ރަކީދޫގެ ބޮޑުމަގުމަތި: ރަށުގެ ހުރިހާ ދިމާއަކުން ވެސް މިހާރު ފެންނަނީ ހަމަހިމޭންކަން (ފޭސްބުކް ފޮޓޯ/އަދްނާން ހަލީމް)
ބޯހިމެނުން 2022: 100 މީހުން ހަމަނުވާ އޮތީ އެންމެ ރަށެއް
އާބާދީގައި 100 މީހުން ހަމަނުވާ ހަމައެކަނި ރަށަކީ ވ. ރަކީދޫކަން ބޯހިމެނުމުގެ ތަފާސްހިސާބުތަކުން އެނގިއްޖެ އެވެ.
އެނގުން މުހިއްމު - އަށް އަހަރަށް ފަހު ރާއްޖޭގައި ބޯހިމަނާފައިވަނީ މިދިޔަ އަހަރެވެ. އޭގެ ރަސްމީ މައުލޫމާތު މިއަދު އާއްމުކޮށްފައި ވާއިރު، އާބާދީއަށް ބޮޑު ކުރިއެރުމެއް އައިސްފައިވާ ތަން، ނަތީޖާއިން ފެނެ އެވެ. އެގޮތުން:
-
2014 ވަނަ އަހަރު ރާއްޖޭގެ އާބާދީއަކީ 515،132 މީހުން
-
މިދިޔަ އަހަރުގެ އާބާދީއަކީ 402،071 މީހުން
ވީ ކިހިނެއް؟ - މިދިޔަ އަށް އަހަރުގެ ތެރޭގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން މާލެ ފިޔަވައި އާބާދީއަށް އެންމެ ބޮޑު ބަދަލެއް އައި އެއް ރަށަކީ ވ. ރަކީދު އެވެ. އެގޮތުން، މިހާރު އެ ރަށް ވެފައިވަނީ، ރަށުގައި ދިރިއުޅޭ މީހުންގެ އާބާދީ 100އަށް ވުރެ ތިރިވެފައިވާ ހަމައެކަނި ރަށަށެވެ.
ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި އާބާދީ ދެ ވަނައަށް އެންމެ ބޮޑަށް މަދުވި ރަށަކީ ވެސް ރަކީދު އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:
-
2014 ވަނަ އަހަރު ރަކީދޫގައި 106 މީހުން ދިރިއުޅުނު
-
މިހާރު އެ ރަށުގައި އުޅެނީ 76 މީހުން
-
އޭގެ ތެރެއިން 14 މީހުންނަކީ ބިދޭސީން
-
ރަށުގައި ދިރިއުޅޭ މީހުންގެ ނިސްބަތް، އަށް އަހަރުގެ ތެރޭގައި ވަނީ %4.2 ދަށްވެފައި؛ މިއީ އެހެން ރަށްރަށާ އަޅާބަލާއިރު މަތީ އަދަދެއް
-
ރާއްޖޭގައި ސްކޫލެއް ނުހުންނަ ހަމައެކަނި ރަށަކީ ވެސް ރަކީދޫ
ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ މީހުންގެ އަދަދު 500އަށް ނާރާ 32 ރަށް އޮވެ އެވެ. އޭގެ ތެރެއިން، ދިރިއުޅޭ އާބާދީ 200 މީހުންނަށް ނާރާ ފަސް ރަށަކީ:
-
ރަކީދޫ - 76 މީހުން
-
އދ. ދިއްދޫ - 141 މީހުން
-
މ. ރަތްމަންދޫ - 171 މީހުން
-
ލ. މުންޑޫ - 176
-
ބ. ފެހެންދޫ - 198 މީހުން
މިއީ އަށް އަހަރު ކުރިން ވެސް ބައިމަދު ރަށްތަކެކެވެ. އެކަމަކު ވޭތުވެ ދިޔަ އަހަރުތަކުގައި އެ ރަށްތަކުގައި ދިރިއުޅޭ މީހުންގެ ނިސްބަތް ވަނީ މަތިވެފަ އެވެ. އެގޮތުން، ފެހެންދޫގެ އާބާދީގައި ކުރިން ކިރިޔާ 100 މީހުން ހަމަވި ނަމަވެސް، މިހާރު އެ ރަށުގައި ދިރިއުޅޭ އާބާދީ 198 މީހުންނަށް ވަނީ އިތުރުވެފަ އެވެ.
އަށް އަހަރުގެ ތެރޭގައި، ދިރިއުޅޭ މީހުންގެ އާބާދީ އެންމެ ބޮޑަށް ދަށްވެފައިވަނީ ގއ. ކޮލަމާފުށީގަ އެވެ. އެގޮތުން، އެ ރަށުގައި ދިރިއުޅޭ މީހުންގެ އާބާދީ، 2014 ވަނަ އަހަރާ ބަލާއިރު މިދިޔަ އަހަރު އެ އަދަދު ވަނީ %5.1 ދަށްވެފަ އެވެ. ކުރިން އެ ރަށުގައި 958 މީހުން އުޅުނު ނަމަވެސް މިހާރު އުޅެނީ 636 މީހުންނެވެ.
ޖުމްލަކޮށް ބަލާއިރު، އެންމެ ބޮޑަށް އާބާދީ ދަށްވެފައިވަނީ ގދ. އަތޮޅުގެ ރަށްތަކުންނެވެ. އެގޮތުން:
-
ވާދޫގެ އާބާދީ %4 ވަނީ ދަށްވެފައި؛ އެއީ 196 މީހުންގެ މަދުވުމެއް
-
ފަރެސްމާތޮޑާގައި ދިރިއުޅޭ މީހުންގެ އާބާދީން 246 މީހުން މަދުވި
-
ނަޑެއްލާގެ އާބާދީ %3.6އަށް ވަނީ ދަށްވެފައި
-
ރަތަފަންދޫގައި ކުރީގައި 550 މީހުން އުޅުނަސް ރަށުގައި މިހާރު އުޅެނީ 431 މީހުން