އާ ރަށު އިސްތިއުނާފް މައްސަލާގައި އޮތް އަޑުއެހުމުގެ ތެރެއިން.

ހެކިބަސް ނެގުން 13 ގަޑިއިރަށް ދިގުލައިގެން ދިއުމުން އާރަށުގެ އިސްތިއުނާފު ފަސްވެއްޖެ

ޔާމީން ވިދާޅުވީ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފީ މައްސަލަ ނިންމަން މި ވަގުތަށް އެ މަނިކުފާނަށް މާ މުހިންމު ކަމަށް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލާގައި އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ހެކިބަސް ނެގުމުގެ އަޑުއެހުން 13 ގަޑިއިރަށް ދިގުދެމިގެންދިއުމުން، މިއަދަށް ހައި ކޯޓުގައި ތާވަލުކޮށްފައިވާ ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުން ފަސްކުރަން ޖެހިއްޖެ އެވެ.

ވީ ކިހިނެއް؟ - ފުއްގިރި މައްސަލާގައި އިއްޔެ އޮތީ ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނެގުމެވެ. ހަތަރު މީހެއްގެ ހެކިބަސް ނަގަން އިއްޔެއަށް ތާވަލުކޮށްފައި އޮތް ނަމަވެސް، އިއްޔެގެ އަޑުއެހުން ދިގުލައިގެން ދިއުމާ ގުޅިގެން އެ އަޑުއެހުމުގައި ނެގުނީ ދެ މީހުންގެ ހެކިބަހެވެ. އެއީ:

  • އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު

  • ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނައިބު ރައީސް އަހްމަދު އަދީބު

ތަފްސީލް - އިއްޔެ ހެނދުނު 9 ޖެހިއިރު ފެށި ހެކިބަސް ނެގުމުގެ އަޑުއެހުން ނިމުނީ ރޭ 10 ހާއިރު އެވެ. އަޑުއެހުން ނިންމާލައްވަމުން، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ މިއަދު ހެނދުނު 9އަށް އަދި މާދަމާއަށް ވެސް މި މައްސަލައިގެ އަޑުއެހުން ތާވަލްކުރައްވާފަ އެވެ.

އިއްޔެގެ އަޑުއެހުން މާ ބޮޑަށް ދިގުލައިގެން ގޮސްފައިވާތީ، އަޑުއެހުންތައް ތާވަލުކުރުމުގައި ވަކީލުންނަށް ލުއި ގޮތެއް ހަމަޖައްސައިދިނުމަށް އެދިވަޑައިގެން، މި މައްސަލާގައި ދައުވާ ލިބޭ ހަތަރު މީހުންގެ ވަކީލުން ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. 

ޔާމީން ވެސް އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ:

  • އެހާ ދިގުކޮށް އަޑުއެހުންތަކުގައި އިންނެވުމަށް ސިއްހަތު ތަން ނުދޭ ކަމަށް ކުރިން ވެސް ކޯޓުގައި ވާނީ ވިދާޅުވެފައި

  • ފުއްގިރި މައްސަލަ އަކީ ވަކި ދުވަހަކަށް ނުނިންމިގެން އުޅެން ޖެހޭ މައްސަލައެއް ނޫން؛ ހައި ކޯޓުގައި އޮތް އިސްތިއުނާފީ މައްސަލަ ނިންމަން މި ވަގުތަށް މާ މުހިންމު

  • އިއްޔެގެ އަޑުއެހުން އެހާ ދިގުކޮށް ގެންދިއުމުން، މިއަދަށް ހައި ކޯޓުގައި ތާވަލުކޮށްފައި އޮތް އަޑުއެހުން މިހާރު ވަނީ ކެންސަލްކޮށްފައި

"މި މައްސަލަ މިހެން ގެންދަވާތީ ހައި ކޯޓުގައި އޮތް އިސްތިއުނާފް އެބަ ރީޝެޑިއުލް ކުރައްވާ. މާދަމާއަށް ތާވަލުކުރަން އޮތް އަޑުއެހުން ވެސް ކެންސަލްކޮށްފި. އަޅުގަނޑަށް މުހިންމު އެ މައްސަލަ. މި ގޮތަށް މި އަޑުއެހުން ގެންދާތީ އެ މައްސަލާގެ އަޑުއެހުންތަކުގައި ބައިވެރިނުވެ ދާތީ މި ކަމަށް ރިއާޔަތްކޮށްގެން ގެންދަވަން އަޅުގަނޑު ހަމަ އެދެން،" ޔާމީން ވިދާޅުވި އެވެ.

ދިފާއީ ވަކީލުން ފާހަގަކުރެއްވީ:

  • ޖެހިޖެހިގެން ތިން ދުވަހަށް އަޑުއެހުންތައް ތާވަލުކުރިއިރު، ބައިވެރިވާން ޖެހޭ އެހެން މައްސަލަތައް އެބަހުރި ކަމަށް ޔާމީންގެ ވަކީލް އާދަމް ޝަމީމް ވިދާޅުވި؛ މައްސަލައަށް ތައްޔާރުވާން ރޭ ހުންނަން ޖެހޭނީ ނުނިދާ

  • ޔާމީންގެ ވަކީލު އަލީ ޝާހް ވިދާޅުވީ ރެއާ ދުވާލު މައްސަލަ ކުރިއަށް ގެންދަން ޖެހޭ ފަދަ މައްސަލައެއް ނޫން

  • މުޅި ދުވަހު އެއް މައްސަލައެއްގައި ކޯޓުގައި ހޭދަކުރަންޖެހުމުން ވަކީލުން ވަރުބަލިވެ، މައްސަލައިގައި އެންމެ ރަނގަޅަށް މަސައްކަތެއް ނުކުރެވޭނެ

  • އެހެންވެ، ޖެހިޖެހިގެން އަޑުއެހުންތައް ގެންދިއުމުގެ ބަދަލުގައި މާދަމާގެ އަޑުއެހުން ޖެހިގެން އަންނަ ދުވަަހަށް ފަސްކޮށްދިނުމަށް އެދެން

އެކަމާ ގުޅޭ ގޮތުން ދައުލަތުން ފާހަގަކުރީ، މައްސަލައިގެ ޝަރީއަތް ލަސްކުރަން އަދި އަވަސްކުރަން ވެސް ދައުލަތުގެ މަސްލަހަތެއް ނެތް ކަމަށާއި ޝަރީއަތުން ދޭ ތާވަލާ އެއްގޮތަށް ކޯޓަށް ހާޒިރުވާނެ ކަމަށެވެ. އެކަމަކު ދިފާއީ ވަކީލުން ފާހަގަކުރެެއްވި އިއުތިރާޒުތަކަށް ރިއާޔަތްކުރުމަށް އެދޭ ކަމަށް ދައުލަތުން ވެސް ބުންޏެވެ.

ބުނީ ކީކޭ؟ - ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ގާޒީ އަލީ ނަދީމް ވިދާޅުވީ، އިއްޔެގެ އަޑުއެހުން ދިގުލައިގެން ދިޔަކަން ގަބޫލުކުރައްވާ ކަމަށާއި، އަދީބާއި ޒިޔަތުގެ ހެކިބަސް އިއްޔެ ނަގަން ނިންމީ އެއީ އެއް ވާގިއާއެއްގައި ހިމެނޭ ހެކިވެރިންނަށް ވުމުން ދެ މީހުންގެ ހެކިބަސް އެކީގައި ނެގުން މުހިންމު ކަމަށް ދެކިގެން ކަމަށެވެ. ދެން އޮންނަ އަޑުއެހުންތައް އެހާ ދިގުކޮށް ނުގެންދަވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ ނިންމެވީ:

  • މިއަދުގެ އަޑުއެހުން ކެންސަލް ނުކޮށް، އަޑުއެހުމުގެ ވަގުތު ކުރުކުރަން 

  • މިއަދުގެ އަޑުއެހުން ކުރިއަށް ގެންދަން ނިންމެވީ ހެނދުނު 9 އިން މެންދުރު 12އަށް؛ އެއަށް ފަހު އެއް ގަޑިއިރުގެ ހުސް ވަގުތުކޮޅެއް ދޭނެ

  • ދެވަނަ ދަންފަޅި މެންދުރު ފަހު 1 އިން 3އަށް ކުރިއަށް ގެންދަން

އެނގުން މުހިންމު - ހައި ކޯޓުގައި މިވަގުތު ކުރިއަށްގެންދާ ޔާމީންގެ އިސްތިއުނާފް މައްސަލައަކީ ވ. އާރަށު މައްސަލާގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް އެވެ.

މި މައްސަލަ ހައި ކޯޓުގައި ފަށާފައި ވަނީ އެ މައްސަލަ ހުށަަހަޅާފައި އޮންނަތާ ތިން މަސް ފަހުން މިދިޔަ ހޯމަ ދުވަހު އެވެ. އެކަމަކު އެ މައްސަލަ ހައި ކޯޓުގައި ކުރިއަށް ގެންދަނީ އެ މައްސަލާގައި ޔާމީންއަށް ރިޝްވަތު ދިންކަން ސާބިތުވި ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމުގެ އިސްތިއުނާފްއާ ވެސް އެކުގައި ކަމުން އަދި ޔާމީންގެ ބައެއް ނުފެށެ އެެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް