ކްރިމިނަލް ކޯޓުގައި މީގެ ކުރިން އޮތް ޝަރީއަތަކަށް އަދީބު ހާޒިރުވެވަޑައިގަންނަވަނީ. (ފައިލް ފޮޓޯ/މިހާރު ނޫސް)

ޔާމީން އުޅުނީ ފުއްގިރި 4 ލައްކައަށް ދޫކުރަން؛ އެކަން ހުއްޓުވިން: އަދީބު

އެ ރަށް ދޫކުރުމުގެ މަޝްވަރާތަކުގައި ކުންފުނީގެ މަންދޫބެއްގެ ގޮތުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ބައިވެރިވެވަޑައިގެންނެވި ކަމަށް އަދީބު ވިދާޅުވި

ރ. ފުއްގިރި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސް ލިމިޓެޑްއަށް ކުއްޔަށް ދޫކުރުމުގެ މަޝްވަރާތަކުގައި އެ ކުންފުނީގެ މަންދޫބެއްގެ ގޮތުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ބައިވެރިވެވަޑައިގެންނެވި ކަމަށާއި ޔާމީން އެ ރަށް އެންމެ 400،000 ޑޮލަރަށް ދޫކުރަން އުޅެނިކޮށް އެކަން ހުއްޓުވި ކަމަށް ވިދާޅުވެ، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވައިފި އެވެ.

ވީ ކިިހިނެއް؟ - ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތާ ގުޅިގެން ހަތަރު ފަރާތެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރެ އެވެ. އެއީ:

  • ކުރީގެ ރައީސް އަބްދުﷲ ޔާމީން - ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

  • އަހުމަދު ކްރިކް ރިޒާ - ރިޝްވަތު ހިފުމުގައި މެދުވެރިއަަކަށްވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

  • ސަން ކޮންސްޓަރަކްޝަން - މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

  • ސަން އިންވެސްޓްމަންޓް - މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ 

ތަފްސީލް - މި މައްސަލާގައި މިއަދު ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމުގައި މިހާރު ކުރިއަށްދަނީ އަދީބުގެ ހެކިބަސް ނެގުމުގެ ބަ އެވެ.

ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ، 2012 އިން ފެށިގެން ޖުލައި 2015އަށް ޓޫރިޒަމް މިނިސްޓަރުކަން އަދި އޭގެ ފަހުން އޮކްޓޯބަރު 2015އަށް ނައިބު ރައީސްކަން ކުރެއްވީ ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ. ނައިބު ރައީސަކަށް ހުންނެވިއިރު ވެސް ޓޫރިޒަމް މިނިސްޓްރީގެ ކަންކަން އޭނާ ބެލެހެއްޓެވީ ޔާމީން އެ ގޮތަށް ބޭނުންފުޅުވުމުން ކަމަށް އަދީބު ވިދާޅުވި އެވެ.

ފުއްގިރި މުއާމަލާތާ ގުޅޭ ގޮތުން އަދީބު ވިދާޅުވީ:

  • އެ ކަމުގައި ފުރަތަމަ އޭނާއާ ވާހަކަދެއްކެވީ ޔާމީން 

  • އެ ރަށް ކުއްޔަށް ހިފަން ބޭނުންވާ އިންޑިއާގެ ވަރަށް ވަރުގަދަ ވިޔަފާރިވެރިންތަކެއް އަންނާނެ ކަމަށާއި 2.5 މިލިއަން ޑޮލަރަށް އެ ރަށް އެ މީހުންނަށް ދިނުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޔާމީން އެންގެވި

  • 2.5 މިލިއަން ޑޮލަރަށް އެ ރަށް ދޫކުރަން ކްލެސިކް ސިޓީ ކުންފުންޏާ މަޝްވަރާކޮށް، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ވެސް ހުށަހެޅި

  • އިންޑިއާގެ އެ މީހުންނާ އެކު ބޭއްވި އެ ބައްދަލުވުމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ބައިވެރިވެވަޑައިގެންނެވި

  • އިބްރާހިމް ރަޝީދު އެ ބައްދަލުވުމުގައި އިންނެވީ އިންޑިއާ މީހުންގެ މަންދޫބެއްގެ ގޮތުން

އޭގެ ފަހުން، އެ ރަށާ ގުޅޭ ގޮތުން ހިނގައިދިޔަ މުއާމަލާތްތަކުގެ ގޮތުގައި އަދީބު ފާހަގަކުރެއްވި ކަންކަމަކީ:

  • އެ ބައްދަލުވުމަށް ފަހު ފުއްގިރި މުއާމަލާތުގައި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއި އަދީބާ މުއާމަލާތް ކުރަމުން ދިޔައީ އެ މައްސަލާގައި ދެން ދައުވާ ލިބޭ އަހްމަދު ކްރިކް ރިޒާ

  • 2.5 މިލިއަން ޑޮލަރަށް އަނގަބަހުން އިންޑިއާ މީހުންނާ އެކު އެއްބަސްވެފައި ވަނިކޮށް، ރަށުގެ އަގު 400،000 ޑޮލަރަށް ކުޑަކޮށް، އެޑްވާންސްއަށް 150،000 ޑޮލަރު ނެގުމަށް ޔާމީން ވިދާޅުވި ކަމަށް ރިޒާ ޒިޔަތު ކައިރީ ބުނި

  • ފުއްގިރި މުއާމަލާތުގެ ތެރޭގައި، މި މައްސަލައިގައި ދައުވާ ލިބޭ ސަން ކުންފުނިތަކުގެ ވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުއާ ބައްދަލުވެ، ވާހަކަދެކެވުނު

  • ސިޔާމްގެ އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފާއި ސިޔާމްގެ ކޮއްކޮ، އަހްމަދު ސާލިމްއާ އެކު ވެސް ބައްދަލުކުރެއްވި

"ރައީސް ޔާމީންއަށް އަޅުގަނޑު ގުޅާފައި އެ ވަގުތު ބުނިން 400،000 އެއީ އެކަށީގެންވާ އަދަދެއް ނޫނޭ،" އެގޮތަށް ރަށް ނުދެވޭނެ ކަމަށް ތަކުރާރުކޮށް ޔާމީންއާ ވާހަަކަދައްވައި ފަހުން އެ އަގު 1.55 މިލިއަން ޑޮލަރަށް ބޮޑުކުރަން ޔާމީން އެއްބަސްކުރުވީ އޭނާކަން ފާހަގަކުރައްވައި އަދީބު ވިދާޅުވި އެވެ.

ހަތަރު ލައްކަ ޑޮލަރަށް އަގު ކުޑަކުރަނީ އިންޑިއާ ކުންފުނީގެ ފަރާތުން ރިޒާގެ އެކައުންޓަށް ޖަމާވާ ކޮމިޝަން ފައިސާ ބޮޑުވާނެތީ ކަމަށް ޔާމީން ވިދާޅުވި ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. އަދި ކޮމިޝަން ފައިސާ ޖަމާވުން ލަސްވެގެން، 1.55 މިލިއަން ޑޮލަރަށް އަގު ބަދަލުކުރި ފަހުން ވެސް އެއްބަސްވުމުގައި ސޮއިކުރުން އެކި ފަހަރު މަތިން ލަސްކުރަން ޖެހުނު ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވި ގޮތުގައި، އެ ރަށް ދޫކުރަން އެއްބަސްވެވުނީ 1.55 މިލިއަން ޑޮލަރު ދެ ބަޔަކަށް ބަހާލައިގެން، އެއްބަސްވުމުގެ ކުރީކޮޅު އެއް ބައި އަދި ފަހުން ބާކީ ބައި ދައްކާ ގޮތަށެވެ.

އަދީބު މިއަދު ވިދާޅުވީ ކޮމިޝަން ފައިސާ އެކައުންޓަށް ޖަމާކުރާ ގޮތާ ބެހޭ ގޮތުން އޭނާ ޔާމީނާ ސުވާލުކުރެއްވި ކަމަށެވެ. 

އެގޮތަށް ސުވާލުކުރުމުން އަދީބު އެކަމާ ކަންބޮޑު ނުވުމަށާއި "އެކަން ސިޔާމްމެން ހަމަޖައްސާނެ" ކަމަށް ޔާމީން ވިދާޅުވި ކަމަށް އަދީބު ވިދާޅުވި އެވެ. އެއީ "ސިޔާމްމެން މީގެ ކުރިން ވެސް ކޮށްފައި ހުރި ކަންކަން" ކަމަށް ޔާމީން ވިދާޅުވި ކަމަށް ވެސް އަދީބު މިއަދު ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - މިއަދު ހެނދުނު 9 އިން ފެށިގެން ކުރިއަށްދާ އަޑުއެހުމުގައި ޒިޔަތުގެ ހެކިބަސް ވެސް ވަނީ ނަގާފަ އެވެ. އެމްއެމްޕީއާރްސީ މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދޫކުރީ ޔާމީންގެ އެންގެވުމަށް، އަދީބު ދެއްވި ލަފައާ އެއްގޮތަށް ކަމަށް ޒިޔަތު މިއަދު ކޯޓުގައި ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް