މަޖިލީހުގެ ޖަލްސާއެއްގައި ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)
ހަލީމް ރައީސަށް ދިން %100 ޔަގީންކަމަށް މިވީ ކިހިނެއް؟
"އަދިވެސް އަޅުގަނޑު ރައީސްއަށް ޔަގީންކަން އަރުވަން ބޭނުން، ސަރުކާރު ދަމަހައްޓަން [ނުވަތަ] ސަރުކާރުން ބޭނުންވާ ކަމެއް، ސަރުކާރާ އެއްކޮޅަށް ކުރީގައި ވެސް އަޅުގަނޑު ކުރަމުންދިޔަ ގޮތަށް އަދިވެސް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު އަރުވަން،" މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން، ފ. މަގުދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކުރިފުޅުމަތީ ހުންނަވައިގެން، އެ ރަށް ހިމެނޭ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) ވިދާޅުވި އެވެ.
އެ ޖަލްސާގައި، ރައީސަކަށް ކުރެވޭނެހާ ތައުރީފެއް ހަލީމް ބަންޑުންކޮށްލެއްވި އެވެ. އޭނާ ހުންނެވީ ރައީސް ސޯލިހްގެ ފަޅީގައި ކަމަށް ވިދާޅުވެ، %100 ޔަގީން ދެއްވި އެވެ.
މި ވާހަކަ އެމްޑީޕީގެ މަޖިލިސް އެހެން މެންބަރަކު ވިދާޅުވި ނަމަވެސް، މާ ބޮޑު ކަމަކަށް ނުވާނެ އެވެ. ނަމަވެސް، އެ ދުވަހު ހަލީމް ދެއްކެވި ވާހަކަ މުހިންމުވާ ދެތިން ސަބަބެއް އޮތެވެ. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިނުކުރައްވާ އެމްޑީޕީގެ ހަތަރު މެމްބަރުންގެ ތެރޭގައި އޭރު ވެސް އޭނާ ވަނީ ހިމެނިވަޑައިގެންފަ އެވެ.
ދެ ފެކްޝަނަކަށް ބައިވެ އަދި މިހާރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ގާތް ބޭފުޅުން ޕާޓީން ވަކިވެވަޑައިގެން ވަކި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައި ވާއިރު، އެމްޑީޕީގައި ހަލީމް އަކީ ފެށުނީއްސުރެ ނަޝީދުގެ ބޭފުޅެއްގެ ލޭބަލް އެޅިފައި އޮތް މެންބަރެކެވެ. އެ ދުވަހުގެ ޖަލްސާގައި ވެސް އޭނާ މަސައްކަތް ކުރެއްވީ އެ ލޭބަލްއިން "ނެއްޓޭށެވެ".
"އަޅުގަނޑަކީ އަބަދުވެސް ދާއިރާގެ ރައްޔިތުން ވިސްނާ ގޮތާއި ރައްޔިތުންގެ ވިންދާއި ރޫހާ އެއްގޮތަށް މަސައްކަތް ކުރާނެ މީހެއް. އަޅުގަނޑަކީ ވަކި މީހެއްގެ، ވަކި ފަރާތެއްގެ ނުފޫޒަކަށް ލެބި ހުރި މީހެއް ނޫން. އަޅުގަނޑަކީ ދޮންބިލަތް އަހްމަދު. އަޅުގަނޑުގެ މާސްކް ނެގީމަ ވެސް ހުންނާނީ ހަމަ ދޮންބިލަތް އަހްމަދު،" ނަޝީދުގެ ސިޔާސީ ހަޔާތް ފެށުމުގެ ވެސް މާ ކުރިން އެ މަނިކުފާނާ އެކު ވަރަށް އަރިސްކޮށް އުޅުއްވަމުން ގެންދެވި ހަލީމް އެ ދުވަހު ވިދާޅުވި އެވެ.
-
އިތުރަށް ކިޔާލަން - މެމްބަރު ހަލީމް ދެއްވީ ރައީސްއާ އެކު ހުންނަވާނެ ކަމުގެ ޔަގީކަން
އެ ވަރަކުން އަދި ނިމުނީއެއް ނޫނެވެ؛ މަޖިލީހަށް އިންތިހާބުވާން މަސައްކަތް ކުރެއްވީ ވެސް ރައީސް ސޯލިހް ދެއްވި ހިތްވަރުން ކަމަށް ހަލީމް ވިދާޅުވި އެވެ. އެހެން ނޫން ނަމަ، އެ ގޮނޑި ހޯއްދެވުމަށް އެ ވަރަށް މަސައްކަތް ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މަޖިލީހަށް އައުމުގައި އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ، ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުގެ އިންތިހާބުގެ އެންމެ ފަހު ދެ ވަނައަށް ވީ ދުވަހު، ބިލެތްދޫގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވީ، ދޮންބިލަތް އަހްމަދު ރައްޔިތުންގެ މަޖިލީހުގައި އިންނަން ޖެހެއޭ،" ހަލީމް ވިދާޅުވި އެވެ.
"އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް އައީ އެއީ އަޅުގަނޑު އިންނަން ޖެހޭ ތަނެއް ކަމަށް ރައީސް ސޯލިހަށް ފެނިވަޑައިގަތީމަ. އެހެން ނޫން ނަމަ، އެހާ ބުރަ މަސައްކަތްކޮށްގެން އަޅުގަނޑު އަންނާކަށް ނުޖެހޭނެ."
ނަމަވެސް، އޭގެ ދެ ހަފްތާ ފަހުން އެ ދިން ޔަގީންކަމާ މެދު މިހާރު މި އޮތީ ސުވާލު އުފެދިފަ އެވެ. ހަލީމްގެ ދުވަސްވީ ގާތް އެކުވެރިޔާ ނަޝީދު މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ވަކިކުރަން އިއްޔެ ހުށަހެޅި މައްސަލައަށް އޭނާގެ ތާއީދެއް ނުލިބުނެވެ. އެ މައްސަލައިގައި ސޮއި ނުކުރައްވާ އެމްޑީޕީގެ ފަސް މެންބަރުންގެ ތެރޭގައި އޭނާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ނަޝީދު ފެކްޝަނަށް ފާޅުގައި މީގެ ކުރިން މަސައްކަތް ކުރެއްވި ހަލީމް އެ ދުވަހު ވިދާޅުވީ، އޭނާގެ ދާއިރާގެ ރައްޔިތުން ތިބީ މި ސަރުކާރާ އެކު ކަމަށެވެ. އެހެންކަމުން، އޭނާ ވެސް ހުންނަވާނީ އެ ގޮތަށް ކަމަށް ވިދާޅުވެ، މަޖިލީހުގެ ތެރެއިން ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
"އަޅުގަނޑު %100 ޔަގީންކަން މަނިކުފާނަށް އަރުވަން، މި ބިލެތްދޫ ދާއިރާގެ ބޮޑު މެޖޯރިޓީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މި އަންނަ ރިޔާސީ އިންތިހާބުގައި ލިބޭނެ،" މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހިމޭނުން ހުންނެވުމަށް ފަހު، ފަހުން ފާޅުގައި ނަޝީދުގެ ކެމްޕެއިންގައި އުޅުއްވި ހަލީމް ރައީސްއަށް ތައުރީފްކުރައްވަމުން ވިދާޅުވި އެވެ.
ނަމަވެސް، އެ ތައުރީފްގެ މެދު ތެރެއިން އޭނާ ވިދާޅުވި 'ކުޑަ އެކަމަކު ބޮޑު' އެއް ވާހަކަ އޮތެވެ؛ އެއީ، އެ ގޮތަށް އެއްބާރުލުން ސަރުކާރަށް ދެއްވާނީ، އޭނާގެ "ވިސްނުން ގަބޫލުކުރާ ކަންކަަމުގައި" ކަމަށެވެ.
"އަޅުގަނޑު މަނިކުފާނަށް ޔަގީންކަން އަރުވަނީ، ކުރީގައި ވެސް އަޅުގަނޑު ދިން އެއްބާރުލުން އަދިވެސް މަޖިލިސް ތެރެއިން އަޅުގަނޑު ދޭނަމޭ. އަޅުގަނޑުގެ ވިސްނުން ގަބޫލުކުރާ ކަންކަމުގައި ހަމަ ރަނގަޅަށް އެކަންކަން ކުރާނަން،" ނަޝީދު ވަކާލާތުކުރައްވާ ބަރުލަމާނީ ނިޒާމު ގެނައުމަށް ވެސް މީގެ ކުރިން ތާއީދުކުރެއްވި ހަލީމް ވިދާޅުވި އެވެ.
ފަހަރުގައި ނަޝީދު މަގާމުން ވަކިކުރުމަކީ އޭނާގެ ވިސްނުން ގަބޫލުކުރާ ކަމަކަށް ނުވެދާނެ އެވެ. ނޫނީ، ކުރިން ނަޝީދަށް އޭނާގެ ހިތުގައި އޮތް ލޯތްބާއި އިހުތިރާމަށްޓަކައި ސަރުކާރުން ބޭނުންވާ ގޮތަށް ނަޝީދު އާއި އެ މަނިކުފާނުގެ އާއިލީ ބޭފުޅެއް ކަމަށްވާ އީވާ މަގާމުން ވަކިކުރަން ބޭނުން ނުވަނީ ކަމަށް ވެސް ވެދާނެ އެވެ.
ހަލީމް ފޯނަށް ޖަވާބު ނުދެއްވާތީ، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އޭނާ ސޮއިނުކުރެއްވި ސަބަބު ސާފެއް ނުވި އެވެ.
ނަމަވެސް، އެއް ކަމެއް ޔަގީނެވެ؛ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން މަގޫދޫގައި ހަލީމް ރައީސަށް އެ އޮއްސާލެއްވި ތައުރީފާއި ދައްކަވަން އުޅުއްވި މަންޒަރާއި އެ ދެއްވި ޔަގީންކަމާ މެދު ހަމަ ގައިމު ވެސް މިހާރު މި އޮތީ ސުވާލު އުފެދިފަ އެވެ. ސިޔާސީ ކަންކަމުގައި ދެ ހަފްތާ އަކީ ވެސް ވަރަށް ގިނަ ދުވަހެވެ. އެހެންވެ، އިންތިހާބު ބޯމަތިވަމުން، ކަންކަން ފުރޮޅިގެން އަންނައިރު، ހަލީމް ދެން ހުންނަވާނީ ނަޝީދު އިސްވެ އުފައްދަވާ 'ދަ ޑިމޮކްރެޓްސް'ގައި ކަމަށް ވެސް ބައެއް މީހުން ސުވާލު އުފައްދަ އެވެ.
ކޮމެންޓް (1)
ފާފު މީހާ