ރާއްޖެ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ސީޝެލްސްގެ ރައީސް ފުރާވަޑައިގަތުން (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-ސީޝެލްސް

ރާއްޖެ ދަތުރު ވަރަށް ކާމިޔާބު: ސީޝެލްސްގެ ރައީސް

ބައިނަލްއަގުވާމީ މަސްރަހުގައި ގިނަ ދާއިރާތަކަކުން އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުންދިނުމަށް ނިންމާފައިވާކަން ރާމްކަލާވަން ފާހަގަކުރެއްވި

ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށް ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ -  ރާމްކަލާވަން އާއި އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ރާއްޖެ ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެ ދެކަނބަލުން މިއަދު ވަނީ ފުރާވަޑައިގެންފަ އެވެ. 

ތަފްސީލް - ސީޝެލްސްގެ މީޑިއާގައި އެ ގައުމުގެ ރައީސް އޮފީހާ ހަވާލާދީ ބުނިގޮތުގައި ރާއްޖެ އަށް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބުކަން ފާހަގަކުރައްވައި ރާމްކަލާވަން ވިދާޅުވީ ރާއްޖެ އާއި ސީޝެލްސްގެ ގުޅުން މިހާރު ފުޅާވެ، ބައިނަލްއަގުވާމީ މަސްރަހުގައި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދޭނެ އެކި ދާއިރާތައް ފާހަގަކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި މޫސުމަށް އަންނަ ބަދަލާއި އިގްތިސޯދާއި ޓޫރިޒަމްގެ އިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އެހީވުމަށް ގާއިމްކުރަން މަސައްކަތްކުރާ މަލްޓިޑައިމެންޝަނަލް ވަލްނެރަބިލިޓީ އިންޑެކްސް އާއި މޫސުމީ ބަދަލާ ގުޅިގެން ގައުމުތަކަށް އެހީ ފޯރުކޮށްދޭ ލޮސް އެންޑް ޑެމޭޖު ފަންޑު ހިމެނޭކަން ރާމްކަލާވަން ފާހަގަކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި އިންޑިއާ ކަނޑުގެ އަވައްޓެރިންގެ ހައިސިއްޔަތުން، މި ސަރަހައްދުގެ ހަމަޖެހުމަށާއި ކަނޑުމަތީގެ ސަލާމަތަށް ވެސް ދެ ގައުމު ގުޅިގެން މަސައްކަތްކުރާނެ އެވެ.

ރާމްކަލާވަންގެ ދަތުރުފުޅުގައި ރާއްޖެ އާއި ސީޝެލްސްއާ ދެމެދު މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވައި ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުންތަކަކީ:

  • ކުރު މުއްދަތުގެ ވިސާ ލުއިކުރުމުގެ އެއްބަސްވުމެއް

  • ވައިގެ ދަތުރުފަތުރުގެ ދާއިރާ އިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް

  • ކުށްކުރުން މަދުކުރުމާއި ކަނޑު މަގުން ހިންގާ ކުށްތައް މަދުކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުގެ ޕްރޮޓޮކޯލް އެއްބަސްވުމެއް

  • ޒުވާނުން ބާރުވެރިކޮށް، ޒުވާނުން ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއް

ސީޝެލްސްގެ ރައީސް މާރުކޭޓު ސަރަހައްދުގައި މަސް ދޯނިތަކެއް ބައްލަވާލައްވަނީ (ފޮޓޯ/ ސީޝެލްސްގެ ސްޓޭޓް ހައުސް)

ރާމްކަލާވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްއާ ބައްދަލު ކުރެއްވި އެވެ. އަދި އޭނާ މާލެ ސަރަހައްދުގެ ބައެއް މަޝްރޫއުތަކާއި މުހިއްމު ބައެއް ތަންތަން ބައްލަވާލެއްވިކަން އެ ގައުމުގައި މީޑިއާގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން:

  • ރާމްކަލާވަން މާލޭ މަސް މާރުކޭޓާއި ލޯކަލް މާރުކޭޓަށް ޒިޔާރަތް ކުރެއްވި

  • ހުޅުމާލޭ ގާޒީ ސްކޫލަށް ޒިޔާރަތް ކުރެއްވި

  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލައްވަން އެއާޕޯޓަށް ވަޑައިގެންނެވި

  • މާލޭގެ ބައެއް އާސާރީ މިސްކިތްތަކަށާއި ޒިޔާރަތްތަކަށް ވަޑައިގެންނެވި

އިތުރު އާޓިކަލް

އިތުރު އާޓިކަލް