ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް). (ފޮޓޯ/ މަޖިލިސް)
ރައީސްކަން ބޭނުންވާ އެއްވެސް މީހަކު ޔާމީން މިނިވަންވާން ބޭނުމެއް ނުވާނެ: ސަލީމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންވެެވަޑައިގަތުމަށް، ރައީސްކަމުގެ އުންމީދުގައި ހުންނެވި ސިޔާސީ އެއްވެސް ބޭފުޅަކު ބޭނުން ނުވާނެ ކަމަށް، މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޕީޕިއެމް އިން ސަރުކާރާ ދެކޮޅު ސިޔާސީ ފަރާތްތަކާ އެކު ސިޔާސީ މަޝްވަރާ ކުރުމުންދާ މި ދަނޑިވަޅުގައި ސަލީމް އެ ގޮތަށް ވިދާޅުވީ، ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޕީޕީއެމް އިން މަޝްވަރާ ކުރާ ފަރާތްތަކުގެ ތެރޭގައި، ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާނުކޮށްފައިވާ ޖޭޕީ އާއި އެމްއެންޕީ އަދި ޑިމޮކްރެޓްސް ހިމެނެ އެވެ. އެއިން ޕާޓީއެއް ނުވަތަ އެ އެއްވެސް ކެންޑިޑޭޓެއްގެ ނަން ނުގެންނަވައި ސަލީމް ވިދާޅުވީ، އެ ބޭފުޅުން ވެސް ޔާމީން މިނިވަންކުރުމަށް ބޭނުމެއް ނުވާނެ ކަމަށެވެ.
ބުނީ ކީކޭ؟ - "ދެން ތިބޭފުޅުން [ޕީޕީއެމް މެންބަރުން] އެއްގޮތަކަށް ވެސް ހީނުކުރާތި އެނގޭތޯ އިދިކޮޅުގައި ތިބި ވެރިކަމަށް ކުރިމަތިލައްވާފައި ތިބި ބޭބޭފުޅުން، އެ ބޭބޭފުޅުންގެ ހިތުގައި ރައީސް ޔާމީން ޖަލުން ސަލާމަތްވުމަށް މާ ބޮޑު ހަމްދަރުދީއެއް އޮންނާނެ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.
"ރައީސްކަން ބޭނުންވެފައި ތިބި ބޭފުޅުން ކިހިނެއްތޯ ބެނުންވާނީ ރައީސް[ޔާމީން] ނުކުންނަވަން. އެ [ބޭފުޅުން] ބޭނުމެއް ނުވާނެ. އެ ހެޔޮ ދުއާ ވެސް ނުލިބޭނެ."
ޕީޕީއެމްގެ ޖަގަހަ ޖަލްސާތަކުގައި ވަރަށް މަދުން ވާހަކަދައްކަވާ ސަލީމް ރޭ ސަޕޯޓަރުންނަށް ދެއްވި ޔަގީންކަމަކީ ޔާމީން ޖަލުން މިނިވަންވެވަޑައިގަންނަވާނެ ކަމެވެ. އެއްވެސް ސަޕޯޓަރަކު އެކަމާ ޝައްކު ނުކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ސަލީމް ވިދާޅުވި ގޮތުގައި، ޔާމީން ޖަލުން މިނިވަންކުރުމަށް ހެޔޮ ދުއާ ލިބޭނީ ވެރިކަން ބޭނުން ނުވާ މީހުންގެ ފަރާތުންނެވެ. މުޅި ދައުލަތް ވެސް ބޭނުންވަނީ ޔާމީން ޖަލުގައި ބޭއްވުމަށްކަން ފާހަގަކުރައްވައި މިކަންކަމާ މެދު ފުންކޮށް ވިސްނުމަށް ވެސް ސަޕޯޓަރުންގެ ކިބައިން އޭނާ އެދިވަޑައިގެންނެވި އެވެ.
ޔާމީން 2019ގައި ޖަލަށް ވަޑައިގަތުމުގެ ކުރިން ދެއްވި ތަގުރީރުގައި އިޝާރާތްކުރެއްވި 'މިނިކާ ބާޒުތަކު'ގެ ވާހަކަ ތަކުރާރުކުރައްވަމުން ސަލީމް ވިދާޅުވީ، "އެތެރެއިން، ބޭރުން ވެސް އެ ބާޒުތައް" އަތުވެދާނެ ކަމަށެވެެ. އަދި ޕީޕީއެމްގެ އެތެރެ "ފަނިކޮށްލުމަށް" ސަރުކާރުގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
"ރައީސް [ޔާމީން] ހުންނެވީ ވަރަށް ހިތްވަރު ގަދަކޮށް. މިއަދާ ހަމައަށް އައިިރު ވެސް އަޅުގަނޑުމެންގެ ނެތް ހިތްވަރު އެބަހުރި. އަޅުގަނޑުމެން ބައެއް ފަހަރު ކުޑަކޮށް ކަންބޮޑުވާ ގޮތް އެބަވޭ، ނުނީ އެހެން ކަހަލަ އިހްސާސްތައް އެބަވޭ،" ސަލީމް ވިދާޅުވި އެވެ.
އެ ގޮތަށް ވަނީ، ސަލީމް ވިދާޅުވި ގޮތުގައި، ބައެއް ފަހަރު "އީމާންކަން ބަލިކަށިވީމަ" އެވެ. ނަމަވެސް، އެ ބަލިކަށިކަން ދޫކޮށްލައި ހިޔާލު ތަފާތުވުންތައް ހުއްޓަސް އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
ސަލީމްގެ ވާހަކައިގައި:
-
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ވެސް ވަރަށް ހުތުރުކޮށް، ފާޑުވިދާޅުވެ ވާހަކަދެއްކެވި
-
މިއީ އަނިޔާވެރި ސަރުކާރެއްގެ ގޮތުގައި ސިފަކުރެއްވި
އެނގުން މުހިންމު - އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައެއްގައި ޔާމީނަށް އިއްވާފައި 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެ ހުކުމް މިހާރު އޮތީ ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާގަ އެވެ.
އެ ހުކުމާ ހެދި ޔާމީނަށް ކުރިމަތިނުލެވޭ ހާލަތެއްގައި، ޕީޕީއެމް-ޕީއެންސީގެ ބައެއް ބޭފުޅުން މިހާރު ވެސް ރިޔާސީ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރެވެ އެވެ.