'ޕްރެކްޓިސް ޕާލިމެންޓް' ނިންމުމުގެ ރަސްމިއްޔާތުގައި މަޖިލީހުގެ ނައިބު ރައީސް ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

ބޭނުން ނުވާ މީހަކު ވެރިކަމަށް ނުގެންނަން ވެސް ޒުވާނުން ވޯޓުލާން ނުކުންނަން ޖެހޭ: އިވާ

އީވާ ވިދާޅުވި ގޮތުގައި ވޯޓުލާން ރަނގަޅު ކެންޑިޑޭޓަކު ނެތުމަކީ ވޯޓު ނުލާން ޖެހޭ ސަބަބެއް ނޫން ކަމަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލާނެ ރަނގަޅު ކެންޑިޑޭޓެއް ނެތް ކަމަށް ބުނެ، ވޯޓުލާން ނުނިކުންނަން ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި ބޭނުން ނުވާ މީހަކު ވެރިކަމަށް ނުގެނައުމަށް ވިޔަސް ވޯޓުލުމަށް ދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ، ޒުވާނުންގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - އީވާ މިގޮތަށް ވިދާޅުވީ، ޒުވާނުންނަށް އަމާޒުކޮށް މަޖިލިހުން ކުރިއަށް ގެންދިޔަ 'ޕްރެކްޓިސް ޕާލިމަންޓް'ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު މިއަދު ހުއްޓި މިހުރީ، ވޯޓުލާންވީ ވަކި ބައެކޭ ބުނާކަށް ނޫން. އަޅުގަނޑު މިއަދު ހުއްޓި މިހުރީ، ވޯޓު ލައްޗޭ، ވޯޓު ލެވޭ މީހާ ހެޔޮ ނުވާނޭ ވޯޓު ލައްޗޭ [ބުނަން]،" މަޖިލިސް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވި އެވެ.

މަޖިލީހުގެ 50 މެންބަރުން ސޮއިކޮށް، މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރަން ހުށަހަޅާފައިވާ އިވާ ވިދާޅުވީ ވޯޓުލާނެ ރަނގަޅު މީހެއް ނެތުމުން ބައެއް ޒުވާނުން ވޯޓު ނުލާނެ ކަމަށް ބުނަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ، ވޯޓު ނުލާ ހުންނަން ޖެހޭ ސަބަބެއް ނޫން ކަމަށް އިވާ ފާހަގަ ކުރެއްވި އެވެ.

"އެއީ، ވޯޓު ނުލީމާ ކިހިނެއް ވަނީ؟ ވޯޓު ނުލީމަ އޭގެ މާނަކީ، ޑިފެކްޓްކޮށް އަނެއް މީހާއަށޭ ތިޔަ ކުދިންގެ ވޯޓު އެ ލައިދޭނީ. އަނެއް މީހާ އަތަށް އެ ދޫކޮށްލެވެނީ، ފަސް އަހަރަށް ވަރަށް ބޮޑު ބާރެއް،" ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ތިން ވަނަ ދައުރަކަށް ފުރުއްވަމުން ގެންދަވާ އީވާ ވިދާޅުވި އެވެ.

"އެންމެ ބޭނުންވާ ގޮތް ފަހަރެއްގައި ނުވެދާނެ. އެކަމަކު އެންމެ ބޭނުން ނުވާ ގޮތް އެނގެއެއްނު؟ އެންމެ ބޭނުން ނުވާ ގޮތާ ދުރަށްދާން ވެސް ވޯޓު ލާން ވާނެ. އެހެންވީމާ އެންމެ ބޭނުންވާ ...[މީހާއަށް] ނުލެވެންޏާ، އެންމެ ބޭނުންވާ... [މީހާ] ނުގެންނަން ނަމަވެސް [ވޯޓުލުމުގައި] ބައިވެރިވާން ވާނެ."

އީވާ އިތުރަށް ވިދާޅުވީ:

  • ޒުވާނުން ސިޔާސީ ކަންކަމަށް ޝައުގެއް ނެތް ކަމަށް ދައްކާ ވާހަކަ އޭނާއަށް ގަބޫލު ނުކުރެވޭ ކަމަށް

  • އެއީ، ސޯޝަލް މީޑިއާގައި ޒުވާނުން ދަނީ ސިޔާސަތުތަކަށާއި ސިޔާސީ މީހުން ކުރާ ކަންކަމަށް ފާޑުވިދާޅުވަމުން

ނިންމުމުގެ ރަސްމިއްޔާތުގެ ވީޑިއޯ ލިންކް

އެނގުން މުހިންމު - 'ޕްރެކްޓިސް ޕާލިމެންޓް'އަކީ، މަޖިލީހުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ރަނގަޅަށް ދަނެގަނެ، ގިނަ ޒުވާނުންނާއި އަންހެނުން މަޖިލީހަށް ކުރިމަތިލާން ހިތްވަރުދިނުމަށް މަޖިލީހުން ހިންގާ ޕްރޮގްރާމެކެވެ.  މަޖިލީހުން މިކަން ކުރަނީ، ޔޫއެންޑީޕީ މޯލްޑިވްސް އާއި އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ އެހީތެރިކަމާ އެކު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް