މީގެ ކުރިން ބޭއްވި އަޑުއެހުމަކަށް ޔާމީން ކޯޓަށް ހާޒިރުކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އާރަށު އިސްތިއުނާފް މައްސަލަ: އަޑުއެހުން ދިގުލައިގެން ދިއުމުން ޔާމީންގެ ބައި ކުރިއަކަށް ނުގެންދެވުނު

ވަކީލުން ލަފާކުރައްވަނީ ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފީ ނުކުތާތައް ހުށަހެޅުން ދެން އޮންނަ އަޑުއެހުމެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ތެރެއިން ކުއްޔަށް ދިން ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖުލު ހުކުމްގެ އިސްތިއުނާފީ މައްސަލަ މިއަދު ހައި ކޯޓުގައި ފަށައިފި އެވެ. ނަމަވެސް، އަޑުއެހުން ދިގުލައިގެން ދިއުމުން، އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމުގެ ފުރުސަތު މިއަދުގެ އަޑުއެހުމުގައި ޔާމީނަށް ދީފައެއް ނުވެ އެވެ.

މައްސަލައިގެ ފެށުން - އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ވެސް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާން މިދިޔަ 25 ޑިސެމްބަރުގައި ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ.

  • އެ ހުކުމް އެ މަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ 21 ފެބްރުއަރީގައި

  • އިސްތިއުނާފީ ފޯމު ބަލައިނުގަނެ، އެ ފޯމުގައި އިސްލާހުކުރަން ޖެހޭ ކަންކަން ހުރި ކަަމަށް ބުނެ އިސްލާހުކުރުމަށް ފަހު އަލުން ހުށަހަޅަން ހައި ކޯޓުން 9 މާޗުގައި އެންގި

  • ފޯމު އިސްލާހުކުރުމަށް ފަހު ޔާމީންގެ ފަރާތްޕުޅުން އަލުން ހައި ކޯޓަށް ހުށަހެޅީ 15 މާޗުގައި

ވީ ކިހިނެއް؟ - އިސްލާހުކުރުމަށް ފަހު ފޯމު ހުށަހަޅާފައި އޮންނަތާ ގާތްގަނޑަކަށް ތިން މަސް ފަހުން މި މައްސަލައިގެ އަޑުއެހުންތައް މިއަދު ފެށިއިރު، ޝަރީއަތް ކުރިއަށް ގެންދަނީ އާރަށު މައްސަލާގައި ހުކުމް ތަންފީޒުކުރަމުންދާ ޔޫސުފް ނައީމުގެ ބައި ވެސް ހިމަނައިގެންނެވެ.

ފަނޑިޔާރު ހަސަން ޝަފީއު އާއި ހުޒައިފާ މުހައްމަދު އަދި މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވާ ބެންޗަކުން ބަލާ މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ފުރަތަމަ އޮތީ ނައީމުގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމެވެ. ދެ ގަޑިއިރަށް ކުރިއަށް ގެންދާ ގޮތަށް މިއަދުގެ އަޑުއެހުން ފެށި ނަމަވެސް އަޑުއެހުން ދިގުލައިގެން ދިއުމުން މިއަދު ކުރިއަށް ގެންދެވުނީ ނައީމުގެ ބައި އެކަންޏެވެ.

އާ ރަށު އިސްތިއުނާފް މައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި، ނައީމްގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ވަކީލު ހަމްޒާ ލަތީފް އިއްވަނީ.

ތަފްސީލް - ނައީމުގެ ފަރާތުން ހަތަރު އިސްތިއުުނާފީ ނުކުތާއެއް ހުށަހަޅައި އެ ނުކުތާތަކަށް ދައުލަތުން ޖަވާބުދީ މިއަދު ނިންމާލި އެވެ. އެއަށް ފަހު، ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ޝަފީއު ވަނީ، ކަނޑައެޅި ވަގުތަށް ވުރެ އަޑުއެހުން ދިގުލައިގެން ގޮސްފައިވާތީ މިއަދުގެ އަޑުއެހުން ނިންމާލައްވާފަ އެވެ.

ފަނޑިޔާރު ވިދާޅުވީ:

  • ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން ދިން ޖަވާބުތަކަށް ނައީމުގެ ފަރާތުން ރައްދު ދޭން ބޭނުންވާ ނަމަ އެ ކަމަށް ފުރުސަތު ދިނުން 

  • އެއަށް ފަހު، ޝަރީއަތުން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރުން އޮންނާނެ

މި މައްސަލައިގައި ދެން އަޑުއެހުމެއް ބާއްވާނެ ދުވަހެއް ފަނޑިޔާރު މިއަދު ހާމައެއް ނުކުރައްވަ އެވެ.

އެނގުން މުހިންމު - މި މައްސަލަ ހައި ކޯޓުން ބަލަނީ ދައުވާ ލިބޭ ދެ ފަރާތުގެ ބައި އެެއް އަޑުއެހުމެއްގެ ގޮތުގައި ކަމަށް ވާތީ، އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ފަހަރަކު ބައެެއް ކުރިއަށް ގެންދާ ގޮތަށެވެ.

މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ބައި ކުރިއަށް ގެންދެވޭ ގޮތް ނުވުމާ ގުޅޭ ގޮތުން ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލީ ޝާހް 'ދައުރު'އަށް ވިދާޅުވީ، ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމުގެ ބައި ދެން އޮންނަ އަޑުއެހުމެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް