ވިލާގެ ވެރިޔާ ގާސިމް އިބްރާހިމް. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އިޔާން)

ވިލާ ކުންފުނީގެ ފަޅު ވިއްކުން އޭސީސީއަކަށް ނުހުއްޓުވޭނެ: ވަކީލުން

އެއްބަސްވުމެއް ހުއްޓުވުން ނުވަތަ ބާތިލުކުރުމުގެ ބާރު އޭސީސީއަށް ލިބިގެން ނުވާ ކަމަށް ސްޕްރީމް ކޯޓުން މީގެ ކުރީން އޮތީ ކަނޑައަޅާފައި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ކުއްޔަށް ދޫކޮށްފައި އޮތް ކ. ވާވެއްދިފަޅު ވިއްކުން މަޑުޖައްސާލަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ނޭންގޭނެ ކަމަށް ގާނޫނީ ދާއިރާގެ ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ކުރިން ވިލާއަށް ކުއްޔަށް ދީފައި ހުރި ބައެއް ރަށްރަށާއި ބިންތަކުގެ ބަދަލުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކި ފަޅުތައް ދިނެވެ. އެކަމަކު، ޓޫރިޒަމް މިނިސްޓްރީން ދޫކުރި ބޭނުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ، އެ ފަޅުތައް ޑިސެމްބަރު 2015ގައި އަތުލި އެެވެ. އަލުން އެ ތަންތަން ވިލާއަށް ލިބުނީ އެ މައްސަލާގައި ސްޕްރީމް ކޯޓުން ވިލާއާ އެއްކޮޅަށް މައްސަލަ ނިންމުމުންނެވެ.

ވީ ކިހިނެއް؟ - އޭގެ ތެރެއިން ކ. ވާވެއްދިފަޅާ ގުޅުން ހުރި މައްސަލައެއް އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހަޅާފައި ވާތީ ކަމަށް ބުނެ އެ ފަޅު ވިއްކުން މިހާރު އޭސީސީން ވަނީ ހުއްޓުވާފަ އެވެ.

ތަފްސީލް - މިކަމާ ގުޅިގެން ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ރޭ ޓުވިޓާގައި ވިދާޅުވީ، އެ ފަޅު ވިއްކުން ހުއްޓުވުމުގެ ބާރު އޭސީސީއަށް ލިބިގެން ނުވާކަން ޓޫރިޒަމް މިިނިސްޓްރީއަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

އެ ބާރު އޭސީސީއަށް ލިބިގެން ނުވާކަން ކަނޑައަޅާފައިވާ ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއް ފާހަގަކުރައްވައި ޝުނާނާ ވިދާޅުވީ، އެފަދަ ގާނޫނާ ހިލާފު އެންގުންތަކަށް ސަރުކާރުން ވެސް ތަބާވަން ނުޖެހޭނެ ކަމަށެވެ.

ޝުނާނާ ފާހަގަކުރައްވާފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ނިޒާމު ގާއިމްކުރަން ހަވާލުކުރި މެލޭޝިއާގެ ނެކްސްބިޒް ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލުމުން، އެ މައްސަލައިގައި ސުޕްރީމް ކޯޓުން 2012ގައި އިއްވާފައިވާ ހުކުމަށެވެ.

ޝައްކުކުރެވޭ ޖިނާއީ ތުހުމަތެއްގެ މައްޗަށް ބިނާކޮށް ދެ ފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއް ހުއްޓުވުން ނުވަތަ އެއްބަސްވުމެއް ބާތިލުކުރުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު އޭސީސީއަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅާފައިވާ އެ ހުކުމްގައިވާ ގޮތުން:

  • އިދާރާތަކުގެ މައްޗަށް އެފަދަ އެންގުންތައް އެންގުމުގެ ހައްގު އޭސީސީއަށް ލިބިދޭ ގާނޫނީ އަސާސެއް ނެތް

  • އޭސީސީއަށް ލިބިގެންވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި އާންމު ގާނޫނީ ދާއިރާގައި ހިމެނޭ އެއްވެސް އިދާރީ އެންގުމެއް އެންގުމުގެ ނުވަތަ އަމުރެއް ކުރުމުގެ އިހްތިސޯސް ލިބިގެންނެއް ނުވޭ

  • އޭސީސީއަށް ޖުމްލަ ގޮތެއްގައި ލިބިގެންވަނީ ދައުލަތުގެ އިދާރާތަކުން ހިންގާ ކަންކަމުގެ ތެރޭގައި ހުރި ކޮރަޕްޝަންގެ އަމަލުގެ ގޮތުގައި ތުހުމަތުކުރެވޭ ކަންތައްތައް ތަހުގީގުކުރުމާއި އެ ތަހުގީގު ފުރިހަމަކުރުމަށް މަގުފަހިކޮށްދޭ އެހެނިހެން ކަންކަން ކުރުން 

މިކަމާ ގުޅޭ ގޮތުން 'ދައުރު'އާ ވާހަކަދެއްކި ގާނޫނީ ދާއިރާގެ އެހެން ބައެއް ބޭފުޅުން ވެސް ފާހަގަކުރެއްވި ގޮތުގައި، ހާއްސަކޮށް އަމިއްލަ ވިޔަފާރިއެއް ނުވަތަ ވިޔަފާރި މުއާމަލާތެއް ހުއްޓާލުމަށް އޭސީސީއަށް ސީދާ އެންގޭނެ ގޮތެއް ނޯންނާނެ އެވެ.

  • އެފަދަ ކަމެއް ކުރަން ޖެހޭނީ ޓޫރިޒަމް މިނިސްޓްރީގައި އެދިގެން އެ މިނިސްޓްރީން އެ ގޮތަށް ނިންމައިގެން

  • ކޯޓު އަމުރެއް ހޯދައިގެން ވެސް ހުއްޓުވިދާނެ

މިކަމާ ގުޅޭ ގޮތުން އޭސީސީގެ ބަހެއް ފަހުން ލިބޭ ގޮތެއް ނުވެ އެެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް