މިއަދުގެ އަޑުއެހުމަށް ހާޒިރުވީ މައްސަލަ ރައްދުވާ މަފާޒް އަދި ޝާމިން އެކަނި
ނަދީމްގެ މަރު: ދޫކޮށްލާފައި ތިބި މީހުންގެ ސަބަބުން މުޖުތަމައުއަށް ނުރައްކާ އޮތުމުން ބަންދުކޮށްދޭން އެދިއްޖެ
މާލޭގައި ކުރިން ހިންގި ޓާމިނަލް ކެފޭ ތެރޭގައި ހުއްޓާ ތޫނު އެއްޗަކުން ބޮޮލަށް ހަމަލާދީ މަރާލި ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލުމަށް ފަހު އެ ދައުވާ ސާބިތުނުވުމުން ދޫކޮށްލި މީހުންގެ ސަބަބުން މުޖުތަމައުއަށް ނުރައްކާ އޮތުމުން އެމީހުން ބަންދު ކޮށްދިނުމަށް ދައުލަތުން ހައި ކޯޓުގައި މިއަދު އެދިއްޖެ އެވެ.
އެނގުން މުހިންމު - ދައުވާ ސާބިތުނުވުމުން ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނޭ މުހައްމަދު މަފާޒު ހުސެއިން ސަލީމް، ދޫކޮށްލާފައި ހުއްޓާ މާރާމާރީ ހިންގަން އުޅެނިކޮށް މިދިޔަ މަހު ހައްޔަރުކުރި އެވެ. ނަމަވެސް ދައުވާ އުފުލުމަށް ފަހު އޭނާ އަނެއްކާވެސް ހުރީ ދޫކޮށްލާފަ އެވެ.
-
އިތުރަށް ކިޔާލަން - ގިނަ މާރާމާރީތަކެއްގެ ތުހުމަތުކުރެވޭ މަފާޒް ކޯޓުން ދޫކޮށްލައިފި
ވީ ކިހިނެއް؟ ޖުލައި 2017ގައި ނަދީމް މަރާލީ، ސައިކަލުތަކެއްގައި އައި ބައެއްގެ ތެރެއިން މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ޓާމިނަލް ކެފޭ ތެރެއަށް ވަދެ، އޭނާގެ ބޮލަށް ވަޅިން ހަމަލާ ދީގެންނެވެ. މި މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންނަކީ:
-
މުހައްމަދު މަފާޒު ހުސެއިން ސަލީމް، ގ. ޝާރާޒް
-
އަލީ ނިފާޒު، ލ. ގަން/ވިދާތަރި
-
ހުސެއިން ޝާމީން، ރ. އިންނަމާދޫ/ސަމަންތާ
-
މުހައްމަދު ކަރަމް ސުހައިލް، ގއ. ގެމަނަފުށި/ހަވާސް
-
ކުޑަކުއްޖެއް (އޭނާގެ މައްސަލަ ކުރިއަށްދަނީ ޖުވެނައިލް ކޯޓުގައި)
މަފާޒަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ ކުރިއިރު، ދެން ތިބި މީހުންގެ މައްޗަށް ކުރީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުނުވުމުން 14 ނޮވެމްބަރު 2022ގައި މި އެންމެން ވަނީ މިނިވަންވެފަ އެވެ.
މި ނިންމުން ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
-
އިތުރަށް ކިޔާލަން - ނަދީމް މަރާލި މައްސަލަ މަފާޒުގެ މައްޗަށް ސާބިތެއް ނުވި
ތަފްސީލް - މިއަދު އޮތް އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ، ދައުވާ ސާބިތުނުވެގެން ދޫކޮށްލާފައި ތިބި މީހުންގެ ބަންދާ މެދު ގޮތެއް ކަނޑައަޅައިދިނުމަށް ދައުލަތުގެ ފަރާތުން އެދިފައިވާތީ ކުރިއަށް ގެންދިޔަ އަޑުއެހުމެކެވެ.
މިއަދުގެ އަޑުއެހުމަށް ހާޒިރުވީ މައްސަލަ ރައްދުވާ ހަތަރު މީހުންގެ ތެރެއިން، މަފާޒް އާއި ހުސެއިން ޝާމީން އެވެ.
އެމީހުން ބަންދުކުރަން ދައުލަތުން އެދުނު ސަބަބުތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު އަހްމަދު ނައުފަލް ވިދާޅުވީ ކުށް ސާބިތުނުވާ މީހެއްގެ މައްސަލަ އިސްތިއުނާފް ކުރާއިރު، އެމީހަކީ ބަންދުގައި ހުންނަން ޖެހޭ މީހެއް ކަމަށް ދައުލަތަށް ފެނިއްޖެ ނަމަ އެމީހަކީ ހައި ކޯޓު އިސްތިއުނާފް މަރުހަލާ ނިމެންދެން ބަންދުގައި ހުންނަން ޖެހޭ މީހެއް ކަމަށް ހައި ކޯޓުގައި އެދުމުގެ ފުރުސަތު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލިބިދޭ ކަމަށެވެ.
ދައުލަތުން ބުނީ:
-
ކުށުގެ ތުހުމަތުވާ މީހުން ބަންދުގައި ބަހައްޓަން މިއެދެނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ފެންނާތީ
-
ކުށުގެ ތުހުމަތުކުރެވޭ މީހުންނަކީ ގަސްތުގައި މީހަކު މަރާލި މައްސަލައެއްގެ ދައުވާ އޮތް ބައެއް؛ އެމީހުން ބަންދުގައި ބަހައްޓަން ޖެހެނީ އިތުރު މީހަކު މަރާލީމާ އެކަންޏެއް ނޫން
-
އެމީހުންނަކީ ކްރިމިނަލް ކޯޓުގައި މައްސަލަ ހިނގި އިރު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ބައެއް
-
ކުށް ސާބިތުނުވާ ކަމަށް ނިންމި ފަހުން މަފާޒުގެ މައްޗަށް އިތުރު ކުށުގެ ރިކޯޑުތަކެއް އެބަހުރި؛ މިފަހުން އިތުރު ދެ މައްސަލައެއްގައި ދައުވާ ވެސް އުފުލާފައިވޭ
ފާހަގަކޮށްލެވޭ ކަމެއް - މަފާޒް އާއި ޝާމިން ފަރާތުން ވަކީލަކާ އެކު މައްސަލާގައި ޖަވާބުދާރީވާން ބޭނުންވާތީ، ހައި ކޯޓުގައި މި މައްސަަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ނިންމެވީ، ވަކީލަކު ހަމަޖައްސަން ތިން ދުވަހުގެ ފުރުސަތު ދިނުމަށެވެ.
އެހެންވެ، ދެން އަޑުއެހުމެއް ބާއްވާނީ ވަކީލުން ހަމަޖައްސަން ދިން މުއްދަތު ހަމަވުމުންނެވެ.
ފަސް ފަހަތް
ނަދީމުގެ މަރުގެ ތުހުމަތުކުރެވޭ ހަތަރު މީހަކު ބަންދުކޮށްދިނުމަށް ދައުލަތުން ހައި ކޯޓުގައި އެދިފައި މިވަނީ، އެ މައްސަލާގައި ތުހުމަތުކުރެވޭ މަފާޒް ތިން ފަހަރެއްގެ މަތިން ހައްޔަރުކޮށް، ދެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ފުލުހުން އެދިފައިވަނިކޮށެވެ. އޭނާގެ މައްޗަށް ކުރަނީ:
-
މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުން
-
ގާނޫނު ތަންފީޒުކުރާ މީހެއްގެ މަސައްކަތަށް ހުރަސް އެޅުން
-
ގައިގައި އަތްލުމުގެ ދެ ދައުވާ
-
މުދަލަށް ގެއްލުން ދިނުން
ނަދީމް މަރާލި ކަމުގެ ދައުވާ ސާބިތު ނުވުމުން މަފާޒް ދޫކޮށްލި ފަހުން:
-
އޭގެ ފަސް މަސްދުވަސް ފަހުން ވަނީ، އިތުރު މާރާމާރީއެއް ހިންގައި ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި؛ އެ މައްސަލައާ ގުޅިގެން ހަތް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލި
-
އޭގެ ފަހުން، މިދިޔަ މަހުގެ 3 ވަނަ ދުވަހު، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި ހައްޔަރުކުރި މީހުންގެ ތެރޭގައި މަފާޒް ވެސް ހިމެނޭ