ފީވަކު ބަނދަރަށް ވަންނަން އުޅެނިކޮށް މިއަދު ދޯނި ބަންޑުން ޖަހާލާފައި. (ފޮޓޯ/ އިނާން)

ފީވަކަށް ވަންނަން ދިޔަ ދޯންޏެއް ނެރު މައްޗަށް ބަންޑުންޖަހާލައިފި

ބަންޑުން ޖަހާލީ 30 ފޫޓުގެ ދޯންޏެއް. ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ
18 އޮކްޓޯބަރު 2021

ހދ. ކުޅުދުއްފުށިން ފުރައިގެން ށ. ފީވަކަށް ދަތުރުކުރި ކުޑަ ދޯންޏެއް، ފީވަކު ބަނދަރަށް މިއަދު ވަންނަން އުޅެނިކޮށް ނެރުމައްޗަށް ބަންޑުން ޖަހާލައިފި އެވެ.

ވީ ކިހިނެއް؟ - ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ހަސަން ވިދާޅުވިގޮތުގައި މިއަދު ހަވީރު 4:30 ހާއިރު އެ ހާދިސާ ހިނގި އިރު އެ ދޯނީގައި ތިން ދިވެހިން ތިއްބެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ތަފްސީލް - އަލީ ރަޝީދު ވިދާޅުވީ ބަންޑުން ޖަހާލީ، މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)ން އެ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތެއްގައި ބޭނުންކުރާ އެކްސްކެވޭޓަރަކަށް ބޭނުންވާ އެއްޗެއް ހިފައިގެން ދަތުރުކުރި ދޯންޏެއް ކަމަށެވެ. އެއީ ގާތްގަނޑަކަށް 30 ފޫޓުގެ ދޯންޏެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ބަސް - ފުލުހުންގެ ތަރުޖަމާނަކު މީޑިއާތަކަށް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާކަން ފުލުހުން ވެސް ކަށަވަރުކޮށްދިނެވެ.

އެނގުން މުހިންމު - މިއީ ރާއްޖެއަށް މޫސުން ވަރަށް ގޯސް ދުވަސްވަރަކަށް ވާއިރު، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް ދަނީ ހިނގަމުންނެވެ. ބައެއް ހާދިސާތަކުގައި މީހުން މަރުވެފައި ވެސް ވެ އެވެ.

ގުޅުންހުރި - ހދ. އަތޮޅާއި ށ. އަތޮޅާ ދެމެދު އިއްޔެ ދަތުރުކުރަމުން ދިޔަ ސަޕްލައި ބޯޓެއް ކޮޅިގަނޑެއްގައި ޖެހި އެ ބޯޓުގައި ހުރި ދެ ކޮންޓެއިނަރެއް ކަނޑަށް ވެއްޓުނެވެ. އެ ހާދިސާގައި ކޮންޓެއިނަރަކުން ޖެހި ބިދޭސީއެއްގެ ބޯ ފަޅައިގެންދިޔަ އެވެ. ކަނޑަށް ވެއްޓުނު ދެ ކޮންޓެއިނަރު ވަނީ ފީވަކަށް އަރުވައިފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް