އިބްރާހިމް އަފީފް

ސީޝެލްސް

އިބްރާހިމް އަފީފުގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދެނީ

އަފީފްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދޭން ފެށީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ފަހު އެނބުރި ސީޝެލްސް އަށް ވަޑައިގެންނެވިތަނާ

ދިވެހި ދައުލަތާ ވަކިން ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅުގައި އުފެއްދި ސަރުކާރު، ޔުނައިޓެޑް ސުވައިދީބު ރިޕަބްލިކްގެ ލީޑަރު އަބްދުﷲ އަފީފުގެ ދޮށީ ދަރިކަލުން އިބްރާހިމް އަފީފްގެ ހާލު ސީރިއަސްވެ، ސީޝެލްސްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އިބްރާހިމް އަފީފް އާ ގާތް ގުޅުމެއް އޮންނަ، ހެރިޓޭޖު މިނިސްޓްރީގެ ރިސާޗު އެނަލިސްޓް މުހައްމަދު ނާޖިހު މިއަދު 'ދައުރު'އަށް ވިދާޅުވީ އަފީފްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދޭން ފެށީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ފަހު އެނބުރި ސީޝެލްސް އަށް ވަޑައިގެންނެވިތަނާ ކަމަށެވެ.

ތަފްސީލް - މިދިޔަ ބުދަ ދުވަހު އަފީފް އެނބުރި ސީޝެލްސް އަށް ވަޑައިގެންނެވިތަނާ މަތިންދާބޯޓުން ސީދާ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ނާޖިހު ވިދާޅުވި އެވެ.

މިހާރު އުމުރުން 60ގެ ފަހުގެ އަހަރުތައް ގުނުއްވަމުން ގެންދަވާ އިބްރާހިމް އަފީފް އަކީ ސީޝެލްސްގެ މީޑިއާ ކޮމިޝަންގެ ޗެއާ އެވެ. މީގެ އިތުރުން އެ ގައުމުގެ އިސްލާމިކް ސޮސައިޓީގެ ނައިބަކީ ވެސް އަފީފް އެވެ.

ފާހަގަ ކުރެވޭ ކަމެއް - އަފީފްގެ ކޮއްކޯފުޅު، އަހުމަދު އަފީފް އަކީ މިހާރު ސީޝެލްސްގެ ނައިބު ރައީސް އެވެ.

އެނގުން މުހިއްމު - ދެކުނުގައި އުފެއްދި ވަކި ސަރުކާރު ނިމުމަކަށްއައީ 1963 ވަނަ އަހަރު އެވެ. ވެރިކަން ނިމުމުން އަބްދުﷲ އަފީފް ރާއްޖެ ދޫކުރައްވައި އާއިލާއާއެކު ވަޑައިގެން ދިރިއުޅުއްވީ ސީޝެލްސްގައެވެ. އަފީފް ވަނީ 1993 ވަނަ އަހަރު އަވަހާރަވެފަ އެވެ. ސީޝެލްސް އަށް ވަޑައިގެންނެވި އިރު އިބްރާހިމް އަފީފްގެ އުރުފުޅުން ގާތްގަނޑަކަށް ނުވަ އަހަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް