ތ. ކިނބިދޫގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުން އެ ރަށުގެ ގޮނޑުދޮށް ސާފުކޮށް ކުނިގޯނިތަކާއެކުގައި

ކުނީގެ މައްސަލަ

ކޮންމެ ރަށަކުން ވެސް ގިނަ ބަޔަކު މިއަދު ކުނި ގޯނިތަކާ އެކު

ޕާލޭގެ އަމާޒަކީ ސާފުކުރުމުގެ މި ޕްރޮގްރާމުގައި ބައި ލައްކައަށް ވުރެ ގިނަ މީހުން ބައިވެރިވުން

މިއަދު ހެނދުނު އިރު އެރި ކޮންމެ ރަށަކަށް ވެސް ވެރިވެފައިވަނީ ހަލަބޮލިކަމެވެ. ބަންދު ދުވަހަކަސް ވަރަށް ހެނދުނާ، ގިނަ އަދަދެއްގެ ދަރިވަރުން އެކްޓިވިޓީ ޔުނީފޯމުގައި ސްކޫލަށް ހިނގައްޖެ އެވެ. ގިނަ ގެތަކުގެ އަންހެންވެރިންނާއި ފިރިހެނުން ވެސް ސައިބޮއިގެން ރަށުތެރެއަށް ނުކުތީ، ހުސް ގޯނިތަކާއި މަށަންދައްޗާއި ކަތިވަޅި ފަދަ ސާމާނުތަކާ އެކު އެވެ.

ކުނީގެ ސަބަބުން ރާއްޖޭގެ ކަނޑުތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާ، 'ޕާލޭ މޯލްޑިވްސް' އިން މިއަދު ހާއްސަކޮށްފައިވަނީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ގޮނޑުދޮށާއި އައްސޭރި ފަށާއި ކަނޑުގެ ސަރަހައްދުތައް ސާފުކުރާށެވެ. ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން، މި ފަހުން ބޭއްވި ސާފުކުރުމުގެ މި ފަދަ އެންމެ ބޮޑު މި ހަރަކާތުގައި ކޮންމެ ރަށަކުން ވެސް ގިނަ ބަޔަކު ނުކުތުމުން، ސޯޝަލް މީޑިއާ އާއި ރަށުތެރެއިން ވެސް މިއަދު ފެންނަނީ ކުނި ގޯނިތައް ހިފައިގެން ސާފުކުރުމުގައި އުޅޭ މީހުންނެވެ.

ބޮޑުފޮޅުދޫ ސާފުކުރުމަށް ފަހު ކުނިތަކާ އެކު ފޮޓޯއަކަށް ހުއްޓިގެން.

ޕާލޭން މި ހަރަކާތް ކުރިއަށް ގެންދަނީ އެޑިއުކޭޝަން މިނިސްޓްރީއާ ވެސް ގުޅިގެން ކަމަށް ވުމުން، ސާފުކުރުމުގައި ކޮންމެ ރަށަކުން ވެސް ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުން ބައިވެރިވި އެވެ. އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާ އެކު ވެސް ގިނަ ބަޔަކު ސާފުކުރަން ނުކުތެވެ.

އޮމަދޫގެ ބަޔަކު އެ ރަށު ފަޅުތެރެ ސާފުކުރުމަށް ތައްޔާރުވެގެން

ސާފުކުރުމުގެ ގައުމީ މި ހަރަކާތުގައި، ނައިބު ރައީސް ފައިސަލް ނަސީމާއި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިއަދު ހެނދުނު 6 އިން ހަވީރު 6އަށް، ޕާލޭގެ މި ހަރަކާތް ކުރިއަށް ގެންދަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެއީ:

  • ގޮނޑުދޮށް ސާފުކުރުން ނުވަތަ ބީޗް ކްލީންއަޕް - ކަނޑައަޅާ ވަކި ސަރަހައްދުތަކެއް މިއަދު ދެ ގަޑިއެއްގައި ސާފުކުރާނެ. މިއީ ހެނދުނާއި ހަވީރު ހިންގާ ސާފުކުރުމުގެ ހަރަކާތެއް

  • މޫދާއި ކަނޑު ސާފުކުރުން - ރިސޯޓުތަކާއި ޑައިވް ސެންޓަރުތަކާއި ސަފާރީ ބޯޓުތަކުން، ޑައިވިން އަދި ސްނޯކެލިން އާލާތްތައް ބޭނުންކޮށްގެން ހިންގާ ކަނޑުގެ އަޑި ސާފުކުރުމުގެ ހަރަކާތެއް

  • އޯޝަން ޕްލެޖް - މިއީ ކަނޑަށް ކުނި ނާޅަން އަޒުމުކަނޑައަޅައި، ޕްލާސްޓިކް ބޭނުން ކުރުމާ ދެކޮޅު ހެދުމުގެ ގޮތުން ވާ ވައުދެއް؛ ޕާލޭގެ ވެބްސައިޓުގައި ހުޅުވާލާފައިވާ މި ޕްލެޖްގައި މިހާތަނަށް 10،800 މީހުން ބައިވެރިވެފައިވޭ.

  • އޯޝަން ލެޝަން - ކަނޑުތަކާ ގުޅޭގޮތުން ކަމާ ބެހޭ ތަޖުރިބާކާރުން ތަގުރީރު ދިނުން. ސޯޝަލް މީޑިއާ އާއި ގައުމީ ޓީވީއިން މިއަދު 2:30 އިން ފެށިގެން މި ތަގުުރީރުތައް ލައިވް ކުރާނެ

ތާޖުއްދީން ސްކޫލުގެ ބެލެނިވެރިންނާއި ޓީޗަރުންތަކެއް މާލެ ސާފުކުރަނީ

ޕާލޭ އަކީ ކަނޑައަށް އަޅާ ޕްލާސްޓިކް ކުންޏާ ދެކޮޅަށް ރާއްޖޭގައި އެންމެ ވަރުގަދައަށް ވަކާލާތު ކުރާ ޖަމިއްޔާ އެވެ.

އެ ޖަމިއްޔާގެ އަމާޒަކީ މިއަދު އިރުއޮއްސޭއިރު ނިންމާލާ މި ޕްރޮގްރާމުގައި ބައި ލައްކައަށް ވުރެ ގިނަ މީހުން ބައިވެރިވުމެވެ. މިހާތަނަށް ފެންނަ މަންޒަރަށް ބަލާއިރު ކޮންމެ ރަށަކުން ވެސް ފެންނަނީ، އެއްބައިވަންތަކަމާ އެކު ގިނަ ބަޔަކު ގޮނޑުދޮށާއި އައްސޭރިފަށާއި ކަނޑުގެ ސަރަހައްދުުތައް ސާފުކުރަން އުޅޭތަނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް