ޖޭޕީން އިންތިޒާމުކޮށްގެން ބޭއްވި 'ފުރަވީރުން' ޝޯގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޑެޕިއުޓީ ލީޑަރު އާއިޝަތު ނަހުލާ. (ފޮޓޯ/ ޖޭޕީ)
ނަހުލާ ކެބިނެޓުގައި އިންނަވައިގެން ސަރުކާރާ ދެކޮޅު ކެމްޕެއިންގައި
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާއިޝަތު ނަހުލާ މަގާމުން އިސްތިއުފާ ނުދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ދެވަނަ ދައުރަކަށް ކޯލިޝަން ހަދަން ދެކޮޅު ހަދާފައިވާ ޖޭޕީގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވަމުން ގެންދަވާތީ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރާނެކަން އިއުލާނުކޮށް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ވަނީ ރިޔާސީ ޓިކެޓު ވެސް ރަސްމީކޮށް ދީފަ އެވެ. ރައީސް ސޯލިހާ އެކު ކޯލިޝަން ހަދަން ދީފައިވާ ދައުވަތު ގަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވެ، ގާސިމް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރަސްމީކޮށް ރައީސް ސޯލިހަށް ސިޓީ ފޮނުއްވާފަ އެވެ.
ތަފްސީލް - ގާސިމްގެ އަނބިކަނބަލުން އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ނަހުލާ، ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރާ އިދާރާއެއްގެ އެންމެ އިސް މަގާމުގައި ހުންނަވައިގެން، ސަރުކާރުގެ ސިޔާސަތުތައް ކަމުނުގޮސްގެން ވަކިން ވާާދަކުރާ ޕާޓީއެއްގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ކަމަށް ބުނެ، އޭނާއަށް ވަނީ ފާޑުކިޔުން އަމާޒު ވެފަ އެވެ. އެގޮތުން:
-
ގާސިމަށް ރިޔާސީ ޓިކެޓު ދޭން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި؛ އެ ޖަލްސާގައި ސަރުކާރަށް ފާޑުވިދާޅުވެ، ގާސިމް ދެއްކެވި ވާހަކަތަކަށް ނަހުލާ ތަރުހީބު ވެސް ދެއްވި
-
ޒުވާނުންނަށް ހާއްސަކޮށް ޖޭޕީން މިދިޔަ މަހު ހުޅުމާލޭގައި ބޭއްވި 'ފުރަވީރުން' ޝޯ އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވީ ވެސް ނަހުލާ
-
އެ ހަރަކާތުގައި އޭނާ ވާހަކަދައްކަވާފައި ވެސްވޭ
ނަހުލާ އާއި ޖޭޕީގެ ސްލޮޓްތަކުގައި ތިބި އެހެން ބައެއް ބޭފުޅުން ސަރުކާރާ ދެކޮޅަށް ކުރާ ކެމްޕެއިނެއްގައި ބައިވެރިވެވަޑައިގަންނަވަމުން ދާއިރު، މަގާމުތަކުގައި ތިއްބަވައިގެން ނުވާނެ ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
"ގާސިމް އެ ވަނީ ކޯލިޝަން ރޫޅާލާފައި. ދެން އިތުރަށް ޖޭޕީއަށް އިހުތިރާމުކޮށް ބަލާކަށް ނުޖެހޭ. ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތް ކުރަން ބޮޑު މުސާރާގައި ނުތިބެވޭނެ،" ޓުވިޓާގައި މީހަކު ލިޔެފައިވެ އެވެ.
އެނގުން މުހިންމު - އިންތިހާބަށް ރައީސް ސޯލިހާ އެކު ކޯލިޝަން ހަދަން ޖޭޕީން ދެކޮޅު ހެދި ނަމަވެސް، ސަރުކާރުން މަސައްކަތް ކުރާނީ މިހާރު އޮތް ކޯލިޝަންގައި ޖޭޕީ ހިމެނޭ ކަމަށް ބަލައިގެން ކަމަށް ރައީސް އޮފީހުގެ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވި އެވެ. ނަމަވެސް، ސަރުކާރުގެ ސިޔާސަތުތަކަށާއި މަސައްކަތްތަކަށް ހުރަސް އަޅާ ނަމަ، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެ އޮފިޝަލް ފާހަގަކުރެއްވި އެވެ.
-
އިތުރަށް ކިޔާލަން - 'ޖޭޕީގެ މެމްބަރުން ހުރަސް ނާޅާ ނަމަ މަގާމުން ވަތްކެެއް ނުކުރާނެ'
ފަސްމަންޒަރު - ރައީސް ސޯލިިހަށް ތާއީދުނުކުރައްވައި އެ މަނިކުފާނާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ 'ދަ ޑިމޮކްރެޓްސް'ގެ ބޭފުޅުން މަގާމުތަކުން ވަކިކުރަމުން ދާއިރު، ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އެ ޕާޓީގެ ލީޑަރު ގާސިމް ހަމަޖައްސައި އިއުލާނުކުރި ފަހުން އެ ޕާޓީގެ ސްލޮޓުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ޕާޓީން ވަކިވެ ރައީސް ސޯލިހަށް ތާއީދުކުރައްވާފަ އެވެ.
ޖޭޕީގެ ސްލޮޓުތަކުގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވަނީ:
-
ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން ނަހުލާ
-
ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު
-
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
އޭގެ ތެރެއިން، މައުސޫމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރައްވާކަން މީގެ ކުރިން ހާމަކުރައްވައިފަ އެވެ.
ކޮމެންޓް (1)
އިންމަ