މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)
އަދީބު ހެދީ ދޮގު؛ އެކަން ކޯޓަށް އަންގާނަން: މެންބަރު ރަޝީދު
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި އިއްޔެ ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދާ ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދެއްކެވި ވާހަކަ ދޮގުކޮށް، އެކަން ކޯޓުގެ ސަމާލުކަމަށް ގެންނާނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރުމާ ގުޅޭ މުއާމަލާތުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތުގެ މަޖިލީހުގެ ހެކިބަސް ނެގުމުގެ މަރުހަލާ އިއްޔެ ކްރިމިނަލް ކޯޓުގައި ވަނީ ފަށާފަ އެވެ. އެގޮތުން:
-
ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސް ލިމިޓެޑްއަށް ފުއްގިރި ކުއްޔަށް ދޫކުރުމުގެ މަޝްވަރާތަކުގައި އެ ކުންފުނީގެ މަންދޫބެއްގެ ގޮތުން މާފަންނު މެދު ދާއިރާގެ މެމްބަރު ރަޝީދު ބައިވެރިވެވަޑައިގެންނެވި
ބުނީ ކީކޭ؟ - ރަޝީދު މިއަދު 'ދައުރު'އަށް ވިދާޅުވި، އަދީބާ ދުވަހަކު ވެސް ބައްދަލުވެވަޑައިގެންފައި ނުވާ ކަމަށާއި އަދީބު ހަމަ ލޮލުން ފެނިވަޑައިގަތީ ވެސް އޭނާ މަޖިލީހަށް ވަޑައިގެންނެވި ދުވަހެއްގައި ކަމަށެވެ.
"ދުވަހަކު ވެސް އަދީބާ މުއާމަލާތް ކޮށްފައެއް ނުވާނެ. ސީދާ ޝަރީއަތުގެ މަޖިލީހުގައި އަދީބު ދޮގު ހެދީ. އެކަން ކޯޓުގެ ސަމާލުކަމަށް ގެނައުމަށް ސިޓީ ލާނަން،" ރަޝީދު ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވީ:
-
އިންޑިއާ ކުންފުނީގެ މަންދޫބެއްގެ ގޮތުގައި 2016 ވަނަ އަހަރުގެ ތެރޭގައި އޭނާ ހަރަކާތްތެރިވެވަޑައިގެންނެވި
-
ނަމަވެސް ރިޝްވަތު ދިނުމާއި ހިފުމާ ގުޅޭ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިއެއް ނުވަން
"އެ ކުންފުނީގެ މަންދޫބެއްގެ ގޮތުން އަޅުގަނޑާ ހަވާލުކުރި މަސްއޫލިއްޔަތަކީ އީއައިއޭ ހެދުމާއި ކޮންސެޕްޓް ޑިޒައިން ހެދުން ފަދަ ކަންކަން. ބައްދަލުވުންތަކަށް އަޅުގަނޑެއް ނުދަން،" ރަޝީދު ވިދާޅުވި އެވެ.
އޭގެ އިތުރުން، ދައުލަތަށް ލިބެން ޖެހޭ ފައިސާ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް މެދުވެރިކޮށް ލޯންޑާކުރާކަން އެނގިވަޑައިގެން، 2016 ވަނަ އަހަރު އެކަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ސަމާލުކަމަށް ގެންނެވީ ވެސް އޭނާ ކަމަށް ރަޝީދު ވިދާޅުވި އެވެ.
"މިކަން އޭސީސީގެ ރިކޯޑްތަކުން ފެންނަން ހުންނާނެ. އަޅުގަނޑު ވާނެ އޭރު ބަޔާން ދީފައި. އޭރު ޓީވީއަށް އަރާ ވެސް މި ވާހަކަ ދެއްކިން،" އޭނާ ވިދާޅުވި އެވެ.