މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މަޖިލީހުގައި. (ފޮޓޯ/ މަޖިލިސް)

ފުއްގިރި ހިޔާނާތް ހިނގި ގޮތް ޔާމީނަކަށް ނޭނގޭ؛ އެކަން ކުރީ މިިނިސްޓްރީން: މެމްބަރު އިބްރާހިމް ރަޝީދު

ރަށުގެ އަގު ކުޑަ ކުރަން އުޅުނީ އަދީބު އިސްވެ ހުންނަވައި އޭނާ ހަވާލުވެގެން ހުންނެވި ޓޫރިޒަމް މިނިސްޓްރީން ކަމަށް ވެސް އިބްރާހިމް ރަޝީދު ވިދާޅުވި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މިނިސްޓްރީން ކުރަމުން ދިޔަ ކަންކަން ސަރުކާރުގެ ވެރިންނަށް ނޭނގޭ ކަމަށާއި، އެ ކަންކަން ސީދާ ހިންގަމުން ދިޔައީ ޓޫރިޒަމް މިނިސްޓްރީގެ ތެރެއިން އޭރުގެ މިނިސްޓަރު އަހުމަދު އަދީބު ކަމަށް، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިވެރިއެއްގެ ގޮތުން ހެކިބަސް ދެއްވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ. 

ވީ ކިިހިނެއް؟ - ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތާ ގުޅިގެން މިހާރު ކޯޓުގައި ކުރިއަށް ދަނީ ތިން ފަރާތެއްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތަކުގެ އަޑުއެހުންތަކެެވެ. އެއީ:

  • ކުރީގެ ރައީސް އަބްދުﷲ ޔާމީން - ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

  • ސަން ކޮންސްޓަރަކްޝަން - މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

  • ސަން އިންވެސްޓްމަންޓް - މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ 

ތަފްސީލް - ހެކިބަސް ނެގުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ފުރަތަމަ ހެކިބަސް ނަގާފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިއެއްގެ ގޮތުގައި މެމްބަރު އިބްރާހިމް ރަޝީދުގެ ހެކިބަހެވެ.

ފުއްގިރި ކުއްޔަށް ހިފި ދުބާއީގެ ކުންފުނީގެ ފަރާތުން އޭނާ މަންދޫބެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާނެ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

"އިންޓަނޭޝަލް ހޮޓަލް ޗެއިންތަކުގައި ކުރީގައި ވެސް މަސައްކަތްކޮށްފައިވާ މީހެއް ވީމައި އަޅުގަނޑު އެޕޮއިންޓްކޮށްފައި އޮތީ ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ އޮފިޝަލް ރިޕްރެޒެންޓޭޓިވްއެއް ގޮތަށް،" ފުއްގިރި މުއާމަލާތުގައި އޭނާގެ ބައިވެރިވުން އޮތް ގޮތް ސާފުކޮށްދެއްވަމުން އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

އެ ރަށުގެ އަގު ކަނޑައަޅާފައި އޮތީ ކިހާވަރަކަށްތޯ ދައުލަތުން ސުވާލުކުރުމުން އިބްރާހިމް ރަޝީދު ވިދާޅުވީ، ރަށުގެ އަގަކަށް އޭރު ކީ 1.2 އާއި 1.5 މިލިއަން ޑޮލަރާ ދެމެދުގެ އަގެއް ކަމަށެވެ.

ފުއްގިރި މުއާމަލާތް ހިންގާފައިވަނީ ނުއަގުގައި ކަމަށް ދައުލަތުން ދައުވާގައި ބުނި ނަމަވެސް، އިބްރާހިމް ރަޝީދު މިއަދު ވިދާޅުވީ އެއީ ނުއަގުގައި ދީފައި އޮތް ރަށެއް ނޫން ކަމަށާއި އެ ރަށް ދީފައި އޮތީ ހަމަ އަގުގައި ކަމަށެވެ.

"އެ ވެލިއު އަޅުގަނޑު ކުރީ އެ އަދަދަށް ސީއެސްއާރެއްގައި ކުރީގައި އޮތް މިންވަރަށް. ކުރީގެ ސަރުކާރުން، އެކަން ކުރެވޭ މިންވަރެއްގެ ފައިސާ އެއީ އެކަށީގެންވާ ވަރެއް. ނުއަގުގައެއް ނޫން އެ ތަން އެއޮތީކީ. އަގުގައި، ހަމަ އަގުގައި އެ ތަން އެ އޮތީ،" އެ ދުވަސްވަރު 300،000 ޑޮލަރު "މަގުމަތީގައި ވެސް މީހުން ހިފައިގެން އުޅޭ"ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި، އެ އަގު ބޮޑުވެގެން އެއްވެސް މައްސަލައެއް ނުޖެހެ އެވެ. އޭގެ ބަދަލުގައި ޖެހުނު މައްސަލައެއް ޖެހުނީ، އޭނާ ވިދާޅުވި ގޮތުގައި، އެ އަގު 400،000 ޑޮލަރަށް ކުޑަކުރުމުގެ ވާހަކަތަކެއް ދައްކަން ފެށުމުންނެވެ.

އެނގުން މުހިންމު - އެ އަގު ކުޑަކުރަން އުޅުނީ ޔާމީން އަންގަވައިގެން ކަމަށާއި، އެ ގޮތަށް ރަށް ނުދެވޭނެ ކަމަށް ތަކުރާރުކޮށް ޔާމީންއާ ވާހަަކަދައްވައި ފަހުން އެ އަގު 1.55 މިލިއަން ޑޮލަރަށް ބޮޑުކުރަން ޔާމީން އެއްބަސްކުރުވީ އޭނާ ކަމަށް ވިދާޅުވެ، އަދީބު މީގެ ކުރިން ކޯޓުގައި ހެކިބަސް ދެއްވާފައިވެ އެވެ.

އެކަމަކު އިބްރާހިމް ރަޝީދުގެ ހެކިބަހުގައި މިއަދު ވިދާޅުވީ، އެ އަގު ކުޑަ ކުރަން އުޅުނީ އަދީބު އިސްވެ ހުންނަވައި އޭނާ ހަވާލުވެގެން ހުންނެވި ޓޫރިޒަމް މިނިސްޓްރީން ކަމަށެވެ. 

"އޭރު އަދީބުތާ ހުންނަނީ މިނިސްޓްރީގައި. އޭގެ ތެރެއިން ޝައްކުވާ ކަމެއް އޭނާ ކުރަން އުޅޭހެން ހީވީމާ އަޅުގަނޑު ބުނީ އޭގެ ތެރެއަށް ނުވަންނާށޭ. އެހާ ހިސާބުން މި އޮންނަނީ އޭސީސީއަށް ގޮސްފައި. އޭސީސީން މި މައްސަލަ ބަލައި ވެސް ގަތް. އެހެންވީމާ އަޅުގަނޑަށް އެނގޭ ސަރުކާރުގެ އެންމެ އިސް ފަރާތްތަކަށް މި މައްސަލަ ނޭނގޭ ކަން،" އެ ހިޔާނާތް އޭރުގެ ރައީސް ޔާމީންއަށް ނޭނގޭނެ ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވާހަކަދައްކަވަމުން އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ފުއްގިރި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސް ލިމިޓެޑްއަށް ކުއްޔަށް ދޫކުރުމުގެ މަޝްވަރާތަކުގައި އެ ކުންފުނީގެ މަންދޫބެއްގެ ގޮތުން އޭނާއާ ބައްދަލުވި ކަމަށް އަދީބުގެ ހެކިބަހުގައި ވިދާޅުވި ވިދާޅުވުން އިބްރާހިމް ރަޝީދު މިއަދުގެ އަޑުއެހުމުގައި ވެސް ދޮގުކުރެއްވި އެވެ. އޭނާ މިއަދު ވިދާޅުވީ އަދީބު ހުންނެވީ، "ޝަރީއަތުގެ މަޖިލީހުގައި ދޮގު ހަދާފައި ފިލައިގެން ގޮސްފައި" ކަމަށެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ:

  • އެ ހިޔާނާތް ހިނގިއިރު، ދައުލަތަށް ނުފޫޒު ފޯރުވޭ ވަރުގެ މަސައްކަތެއް އޭނާ ނުކުރައްވާ 

  • އޭނާ އަކީ އޭރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ފަދަ ސިޔާސީ މަގާމެއްގައި ވެސް ހުންނެވި ބޭފުޅެއް ނޫން

  • އާންމުދަނީ ހޯދުމަށް އޭރު ކުރެއްވީ ފަތުރުވެރިކަމުގެ މަަސައްކަތް 

  • އެ މަސައްކަތް ކުރައްވަމުން ގެންދެވީ އައިބީއާރް މޯލްޑިވްސްގެ ނަމުގައި ކުންފުންޏެއް ރަޖިސްޓްރީކޮށްގެން

ފުއްގިިރި ކުއްޔަށް ހިފުމަށް ނިންމި ސަބަބާ ގުޅޭ ގޮތުން އިބްރާހިމް ރަޝީދު ވިދާޅުވީ، ފުރަތަަމަ ހޯދަން މަސައްކަތްކުރެއްވީ އަމިއްލަ ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ ބ. މުތާފުށި ކަމަށެވެ. އެކަމަކު އެ ދޭތެރެއިން މޭޑޭގެ މުޒާހަރާއާ ގުޅިގެން އޭނާ ޖަލަށް ލުމަށް ފަހު ބަންދުން މިނިވަންވި އިރު މުތާފުށި ލިބެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި:

  • އޭރު ދެން ލިބެން އޮތީ ދެ ރަށެއް 

  • އޭގެ ތެރެއިން އެއް ރަށަކީ ފުއްގިރި 

  • ފުއްގިރި ކުއްޔަށް ހިފަން އިންވެސްޓަރުން ނިންމީ ރ. އިފުރު އެއާޕޯޓު ހުޅުވަން ތައްޔާރުވެފައި އޮތުމުން، އެ ރަށުގައި ރިސޯޓެއް ހަދައިގެން ފީސިބަލް ވާނެތީ

އެ ރަށަށް އެދި ފުރަތަމަ ދެއްކީ، އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި، އޮފާ ލެޓާއަށް ދައްކަން ޖެހޭ 150،000 ޑޮލަރެވެ. އެއީ ދުބާއީ ކުންފުނީގެ ފަރާތުން ބޭރުން ފޮނުވި ފައިސާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް