މަޖިލީހުގެ މުޅި ކޮމިޓީގައި މާފަންނު މެދު ދާއިރާ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

އަދީބު 'ދޮގު ހެކިބަސް' ދިން މައްސަލަ ތަހުގީގުކޮށްދޭން މެމްބަރު ރަޝީދު އެދިއްޖެ

އަދީބު ދެއްކެވި ވާހަކައިގެ ސަބަބުން މެމްބަރު އިބްރާހިމް ރަޝީދުގެ އަބުރަށް އުނިކަމެއް އަންނަ ކަމަށް އޭނާ ގަބޫލުކުރައްވާ

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދާ ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދެއްކެވި ވާހަކަތައް ތަހުގީގުކޮށްދިނުމަށް ފުލުހަށް ހުށަހަޅައިދޭން އޭނާ މިއަދު މަޖިލީހުގައި އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރުމާ ގުޅޭ މުއާމަލާތުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތުގެ މަޖިލީހުގެ ހެކިބަސް ނެގުމުގެ މަރުހަލާ ކްރިމިނަލް ކޯޓުގައި ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. އެގޮތުން:

  • ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސް ލިމިޓެޑްއަށް ފުއްގިރި ކުއްޔަށް ދޫކުރުމުގެ މަޝްވަރާތަކުގައި އެ ކުންފުނީގެ މަންދޫބެއްގެ ގޮތުން މާފަންނު މެދު ދާއިރާގެ މެމްބަރު ރަޝީދު ބައިވެރިވެވަޑައިގެންނެވި ކަމަށް އަދީބު ވިދާޅުވި

ތަފްސީލް - އެކަމާ ގުޅިގެން މެމްބަރު ރަޝީދު މިއަދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގެ ކޮޕީ ވަނީ 'ދައުރު'އަށް ލިބިފަ އެވެ.

އެ ސިޓީގައި އިބްރާހިމް ރަޝީދު ވިދާޅުވެފައިވަނީ:

  • އަދީބު އޭނާއާ ދެކޮޅަށް ދެއްވީ "ދޮގު ހެކިބަސް" 

  • އެއީ އޭނާގެ އަބުރަށް އުނިވާ ގޮތަށް ދެއްކެވި ވާހަކައެއް 

"މި ވަގުތަކީ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ވެސް ހުއްޓިފައިވާ ވަގުތެއް ކަމުގައި ވާތީ، މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހަޅައިދެއްވުމަށް އެދި ދެންނެވީމެވެ،" އެ ސިޓީގައިވެ އެވެ.

ގުޅުން ހުރި ކަމެއް - އެ މައްސަލައާ ގުޅިގެން 'ދައުރު'އާ އިއްޔެ ވާހަކަދައްކަވަމުން ވެސް ރަޝީދު ވަނީ އަދީބު އޭނާއާ ގުޅިގެން ދެއްކެވި ވާހަކަތައް ދޮގުކުރައްވާފަ އެވެ. އެގޮތުން، އަދީބުއާ އެއްވެސް އިރަކު މުއާމަލާތްކުރައްވާފައި ނުވާނެ ކަމަށާއި، ދޮގު ހެކިބަސް ދިން މައްސަލަ ކޯޓުގެ ސަމާލުކަމަށް ވެސް ގެންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް