ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް މަޖިލިސް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ޖަލްސާ އަޑުއަހަން މަޖިލީހަށް ވަތް ބަޔަކު މެންބަރު ހުސައިންއަށް އިންޒާރުދިން މައްސަލައެއް

ނަމަވެސް އެ ތުހުމަތު ޑިމޮކްރެޓްސްއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ދޮގު ކުރޭ

މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާ އަޑުއަހަން މަޖިލީހުގެ އިދާރާއަށް ވަތް ޑިމޮކްރެޓްސް ޕާޓީގެ ސަޕޯޓަރުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، ހުސައިން ޝަހީމް(އަނދުން ހުސައިން)އަށް ބިރުދެއްކި ކަމަށް ތުހުމަތުކޮށް އޭނާ އެ މައްސަލަ މަޖިލީހުގެ އިދާރާއަށް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވީ މަޖިލީހުގެ ބަހުސްގެ ތެރެއިން މެންބަރު ހުސައިން ޝަހީމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި އެ މައްސަލަ ރިޔާސަތުގެ ސަމާލުކަމަށް ގެންނަވައިފަ އެވެ. އެގޮތުން މެންބަރު ހުސައިން ވިދާޅުވީ މަޖިލީސް އަޑުއަހަން މިއަދު މަޖިލީހުގެ ގެލެރީއަށް ވަތް ޑިމިކޮރެޓްސްއަށް ނިސްބަތްވާ 10 މީހުންގެ ތެެރެއިން ހަތަރު މީހަކު، ސައިގަނޑީގައި އޭނާ ސައިކޮޓަރިއަށް ދިޔަ ވަގުތު މަޖިލީހުގެ ސިޑިމަތިން އިންޒާރުދީ، ބިރު ދެއްކި ކަމަށެވެ. އަދި އެކަން މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް ގެނެސްފައިވާނޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އިންޒާރުދީ ވަރަށް ހަޑިހުތުރު އެއްޗެހި ގޮވާފައި [ވަނީ]. އެ ވާހަކަ މަޖިލިސް ރައީސް މުހައްމަދު ނަޝީދު، ސައިކޮޓަރީގައި އިންނެވަނިކޮށް ދެންނެވިން. އެތައް ބައެއްގެ ކުރިމަތީގައި އެވާހަކަ ދެންނެވީމަ [ނަޝީދު] ވިދާޅުވީ، އަދި ކަލޭ ކަންފަތް މަތީގައިވެސް އެމީހުން ލައްވާ ޖައްސުވާނަމޭ، ހޭއަރުވާލާނަމޭ،" ހުސައިން ޝަހީމް ވިދާޅުވި އެވެ.

"އެހެންވީމަ، އަޅުގަނޑުމެންނަށް މިފަދަ ގޮތަކަށް މަޖިލިސް ތެރޭގައި ކަންކަން ދިމާވީމަ، ވަރަށް ދެރަކަމެއް މިއީ. މަޖިލީހުގެ ނިޒާމަށް މިކަމުގެ ސަބަބުން އަސަރު ކުރޭ. އެހެންވީމަ، މިއީ މަޖިލީހުގެ ރިޔާސަތަށް މިގަޑިގައި ރަސްމީކޮށް އަޅުގަނޑު ހުށަހަޅާ މައްސަލައެއް."

ޑިމޮކްރެޓްސްގެ ސަޕޯޓަރުން މިއަދުގެ މަޖިލިސް ޖަލްސާ އަޑުއަހާލުމަށް ގޮސް: އެމީހުން ހުސައިން ޝަހީމްއަށް އިންޒަރު ދިން ކަމަށް އޭނާ ތުހުމަތު ކުރި

ތަފްސީލް - މީގެ ކުރިން ވެސް ދެތިން ފަހަރެއްގެ މަތިން އޭނާއަށް ބަޔަކު އިންޒާރުދިންކަން ފާހަގަކޮށް، މެންބަރު ހުސައިން ވިދާޅުވީ، އެކަމާ ގުޅިގެން ވެސް މަޖިލީހުގެ ސެކިއުރިޓީއަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް ރިޔާސަތުން އެ އިންތިޒާމް ހަމަޖައްސައި ދީފައި ނުވާތީ އޭނާ ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ.

"މަޖިލީހުގެ މެންބަރެއްގެ ބޮލުގައި މަރުތޭލަކުން ޖަހައިގެން އަދި މިއުޅެނީ ފާރުގަނޑު ފަސޭހަ ނުވެގެން. އެހެންވީމަ، މިފަދަ ހާލަތެއްގައި އަޅުގަނޑުމެންނަށް ރައްޔިތުންގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރުމަކީ ދަތިކަމަކަށް ވާނެތީ، މި މައްސަލަ މަޖިލީހުގެ ސަމާލުކަމަށް އަޅުގަނޑު ގެންނަން،" މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ދިން ހަމަލާއަށް އިޝާރާތްކޮށް އޭނާ ވިދާޅުވި އެވެ.

މެންބަރު ހުސައިން ވިދާޅުވީ މަޖިލީހުގެ އިދާރާއަށް އަންނަ މީހުން މެންބަރުންނަށް ބިރުދައްކައި އިންޒާރު ދޭ ހިސާބަށް ކަންކަން ދިޔުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ބިރުވެރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"މަޖިލީހުގެ މެންބަރުންނަށް އިންޒާރުދީ، ބިރުދައްކައި، ފުރައްސާރަ ކުރަން މިތަނަށް އަންނަ ބަޔަކަށް ވެގެން ނުވާނެ. މަޖިލީހުގެ މެންބަރުން ދާން އޮންނަ މަގުތަކުގައި، މިތަނުގެ ހޯލްތަކަށް އައިސް [ޖަލްސާ] އަޑުއަހަން އަންނަ ފަރާތްތައް ދިޔުމަކީ އަޅުގަނޑުމެންނަށް ނުކުރައްތާރި ކަމެއް،" މެންބަރު ހުސައިން ވިދާޅުވި އެވެ.

އެ ތުހުމަތުތަކާ ގުޅިގެން މަޖިލީހުގައި ތިއްބެވި ޑިމޮކްރެޓްސްއަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން ވަނީ، ނިޒާމީ ނުކުތާއެއް ނަގައި ހުސައިން ޝަހީމްގެ މި ތުހުމަތު ދޮގުކުރައްވައިފަ އެވެ. އަދި އެއީ ހެޑްލައިން ހެދުމުގެ ބޭނުމުގައި އުފަންކުރި ވާހަކައެއް ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.

"ނިޒާމީ ނުކުތާއެއްގެ ވަގުތުގެއްގައި ބޮޑު ސްޕީޗެއް އެދެއްވީ. ހަމަ ހަދައިގެން ވާހަކަ އެ ދެއްކެވީ. އެކަހަލަ މައްސަލައެއް އޮތިއްޔާ މިތާގައި އަމަލުކުރަން ޖެހޭ އުސޫލެއް އެބަ އޮވޭ. އެއީ، ނިޒާމީ ވަގުތުގެ ބޭނުންކޮށްގެން ތިމާއަށް ހިތައް އެރި ވާހަކައެއް ދެއްކުމެއް ނޫން،" ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްލަތީފް ވިދާޅުވި އެވެ.

 ޑިމޮކްރެޓްސްއަށް ނިސްބަވެވަޑައިގަންނަވާ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވެސް ވިދާޅުވީ، މެންބަރު ހުސައިން އެ ވާހަކަ ދައްކަވަނީ މިޑިއާއަށް ހެޑްލައިން ހެދުމަށްޓަކައި ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ގަބޫލު ކުރަން އުނދަގޫ ކަމަށް ވިދާޅުވި އެވެ.  

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)
މަޖިލިސް ޖަލްސާއެއްގައި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ދެން އެ ހިސާބުން އަނެއްކާ ވެސް ނިޒާމީ އޮއެއްވަރެއްގައި މަޖިލިސް ޖެހުނެނެެވެ. އައި އެ މައްސަލައިގެ ތެރެއިން އެއް މެންބަރަކު އަނެއް މެންބަރަކަށް ރައްދުދެމުން ދިޔަ އެވެ. 

ބައެއް މެންބަރުން ވަނީ، މެންބަރު ހުސައިންއަށް އިންޒާރުދިންތައް ދުށްކަމަށް ވެސް ބުނެފަ އެވެ.

"އަޅުގަނޑު ހުރިތަނެއްގައި ހިނގިކަމެއް އެއީ. މަޖިލިސް ގޯތި ތެރެއަށް މީހުން ވައްދައިގެން މެންބަރުންނަށް ފުރައްސާރަ ނުކުރެވޭނެ،" ސަރުކާރަށް ތާއިދު ކުރައްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މުސާ (ގަޕޯ) ވިދާޅުވި އެވެ.

ގަފޫރުގެ ނިޒާމީ ނުކުތާއަށް ރައްދު ދެއްވުމަށް، ނިޒާމީ ނުކުތާއެއް ނަންގަވައި، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ، އެއް މެންބަރަކު އަނެއް މެމްބަރަކަށް އިންޒާރު ދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އެގޮތުުން ގަފޫރު އޭނާއަށް މީގެ ކުރިން އިންޒާރުދިން މައްސަލަ ވެސް ބެލެން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު [ގަފޫރު]، ސައި ކޮޓަރީގައި އަޅުގަނޑަށް ހޭއަރުވާލާނަމޭ ވިދާޅުވެފައި ވަނީ. މިކަހަލަ ކަންތައްތައް ވެސް އެބަ ހިނގާ. އެއީ، ކޮން ނިޔަތެއްގައި ކޮން ބޭނުމެއްގައި ކަމެއް ނޭނގެ،" މި ސަރުކާރާއެކު ދެވަނަ ދައުރަކަށް ކޯލިޝަން ހެދުމަށް ނިންމާފައިވާ އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންނަވާ އާމިރު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް