ޖޭޕީން ބޭއްވި ކެމްޕެއިން ހަރަކާތެއްގެ ތެރެއިން. (ފޮޓޯ/ މުހައްމަދު އަފްރާހު، ޓުވިޓާ)

ޖުމްހޫރީ ޕާޓީ

ކޯލިޝަން ނުހެދިޔަސް ޖޭޕީގެ މެމްބަރުން ހުރަސް ނާޅާ ނަމަ މަގާމުން ވަތްކެެއް ނުކުރާނެ: ސަރުކާރު

ރައީސް ސޯލިހާ އެކު ކޯލިޝަން ހެއްދެވެން ނެތް ކަމަށް ވިދާޅުވެ މިދިޔަ ބުރާސްފަތި ދުވަހު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ރަސްމީކޮށް ސިޓީ ފޮނުއްވާފައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު އަންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ދިން ދައުވަތާ އެ ޕާޓީން ރަސްމީކޮށް ދެކޮޅު ހަދާފައި ވާއިރު، ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރަށް ހުރަސް ނާޅާ ނަމަ މަގާމުތަކުން ވަކިކުރަން ނިންމާފައި ނުވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގައި ތިބި ޕާޓީތަކުގެ ތެރެއިން ޕާޓީއަކުން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރާ ނަމަ އެފަދަ ޕާޓީތައް ސަރުކާރުގައި ބޭތިއްބުމާ މެދު ރައީސް ވިސްނަވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ކުރިން ވިދާޅުވެފަ އެވެ.

ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުތަކުން ވަކިނުކުރަނީ ޖޭޕީއިން އިންތިހާބަށް ވަކިން ނިކުންނަކަން ރަސްމީކޮށް ރައީސްއަށް އަންގާފައި ނުވާތީ ކަމަށް ވެސް ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ.

އެހެންކަމުން، ރައީސް ސޯލިހާ އެކު ކޯލިޝަން ހެއްދެވެން ނެތް ކަމަށް ވިދާޅުވެ މިދިޔަ ބުރާސްފަތި ދުވަހު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރަސްމީކޮށް ސިޓީ ފޮނުއްވުމާ އެކު، ސަރުކާރުގައި ތިބި ޖޭޕީގެ މެމްބަރުން ވަކިކުރާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ބުނީ ކީކޭ؟ - އެކަމާ ގުޅިގެން ސުވާލުކުރުމުން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ:

  • ސަރުކާރުން މަސައްކަތް ކުރާނީ މިހާރު އޮތް ކޯލިޝަންގައި ޖޭޕީ ހިމެނޭ ކަމަށް ބަލައިގެން

  • ނަމަވެސް، ސަރުކާރުގެ ސިޔާސަތުތަކަށާއި މަސައްކަތްތަކަށް ހުރަސް އަޅާ ނަމަ، އެކަމާ މެދު އަޅަން ޖެހޭ ފިޔަވަޅު އަޅާނެ

އޮފިޝަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އުވާލުމާއި އެމްޑީޕީގެ ބައެއް މެމްބަރުން ވަކިވެ 'ދަ ޑިމޮކްރެޓްސް' އުފެއްދުމުގެ މަސައްކަތް ކުރަމުން ދިއުމާއި ޖޭޕީން ވަކިން އިންތިހާބުގައި ވާދަކުރަން ނިންމުމާ ގުޅިގެން ސަރުކާރަށް ބައިވަރު ސުވާލުތައް އަމާޒުވަމުންދެ އެވެ.

"އެ ތިން ޕާޓީ އަކީ ތަފާތު ތިން ހާލަތު މެދުވެރިވެފައި އޮތް ތިން ޕާޓީ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ފާހަގަކުރެއްވި ގޮތުގައި:

  • އެމްއާރުއެމް އުވާލި ނަމަވެސް، އެކަމުގެ ސަބަބުން ސަރުކާރު ކޯލިޝަނަކަށް އަސަރެއް ނުކުރޭ؛ ސަބަބަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ހަރަކާތާ އެކު ކޯލިޝަން ހަދާފައިވަނީ އެމްއާރުއެމް ޕާޓީއެއްގެ ގޮތުގައި އުފެއްދުމުގެ ކުރިން

  • 'ދަ ޑިމޮކްރެޓްސް' އުފެއްދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ސަރުކާރުގެ މަގާމުތަކުން ވަކިކޮށްފައިވަނީ، އެ ބޭފުޅުން ސަރުކާރުގައި ތިއްބެވި އެމްޑީޕީގެ ފަރާތުން އެ ގޮތަށޘް އެދިގެން

އެނގުން މުހިއްމު - ރައީސް ސޯލިިހަށް ތާއީދުނުކުރައްވައި އެ މަނިކުފާނާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ 'ދަ ޑިމޮކްރެޓްސް'ގެ ބޭފުޅުން މަގާމުތަކުން ވަކިކުރަމުން ދާއިރު، ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އެ ޕާޓީގެ ލީޑަރު ގާސިމް ހަމަޖައްސައި އިއުލާނުކުރި ފަހުން އެ ޕާޓީގެ ސްލޮޓުތަކުގައި ތިއްބެވި ބައެއް އިސް ބޭފުޅުން ވަނީ ޕާޓީން ވަކިވެ ރައީސް ސޯލިހަށް ތާއީދުކުރައްވާފަ އެވެ.

  • މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރަކީ ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ

  • ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު އަކީ ވެސް އެ ޕާޓީގެ މެމްބަރެއް

  • ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ހުންނަވަނީ ޖޭޕީގެ ސްލޮޓެއްގައި

އޭގެ ތެރެއިން، މިނިސްޓަރު މައުސޫމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރައްވާކަން މީގެ ކުރިން ހާމަކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް