މަންދޫބުން 40އަށް ވުރެ ގިނަ ރަށަށް ޒިޔާރަތްކޮށް، ހުޅުމާލޭގައި ވެސް ދޮރުން ދޮރަށް މިހާރު ހިނގާފައިވާ ކަމަށެވެ. އަދި މިއަދު މާލެ އާއި ވިލިމާލޭގައި ފެށި ހަރަކާތާ އެކު، ވަރަށް ބޮޑު ބައެއް ކަވަރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ:

  • މި ހަރަކާތުގައި މާލެ އާއި ވިލިމާލެ 55 ސަރަހައްދަށް ބަހާލައިގެން ކަނޑައެޅިފައިވާ ޓިމުތައް ގޭގެއަށް ޒިޔާރަތް ކުރާނެ

  • މި ހަރަކާތުގައި، ގާސިމަށް ވޯޓު ދިނުމަށް މަންދޫބުން އެދޭނެ އަދި ހާއްސަ ފޯމެއް ފުރިހަމަކުރާނެ

  • އެ ފޯމުގައި، ރިޔާސީ އިންތިހާބާ ގުޅޭ މުހިންމު ކަންކަމާ ގުޅޭ ގޮތުން އާންމުންނާ ސުވާލުކުރަން ހިމަނާފައިވޭ

ފަސްމަންޒަރު - 9 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މާދަމާ ހެނދުނު 9 އިން ފެށިގެން އަންނަ މަހުގެ 7ގެ މެންދުރު ފަހު 2ގެ ނިޔަލަށް އޮންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް