އަލުން ބަލުން ރީ ސޭލް މާކެޓް

ސޮނޭވާ ނަމޫނާ

ނ. އަތޮޅުގެ 6 ރަށެއްގައި 'އަލުން ބަލުން' މާކެޓް ބާއްވައިފި

މިއީ ސޮނެވާ ނަމޫނާ އާ ގުޅިގެން ތަކެތި އަލުން ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ބާރުއަޅަން ބާއްވާ މާކެޓެއް

ސޮނެވާ ނަމޫނާ އާއި ނ. އަތޮޅުގެ 6 ރަށެއްގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ގުޅިގެން 'އަލުން ބަލުން ރީސޭލް މާކެޓް' ބާއްވައިފި އެވެ.

ވީ ކިހިނެއް؟ - ނ. އަތޮޅުގައި ފުރަތަމަ ފަހަރަށް  އަލުން ބަލުން މާކެޓް ބޭއްވީ އެ އަތޮޅު މަގޫދޫ، ޅޮހި، ކުޑަފަރި، މާފަރު ލަންދޫ އަދި ހޮޅުދޫގަ އެވެ. 

އެނގުން މުހިއްމު - އަލުން ބަލުން ރީސޭލް މާކެޓަކީ ސޮނެވާ ނަމޫނާއާއި ބ. އަތޮޅުގެ 7 ރަށެއްގެ ބައިވެރިވުމާއެކު އޮކްޓޫބަރު 2022 ގައި ފެށި މާކެޓެކެވެ. 

އަލުން ބަލުން ރީ ސޭލް މާކެޓް

މި މާކެޓްގެ މައިގަނޑު އަމާޒަކީ،

  • ރަށްރަށުގައި ތަކެތި އަލުން ބޭނުންކުރާ މިންވަރު އިތުރުކުރުން

  • ރީޔުސް ކުރުން ނުވަތަ އަލުން ބޭނުންކުރުމުގެ ސަގާފަތެއް ގާއިމުކުރުން

  • ތިމާވެށި ރައްކާކުރުމުގައި މުހިންމު ރޯލެއް ކުޅޭ ބައެއްގެ ގޮތުގައި އަންހެނުން ބާރުވެރިކުރުން

  •  މި މަސައްކަތުގެ ދަށުން އުކާލާ ތަކެތީގެ ތެރެއިން އަލުން ބޭނުންކުރެވޭ ޒާތުގެ މުދާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން ހޯދައި، އެތަކެތި ސާފުކުރަން ޖެހިއްޖެ ނަމަ ސާފުކޮށް މަރާމާތުކޮށް، މި ޕްރޮގްރާމްގައި ބައިވެރިވާ އަވަށްޓެރި ރަށްރަށަށް ވިއްކަން ފޮނުވާ

 އަލުން ބަލުން މާކެޓުން މިހާތަނަށް ވަނީ 20,000 ރުފިޔާ ސާފު ފައިދާ ގޮތުގައި ހޯދާ، 500 އައިޓަމް އަލުން ބޭނުންކޮށް ކުނީގެ ގޮތުގައި އުކާލުމުން ސަލާމަތް ކޮށްފައެވެ. 

މި މާކެޓްގައި ބައިވެރިވާ ރަށްތަކަށް ވެސް ގިނަ ފައިދާތަކެއް ލިބެ އެވެ.

އެ ގޮތުން،

  • އަލުން ތަކެތި ބޭނުންކުރުމުގެ ސަބަބުން ރަށްރަށުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކަށް އުކާލަން ނުވަތަ އަންދާލަން ގެންދާ ކުނީގެ އަދަދު މަދުވޭ

  • މި ޕްރޮގްރާމްގެ ތެރެއިން އަންހެނުން ކޮމިޓީތަކަށް ބޭނުންވާ އެކި ލީޑަޝިޕް ހުނަރުތައް ލިބޭ

އަލުން ބަލުން މާކެޓް

ބުނީ ކީކޭ؟ - މި މާކެޓާ ގުޅޭގޮތުން، ކުޑަފަރީ ގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް މިލްހާނާ އިބްރާހީމް ވިދާޅުވީ، އެ އަތޮޅަށް އަލުން ބަލުން ރީސޭލް މާކެޓް ގެނެވުނީތީ އުފާކުރައްވާ ކަމަށާއި އަމާޒަކީ އަތޮޅުގެ ތެރޭގައި ތަކެތި އަލުން ބޭނުންކުރުމާ މެދު އާންމުންގެ ވިސްނުން މުޅިން އެއްކޮށް ބަދަލުކޮށްލުން ކަމަށެވެ.

"މި މާކެޓްގެ ސަބަބުން މި ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ގުޅާލެވި ކޮމިޓީތަކުގެ މެދުގައި ބަދަހި ގުޅުމެއް އުފެދިއްޖެ،" އޭނާ ވިދާޅުވި އެވެ.

 ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވީ، މި މާކެޓަކީ ނ. އަތޮޅުގައި ދެމެހެއްޓެނެވި ގޮތެއްގައި ބޭއްވޭ އިވެންޓަކަށް ހެދުމަށް ސޮނެވާ ނަމޫނާ އަދި އަންހެނުންގެ ކޮމިޓީތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އުންމީދަކީ މި އިވެންޓް ކައުންސިލް މެންބަރުންނާއި ކޮމިޓީގެ މެންބަރުން ބަދަލުވިޔަސް ކުރިއަށް ދިޔުން. މި ޕްރޮގްރާމާއެކު ކުނި މެނޭޖްކުރުމަށް ދާއިމީ ކުރިއެރުމެއް ލިބި ވަށާޖެހޭ އިގުތިސޯދެއް ބިނާ ކުރުމަށް އެހީތެރިވެދޭނެ،" އޭނާ ވިދާޅުވި އެވެ.

ސޮނެވާ ނަމުނާގެ ފަރާތުން ހަދީޖާ ހާމިދު ވިދާޅުވީ، ކުނި މެނޭޖްކުރުމާއި ދެމެހެއްޓެނިވި ވެއްޓެއް ގާއިމުކުރުމުގެ މަސައްކަތައް ރަނގަޅު ބަދަލެއް ގެނެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.

"އަލުން ބަލުން ރީސޭލް މާކެޓް ނ. އަތޮޅަށް ފުޅާވެގެންދިޔުމުން އަޅުގަނޑުމެން އުފާކުރަން. މިއާއެކު އަލުން ތަކެތި ބޭނުންކުރުމުގެ ސަގާފަތެއް ގާއިމްކުރެވި ކުނި ގޮނޑުތަކަށް އުކާލާ ކުނި މަދުކުރެވޭނެ،"

ސޮނެވާ ނަމުނާ

ސޮނެވާ ނަމުނާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރާ ބާރުވެރި މުޖުތަމައުތަކެއް ދިވެހިރާއްޖޭގައި އުފެއްދުމަށް ރަށުފެންވަރުގައި މަސައްކަތް ކުރާ މަދަނީ ޖަމިއްޔާއެކެވެ. ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރުމުގެ އެކި ޕްރޮގްރާމްތައް ބ. އަތޮޅުގައި ޕައިލެޓް ކުރުމަށްފަހު ސޮނެވާ ނަމޫނާއިން މިހާރު ދަނީ ނ. އަތޮޅުގެ ކައުންސިލްއާއި ގުޅިގެން އެ އަތޮޅުގެ ތެރޭގައި ސޮނެވާ ސަސްޓެއިނަބަލް ވޭސްޓް މެނޭޖްމެންޓް މޮޑެލް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް