ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

އަމީރަށް 'ވަގުތު ނުވެގެން' މަޖިލީހަށް ހާޒިރު ނުވާތީ ނުރުހުން

އަމީރު މަޖިލީހަށް ހާޒިރުނުވަނީ މަގުބޫލު އުޒުރަކުންތޯ ބައްލަވާނެ ކަމަށް ނަޝީދު ވިދާޅުވި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް "ވަގުތު ނުވެގެން" ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިނުގަންނަވާތީވެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރިޔާޒު މި ކަންބޮޑުވުން ފާޅުކުރެއްވީ އޭނާ މީގެ ތިން މަހެއްހާ ދުވަސް ކުރިން ފޮނުއްވާފައިވާ ސުވާލަކަށް ޖަވާބު ދެއްވުމަށް އަމީރު މަޖިލީހަށް ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވެފައިވާތީ އެކަމާ ނުރުހުން ފާޅުކުރައްވައި ވާހަކަދައްކަވަމުންނެވެ.

ތަފްސީލު - މަޖިލީހުގެ މިއަދުގެ ޖަލްސާގެ ހެނދުނު ދަންފަޅީގައި އެޖެންޑާކޮށްފައި އޮތީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ކޮށްފައިވާ ސުވާލަކަށް އޭނާ ޖަވާބު ދެއްވުމެވެ. އެ ކަމުގެ ތެރެއިން ނިޒާމީ ނުކުތާއެއް ނަންގަވައި އަމީރުއާ ކޮށްފައިވާ ސުވާލަށް ޖަވާބު ނުލިބޭތީ އެކަން ރިޔާސަތުގެ ސަމާލު ކަމަށް ރިޔާޒު ގެންނެވި އެވެ.

މިފަހުން އެކިއެކި ވަޒީރުންނާ ގިނަ ސުވާލުތަކެއް ކުރައްވާފައިވާ ރިޔާޒު ވިދާޅުވީ، މެންބަރުން ކުރައްވާ ސުވާލަށް 14 ދުވަހުގެ ތެރޭގައި ވަޒީރު ޖަވާބު ދެއްވަން ޖެހޭ ކަމަށް މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެކަން އެ ގޮތަށް ނުހިނގާތީ މަޖިލިސް މެންބަރެއްގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ޖަވާބު މި ލިބެނީ ތިން މަސް ފަހުން. އަޅުގަނޑު އިއްޔެ ވެސް މަޖިލީހުގެ އިދާރާއަށް ގުޅިން، އަޅުގަނޑު ފޮނުވާފައި ހުރި ބައެއް ސުވާލުތަކަށް ޖަވާބު ނުލިބޭތީ. [މަޖިލީހުގެ އިދާރާއިން] އަޅުގަނޑަށް ދެއްވި ޖަވާބަކީ މިނިސްޓަރަށް ވަގުތު ނުވެގެން ޖަވާބު ނުދެނީ ކަމަށް،" ރިޔާޒު ވިދާޅުވި އެވެ.

"މިއީ މިކަން ހިނގަންވާނެ ގޮތެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ކުރިއަށް މި އޮތީ ރިސެސް. އަނެއްކާ ރިސެސްގެ ކުރިން އަޅުގަނޑުމެން ފޮނުވާފައިވާ ސުވާލުތަކަށް ޖަވާބު ނުދީ ދާ ކަމުގައިވާ ނަމަ، މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތެއް ނުކުރެވޭ."

މަޖިލީހުގެ ޖަލްސާއެއްގައި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

ރިޔާޒުގެ އެ ކަންބޮޑުވުންތަކާ ގުޅިގެން އަމީންއާންމުއާ ވާހަކަ ދެއްކެވުމަށް ފަހު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިފާއުކުރެއްވީ ވަޒީރެވެ. އެކަން ނަޝީދު ގުޅުވީ، ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުނުވުމާ އެވެ.  

"މަޖިލީހުގެ ގަޑިއާ އަދި މި މަޖިލީހުގެ ނިޒާމް، ޕާލިމަންޓްރީ ނިޒާމަކަށް ނޭނބުރި މި އުދަނގުލުގައި ތިއްބަވާހާ ދުވަހު ހަގީގަތުގައި މިކަން މި ގޮތަށް ހިނގަމުންދާނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، އެއް ދުވަސް ތެރޭގައި 10 ވަޒީރުންނާ ސުވާލު ކުރުމުން ވެސް މަޖިލީހުގައި އޮތް ބެކްލޮގް ސާފެއް ނުކުރެވޭނެ އެވެ. އަދި ސުވާލުކުރަން ފޮނުވާތާ 14 ދުވަހުގެ ތެރޭގައި ޖަވާބު ލިބުމަކީ "ގެއްލުމެއް" ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދުގެ އެ ވަހާކަތަކާ ގުޅިގެން ރިޔާޒު ދެ ވަނަ ފަހަރަށް ނިޒާމީ ނުކުތާއެއް ނަންގަވައި އަނެއްކާވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"އަޅުގަނޑު ސުވާލުކުރަން ބޭނުންވީ، ފިނޭންސް މިނިސްޓަރު [އަމީރު]އާ ކުރަން ބޭނުންވާ ސުވާލަކަށް ޖަވާބު ނުލިބި މިހާ ގިނަ ދުވަސް ވަމުންދާތީވެ،" އޭނާ ވިދާޅުވި އެވެ.

އެކަން މަޖިލީހުގެ އިދާރާއިން ސާފުކުރުމުން، އެ އިދާރާއިން އިއްޔެ ބުނީ "ފިނޭންސް މިނިސްޓަރަށް ވަގުތު ނުވެގެން، މިނިސްޓަރު ހާޒިރު ނުކުރެވިގެން އުޅޭ ކަމަށް" ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލު ނުކުރެވޭ މި ގަވައިދުގައި މި ބުނަނީ، ވަޒީރުންނަށް ވަގުތުވީމަ ޖަވާބު ދޭ އުސޫލެއް ކަމެއް ކަމަށް،" ރިޔާޒު ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތުގައި ނަޝީދު: އަމީރު މަޖިލީހަށް ހާޒިރު ވެވަޑައިގަންނަވަނީ މަގުބޫލު އުޒުރެއްގެ ސަބަބުންތޯ ބައްލަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި. (ފޮޓޯ/ މަޖިލިސް)

ރިޔާޒު ދެވަނަ ފަހަރަށް ނެންގެވި ނިޒާމީ ނުކުތާ ބަލައިގެންނެވުމަށް ފަހު ނަޝީދު ވިދާޅުވީ، ވަޒީރު އެ ގޮތަށް ޖަވާބު ނުދެއްވައި ލަސްކުރެއްވުމަކީ މައްސަލައެއް ކަމަށެވެ.

"މި ތަނަށް [ވަޑައިގަތުމަށް] ވަޒީރަށް ދެންނެވީމަ، ވަޑައިގަންނަވަން ޖެހޭނެ. އެއީ ގާނޫނުއަސާސީ އޮތް ގޮތް. މާލީ ވަޒީރު [އަމީރު]އާ ދިމާވެގެން ތިޔަ އުޅޭ ދައްޗެއް، އެއީ މަގްބޫލު ސަބަބެއްތޯ [އޮޅުން ފިލުވާނަން[،" ނަޝީދު ވިދާޅުވި އެވެ.

އެއީ މަގްބޫލު އުޒުރަކަށް ނުވާ ނަމަ، އަނެއްކާވެސް ވަޒީރަށް ދައުވަތު އަރުވާނެ ކަމަށް ނަޝީދު ވިިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް