މިއަދުގެ އަޑުއެހުމުގައި ޒިޔަތު ހެކިބަސް ދެއްވަނީ.

ޒިޔަތަށް ޔާމީންގެ ގިނަ ސުވާލުތަކެއް: 'އަދީބު ބުނާ އެއްޗެއްގެ ތެދުދޮގު ނުބަލަންތޯ'

ޒިޔަތު ވިދާޅުވީ، އަދީބަކީ ސްކޫލު ދައުރުން ފެށިގެން ގާތް އެކުވެރިއެއް ކަމަށް؛ ފުއްގިރި މައްސަލާގައި ސީދާ ޔާމީނާ ވާހަކަދެކެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި

އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަށް، އޭރުގެ ޓޫރިޒަމް މިިނިސްޓަރު އަހްމަދު އަދީބު ދެއްވި ލަފައާ އެއްގޮތަށް ކަމަށް ވިދާޅުވެ، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރަކަށް އޭރު ހުންނެވި އަބްދުﷲ ޒިޔަތު މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވައިފި އެވެ. އެއާ އެކު، ޔާމީން ވަނީ ވާހަތަކުގެ ތެދު ދޮގު ނުބައްލަވަންތޯ ޒިޔަތު ކުރެން އައްސަވައި އޭނާއާ ގިނަ ސުވާލުތަކެއް އަމާޒުކުރައްވާފަ އެވެ.

ވީ ކިހިނެއް؟ - ފުއްގިރި މައްސަލާގައި ކުރީގެ ރައީސް ޔާމީން އާއި އިތުރު ތިން މީހެއްގެ މައްޗަށް މިހާރު ކުރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތްތަކުގައި އެ ފަރާތްތަކާ ދެކޮޅަށް ހެކިބަސް ދެއްވަން ދައުލަތުން ވަނީ ޒިޔަތު ހުށަހަޅާފަ އެވެ.

ތަފްސީލް - މިއަދު ބޭއްވި އަޑުއެހުމުގައި، ޒިޔަތު އެ ގޮތަށް ވިދާޅުވީ، ފުއްގިރި މުއާމަލާތުގައި އޭނާއާ މުއާމަލާތު ކުރައްވަމުން ގެންދެވި އަދީބު އެ ގޮތަށް ވިދާޅުވަމުންދިޔަކަން ފާހަގަކުރައްވަ އެވެ. އެގޮތުން، ރަށް ކުއްޔަށް ދޫކުރުމަށް ފުރަތަމަ ކަނޑައެޅި 2.5 މިލިއަން ޑޮލަރު ފަހުން 1.55 މިލިއަން ޑޮލަރަށް ކުޑަ ކުރީ ވެސް ޔާމީން އަންގަވައިގެން ކަމަށް އަދީބު ވިދާޅުވި ކަމަށް ޒިޔަތު ވިދާޅުވި އެވެ.

މި މުއާމަލާތުގައި ސީދާ ޔާމީން އާއި ޒިޔަތާ މުއާމަލާތު ކުރެވިފައި ނެތަސް، އެ ރަށް ކުއްޔަށް ދިނުމުގައި ކަންކުރަންވީ ގޮތުގެ ލަފާ އަދީބު ދެއްވިއިރު، އެއީ ޔާމީން އެންގެވި ގޮތް ކަމަށް ވިދާޅުވި ކަމަށް ޒިޔަތު މިއަދު ވެސް ވިދާޅުވި އެވެ.

މިއަދު ހެކިބަސް ނެގުމުގެ އަޑުއެހުމުގައި ޒިޔަތު ހެކިބަސް ދެއްވަނީ.

ޒިޔަތާ ސުވާލުކުރަން ޔާމީންގެ ވަކީލުންނަށް ޝަރީއަތުން ދިން ފުރުސަތުގައި ޔާމީން ވަނީ ސުވާލުކުރުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.

އަދީބާއި ޒިޔަތާ މެދު އޮންނަ ގާތް ކަމާ ގުޅޭ ގޮތުން ޔާމީން ސުވާލުކުރެއްވި އެވެ. ޒިޔަތު ވިދާޅުވީ:

  • އަދީބަކީ ސްކޫލު ދައުރުން ފެށިގެން ގާތް އެކުވެރިއެއް 

  • ދެ މީހުން ދަންނަތާ 20 އަހަރު ވެދާނެ

  • އެމްއެމްޕީއާރުސީގެ ވަޒީފާ ލިބުނީ ވެސް ސަރުކާރުގެ ވަޒީފާއަކަށް އަދީބު ކައިރީ އެދިވަޑައިގަތުމުން

ދެން ޔާމީން ސުވާލުކުރެއްވީ އެ މަނިކުފާނަކީ ޒިޔަތާ ދެކެފަރިތަ މީހެއްތޯ އެވެ. 

ޖަވާބުގައި ޒިޔަތު ވިދާޅުވީ، އޭނާއާ ޔާމީނާ ބައްދަލުވީ ވަރަށް މަދު ފަހަރަކު ބައެއް ޖަލްސާތަކުން ކަމަށެވެ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގައި ވެސް ޔާމީނާ ސީދާ ދިމާވެގެން ވާހަކަދެކެވިފައި ނުވާ ކަމަށް ޒިޔަތު ވިދާޅުވި އެވެ. އެކަމަކު އެކަމާ ގުޅިގެން ކޮންމެވެސް ވަރަކަށް މެސެޖުން ވާހަކަދެކެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިޔަތު އެ ގޮތަށް ވިދާޅުވާތީ ޔާމީން ދެން ސުވާލުކުރެއްވީ އެ މެސެޖުތަކަކީ ސީދާ ޔާމީން ކުރެއްވި މެސެޖުތަކެއްކަން ޔަގީންކުރަނީ ކިހިނެއްތޯ އާއި އެއީ ކޮމްޕިއުޓަރައިޒް މެސެޖަކަށް ވުމުގެ ފުރުސަތު އޮންނާނެތޯ އެވެ. އެއީ އެފަދަ މެސެޖުތަކަކަށް ވުމުގެ ފުރުސަތު އޮވެދާނެ ކަމަށް ޒިޔަތު މިއަދު އެއްބަސްވެވަޑައިގަތެވެ.

އެފަދަ ފުރުސަތެއް އޮވެދާނެކަން ގަބޫލުކުރައްވާއިރު، ރައީސް އަންގަވާ ގޮތް ކަމަށް ގާތް ބޭފުޅަކު ވިދާޅުވެގެން ކަންކަން ކުރުމުގެ ކުރިން އެއީ ސީދާ ރައީސް އަންގަވައިގެން ކުރާ ކަމެއްކަން ނުވަތަ ރައީސް ވިދާޅުވި އެއްޗެއްކަން ކަށަވަރުކުރަން މަސައްކަތް ނުކުރައްވަންތޯ ޔާމީން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ޒިޔަތު ވިދާޅުވީ، އެކަން ޔަގީންކުރަން މަސައްކަތް ނުކުރައްވާ ކަމަށެވެ.

"އާދެ، އެކަންކަން ޔަގީންނުކޮށް، އަދީބު ވިދާޅުވާ އެއްޗެއް އެ ވިދާޅުވި ގޮތަކަށް އަޑުއަހައިގެން ވަރަށް ގާތް މީހެއްގެ މައްޗަށް އިތުބާރުކުރައްވާ ތިކަން ތިކުރައްވަނީ،" އަދީބުގެ ވާހަކަތަކުގެ ތެދު ދޮގު ޔަގީން ނުވާއިރު، އެ މުއާމަލަތުގައި ހިނގި ކަންކަމަކީ ސީދާ ޔާމީން އަންގަވައިގެން ކުރި ކަންކަމޭ ބުނުމުގެ ފުރުސަތު ނެތްކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވި އެވެ.

އެނގުން މުހިންމު - މިއަދު ހެނދުނު 9ގައި ފެށި ހެކިބަސް ނެގުމުގެ އަޑުއެހުމުގައި، ޒިޔަތުގެ ހެކިބަސް ނަގަން ހަ ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަވި އެވެ. މިހާރު ކުރިއަށްދަނީ އަދީބުގެ ހެކިބަސް ނެގުމެވެ.

މައްސަލައިގެ ހުލާސާ

ފުއްގިރި މައްސަލާގައި ސަންގެ ދެ ކުންފުނީގެ މައްޗަށާއި ޔާމީން އަދި އަހުމަދު ކްރިކް ރިޒާގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގައި ދައުލަތުން ބުނެފައިވަނީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް 9 ސެޕްޓެމްބަރު 2015ގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސް ލިމިޓެޑްއަށް ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތެއް ހިންގާފައިވާ ކަމަށެވެ.

މި މުއާމަލާތާ ގުޅިގެން ދައުލަތުން ތުހުމަތުކޮށްފައިވާ ގޮތުގައި:

  • 29 މޭ 2016 - ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި ޔާމީން ހޯއްދެވި ކަމަށް ތުހުމަތުކުރެވޭ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު ޔާމީންގެ އެންގުމަށް، ރިޒާގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކުން ސަން ކޮންސްޓްރަކްޝަންއަށް ދޫކޮށްފައިވޭ

  • 31 މޭ 2016 - ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ދައްކައިގެން، މި ޗެކް ސަން ކޮންސްޓްރަކްޝަންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރި 

  • 7 ޖޫން 2016 - އެ ފައިސާ ސަން އިންވެސްޓްމަންޓްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް 'އިންހައުސް ފަންޑް ޓްރާންސްފާ'އެއްގެ ގޮތުގައި ޖަމާކުރި 

  • 7 ޖޫން 2016 - މި ފައިސާއަށް އިތުރު 1،000 ޑޮލަރު އެއްކުރުމަށް ފަހު، ޖުމްލަ 1.18 މިލިއަން ޑޮލަރު 'އިންޓަ ކޮމްޕެނީ ފަންޑް ޓްރާންސްފަ'އެއްގެ ގޮތުގައި ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށް، ފައިސާ ފަށަލަކޮށްދީ ލޯންޑަކޮށްފައިވޭ

ކޮމެންޓް (1)

ހޯހޯ

12 ޖޫން 2023
ޔާމީން ލަދުފުޅެއްވެސް ނުގަނޭ ދެއްތޯ ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް