މ. ކޮޅުފުށި: އެ ރަގައި މިއަދު މޫދަށް އެރި އުޅުނު ކުއްޖަކު ގެބިގެން ވަނީ މަރުވެފައި.

ކޮޅުފޮށީގައި 2 އަހަރު ނުވާ ކުއްޖަކު ގެނބިގެން މަރުވެއްޖެ

އެ ކުއްޖާ މަރުވީ ބެލެނިވެރިޔަކު ނެތި، މޫދަށް އެރި އުޅެނިކޮށް

މ. ކޮޅުފޮށީގައި ބެލެނިވެރިޔަކު ނެތި، މޫދަށް އެރި އުޅުނު އުމުރުން 2 އަހަރު ނުވާ ކުޑަކުއްޖަކު މިއަދު ގެނބިގެން މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ -  މިކަން ހިނގާފައިވަ ވަނީ، މިއަދު ހެނދުނު 11 ހާއިރު، އެ އުމުރުގެ އެހެން ކުއްޖަކާ އެކު ބީޗު ސަރައްހަދުގައި ކުޅެން ގޮސް ހުއްޓާ ކަމަށް 'ދައުރު'އަށް އެނގިފައިވެ އެވެ.

ތަފްސީލު - އެ ރަށު ކައުންސިލުގެ މެމްބަރު ޝަބާނާ އަބްދުއްސައްތާރު މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި:

  • މި ހާދިސާގައި މަރުވެފައި ވަނީ، އުމުރުން 2 އަހަރު ނުވާ ފިރިހެން ކުއްޖެއް 

  • އެ ކުއްޖާ މޫދަށް ގޮސް ގެނބުނުއިރު، ކައިރީގައި ހުރީ އޭނާއާ އެކު އެ ތަނަށް ދިޔަ އެ އުމުރުގެ އަންހެން ކުއްޖެއް

އެކަން އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު ވެސް 'ދައުރު'އަށް ކަށަވަރުކޮށްދެ އެވެ.

"މަރުވި ކުއްޖާގެ އުމުރަކީ 1 އަހަރާއި 10 މަސް. އަނެއް ކުއްޖާ އާއި އޭނާއާ ހުންނަނީ 10 ދުވަހުގެ ތަފާތެއް. އެއީ ދެބެއިންގެ ދެދަރި ދެ ކުދިން،" އާއިލާގެ ފަރާތުން 'ދައުރު'އާ ވަހަކަ ދެއްކި މީހަކު ބުންޏެވެ.

ނަން ނުޖަހަން އެދި އާއިލާގެ ފަރާތުން ވާހަކަ ދެއްކި އެ މީހާ ބުނީ، އެ ދެ ކުދިން ފުރަތަމަ ކުޅެން ތިބީ ގޯތިތެރޭގައި ކަމަށެވެ. އެ ދެ ކުޑަކުދިން ވަރަށް ގިނައިން އެ ގޮތަށް އެ ސަރަހައްދުގައި ހުންނަ އަނބުގަސްދޮށުގައި ކުޅެން ތިބޭ ކަމަށް އޭނާ ބުންޏެވެ. އަދި އެ އަނބުގަސް ހުންނަނީ މޫދާ މާ ދުރު ނޫން ހިސާބެއްގައި ކަމަށް ވެްސ އޭނާ ބުންޏެވެ.

"ބެލެނިވެރިން، އެ ކުދިން ނުފެނިގެން، ފެންނަން ނެތިގެން ހޯދަމުން ދިޔަތާ އަށެއްކަ މިނެޓް ފަހުން ފެނުނީ [މޫދާވީ ސަރަހައްދުން]. އެ ގަޑީގައި ދިޔަވަރު ވަރަށް ބޮޑަށް ހިިކިފައި އޮތީ، ރާޅު ވެސް ބޮޑެއް ނޫން،" އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާކަން ފާހަގަކޮށް، އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި، މަރުވީ އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. ހޮސްޕިޓަލު ތެރޭގައި ވެސް މި ވަގުތު އޮތީ މުޅިން ރުއިމުގެ އަޑު ކަމަށް އޭނާ ބުންޏެވެ.

ފުލުހުންގެ ބަސް - ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި ހާދިސާ ހިނގިކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 11:38 ހާއިރު ކަމަށެވެ.

"އެ ކުއްޖާ އަކީ، ގެއްލިގެން ހޯދަމުން ދަނިކޮށް، މޫދުން ފެނިގެން ސިއްހީ މަރުކަޒަށް ގެންދިޔަ ކުއްޖެއް،" އެ މެސެޖުގައިވެ އެވެ. 

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން އިތުރު ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް (1)

ސިކުނޑި

16 ޖުލައި 2023
މައިންބަފައިން އެއްވެސް ކުއްޖަކަށް ގަސްތުގައި އިހުމާލެއް ނުވާނެ! ތިއީ ސަގާފަތާއި އާދަ ކާދައިގެ ތެރެއިން ދިމާވި ހިތާމަވެރި ހާދިސާއެއް! އިތުރަށް ތަހުގީގުކޮށް ބެލެނިވެރިންނަށް އިތުރު އުދާހެއް ތަހައްމަލް ކުރަން ޖެއްސުމުގެ ބޭނުމެއް ނެތް! ބިނާކުރަންވީ ޒިންމާދާރު މުޖުތަމަޢެއް! މާއްދީ ތަރައްގީއަކުން ކުރާނެ ހަގީގީ ފައިދާއެއް ނެތް!
15 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް