މިދިޔަ ހަފްތާގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ލީޑަރު ގާސިމް. (ފޮޓޯ/

ޗާގޯސް މައްސަލައިގައި ކުރާ މުޒާހަރާގައި ޖޭޕީން ބައިވެރިނުވާން ގާސިމް އެދިއްޖެ

ގާސިމް ވިދާޅުވި ގޮތުގައި، މުޒާހަރާ ނުކޮށް ވެސް އުސޫލުގެ ތެރެއިން އެ މައްސަލައަށް ހައްލެއް ހޯދިދާނެ

ބައިނައަލްއަގުވާމީ ކަނޑުތަކާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން ޗާގޯސް މައްސަލާގައި ކުރި ހުކުމާ ދެކޮޅަށް އަންނަ ހުކުރު ދުވަހު އިދިކޮޅުން ބާއްވަން ނިންމާފައިވާ މުޒާހަރާގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެމްބަރުން ބައިވެރިނުވާން، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ޗާގޯސް މައްސަލައިގައި އިޓްލޮސްގެ ނިންމުމާ، މި ސަރުކާރުގެ ކޯލިޝަންގައި ހިމެނުނަސް އަންނަ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ، ޖޭޕީން ދެކޮޅެވެ. އެކަމަކު 'ބާނާބާނާ ތިއްބާ ކަނޑުތައް ވިއްކާލީ'ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން އިސް ނަގައިގެން ބާއްވާ މުޒާހަރާގައި އެ ޕާޓީން ބައިވެރި ނުވާން ނިންމީ، މާޒީގެ ތަޖުރިބާއަށް ބައްލަވާފައި ކަމަށް ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑާޝިޕްގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް މިއަދު މެންދުރު ފަހު ފޮނުއްވި މެސެޖެއްގައި ގާސިމް ވިދާޅުވީ، ޗާގޯސް މައްސަލައިގައި މުޒާހަރާއަށް ނުނިކުމެ، އެއަށް ވުރެ ޑިޕްލޮމެޓިކް އަދި އުސޫލުތަކުގެ ތެރެއިން މައްސަލައާ މެދު ގޮތެއް ހޯދިދާނެ ކަމަށެވެ.

ބުނީ ކީކޭ؟ - މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ 'މޭޑޭ މުޒާހާރާ'ގައި ވެސް ޖޭޕީން ބައިވެރިނުވާން ނިންމީ، އޭގެ މިސްރާބާއި ނަތީޖާ އެނގިވަޑައިގަންނަވާތީ އެވެ. އަދި އެ މުޒާހަރާ ނިމުނު އިރު، އަންދާޒާ ކރި ނަތީޖާ އާއި ނުކުތް ނަތީޖާ ވެސް މުޅިން ތަފާތު ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރު ވެސް ޖޭޕީން އެ މުޒާހަރާގައި ބައިވެރި ނުވާން ނިންމީ، އެހެން ހިނގައިފާނެތީ އެވެ،" ގާސިމްގެ މެސެޖުގައި ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވި ގޮތުގައި:

  • ޕާޓީގެ ލީޑާޝިޕުން ދެމިތިބެން ވާނީ، މި ފަދަ ހަލަބޮލި ދަނޑިވަޅެއްގައި ގައުމު ހަލަބޮލި ނުވާނެ ގޮތަކަށް ވިސްނުން އިސްކޮށްގެން

  • ވިސްނުންތެރިކަމާ އެކު، ބައިނަލްއަގްވާމީ މާހިރުންގެ ލަފައާ އެކު، އިޓްލޮސްގެ ނިންމުން ބަދަލުކުރެވޭނެ އެންމެހާ މަގުތަކެއް ހޯދޭތޯ ހުރިހާ އެންމެން ވެސް މަސައްކަތްކުރަން ޖެހޭ

  • ހަގީގީ ނަތީޖާ ހާސިލްވާނީ އެ ގޮތަށް

"އެހެންކަމުން، މި މުޒާހަރާގައި ޕާޓީގެ ލީޑާޝިޕާއި މެމްބަރުން ބައިވެރިވެވަޑައިނުގަތުމަކީ އަޅުގަނޑުގެ އިލްތިމާސްއެކެވެ،" އެ މެސެޖުގައި ގާސިމް ލިޔުއްވި އެވެ.

އެނގުން މުހިންމު - ޖޭޕީން އެންމެ ފަހުން ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ވެސް ގާސިމް ވަނީ، އިން ވަކިކުރުމުގެ އެ މައްސަލައިގައި އިޓްލޮސް އިން ހުކުމް ކުރުމުގެ ކުރިން އެ ޓްރައިބިއުނަލަށް ސިޓީއެއް ފޮނުއްވި ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު ކުރަމުން އަންނަނީ އެ ހުކުމް އިސްތިއުނާފް ކުރުމަށް، ލިޔެކިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް