ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހާ ހޮސްޕިޓަލަށް ގެންދަނީ
ފަތިސް ނަމާދުން ފޭބި މީހެއްގެ ގައިގާ ސައިކަލަކުން ޖެހި ހާލު ސީރިއަސްވެ ފަރުވާދެނީ
މާލޭގައި ރޭ ފަތިސް ނަމާދުން ފައިބައިގެން ހިނގާފައި ދިޔަ މީހެއްގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އޭނާގެ ހާލު ސީރިއަސްވެ ފަރުވާ ދޭން ފަށައިފި އެވެ.
ފާހަގަކޮށްލެވޭ - ފުލުހުން ބުނި ގޮތުގައި ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ވެހިކަލް ދުއްވުމުގެ ލައިސެންސެެއް ނެތެވެ.
ވީ ކިހިނެއް؟- އެ އެކްސިޑެންޓް ހިނގީ، ސުލްތާން އާދިލް މިސްކިތް ކައިރީ، ރޭ ފަތިހު 5:01 ހާއިރު އެވެ.
ތަފްސީލު - މަގުމަތިން ހިނގާފައި ދަނިކޮށް، މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދެމުން އަންނަނީ، އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ފުލުހުންގެ ތަރުޖަމާނު 'ދައުރު'އަށް ވިދާޅުވީ، އެމީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
"އެކްސިޑެންޓްގައި ސައިކަލު ދުއްވި 22 އަހަރުގެ ދިވެހި ފިރިހެން މިހާ އަކީ، ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް މީހެއް،" މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަން ފާހަގަކޮށް، ތަރުޖަމާނު ވިދާޅުވި އެވެ.
އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހުރި މީހަކު އަނިޔާވި މީހާ ގެންދާ ވީޑީއޯއަކާއެކު ކުރި ޓްވީޓެއްގައި ބުނީ، އެމީހާ އެކްސިޑެންޓްވީ ފަތިސް ނަމާދުން ފައިބައިގެން ދަނިކޮށް، ވަރަށް ބާރަށް ދުށްވާފައި އައި ޖީއެން ސައިކަލެއްގައި ޖެހިގެން ކަމަށެވެ. އޭނާ ވަނީ އެ އެކްސިޑެންޓް ހިނގި ވަގުތު އޭނާއަށް ފެނުނު ބައެއް މަންޒަރުތައް ކިޔައި ވެސް ދީފަ އެވެ.
"އެއީ ކޮންމެ ރެޔަކު ފަތިސް ނަމާދުން ފެންނަ ވަރަށް ހެޔޮލަފާ ސޯލިހް އަޅުވެރިއެއް. އޭނަ ވެއްޓި އަނގައިން ބޮކިބޮކިލާފައި ލޭ އައި މަންޒަރު އަދިވެސް ލޯކުރިމަތިން ފެންނަނީ،" އެކްސިޑެންޓްވީ މަންޒަރު ދުށް ފަރާތުން ޓްވީޓާގައި މައުލޫމާތު ހިއްސާކުރަމުން ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ހޮސްޕިޓަލުގެ ބަހެއް އަދި ނުލިބެ އެވެ.