މައްސަލާގައި ދައުވާ ލިބޭ މަސްއޫދު މިއަދުގެ އަޑުއެހުމުގައި

މަރުތައް

ޝާހީންގެ މަރު: 2 އަހަރުވީއިރު ކަމެއް ނުވާ ކަމަށް ބުނެ ދިފާއީ ވަކީލު ދުރުކޮށްފި

ގާޒީ ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް ދިގުލާފައިވަނީ ދިފާއީ ވަކީލުގެ ސަބަބުން ނޫން ކަމަށާއި ގާޒީ ބަދަލުވުމުން ކަމަށް

ދ. މީދޫ 'ޖިހާދު' ދޯނީގައި ބަންގްލަދޭޝްގެ މުހައްމަދު ޝާހީންއަށް ވަޅިން ހަމަލާދީ އޭނާ މަރާލި މައްސަލައިގެ ޝަރީއަތަށް ދެ އަހަރުވީއިރު ވެސް ދިފާއީ ވަކީލު މަސައްކަތް ނުކުރާ ކަމަށް ބުނެ، މި މައްސަލާގައި ދައުވާ ލިބޭ މުހައްމަދު މަސްއޫދު އޭނާގެ ވަކީލު ހުސެއިން ޝިފާއު އެ މައްސަލައިން މިއަދު ދުރުކޮށްފި އެވެ.

މައްސަލައިގެ ފެށުން - ޖިހާދު ދޯނީގައި މަސައްކަތްކުރާ ޝާހީން މަރާލީ 7 މާޗު 2021 ވަނަ ދުވަހުގެ ދަންވަރު 3:45 ހާއިރު މަސްވެރިކަމަށް ނިކުމެ އުޅެނިކޮށެވެ. ދައުލަތުން ކޮށްފައިވާ ދައުވާގައިވާ ގޮތުން:

  • މަސް ބޭނުމަށް ކ. ގުރައިދޫ ބޮއެ ކައިރިއަށް ދިއުމަށް ދޯނި ދުއްވަމުން ދަނިކޮށް، ޝާހީންއަށް ހަމަލާދީފައިވަނީ މަސްއޫދުގެ އަތުގައި އޮތް، ތިލައިގައި 6 އިންޗި ހުރި ކަޅު ކުލައިގެ މުއްގަނޑުލީ ވަޅިއަކުން 

  • ޝާހީންގެ ކަނާތް ފަރާތު އަރިކަށްޓަށް ދިން މި ހަމަލާގެ ސަބަބުން އޭނާ ވަނީ މަރުވެފައި

  • މި މައްސަލާގައި ދައުލަތުން ދައުވާކުރި މަސްއޫދަކީ ވެސް އެ ދޯނީގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ރައްޔިތެެއް

މަސްއޫދުގެ މައްޗަށް ކުރަނީ:

  • 'ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު'ގެ ދަށުން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ

  • މަސްއޫދު މިވަގުތު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައި

ވީ ކިހިނެއް؟ - މި މައްސަލާގައި މަސްއޫދުގެ ފަރާތުން މިހާރު ކޯޓުގައި ވަކާލާތުކުރަމުން އަންނަ ވަކީލު ޝާފިއު އަކީ، 'މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ވަކީލުން ހަމަޖައްސައިދިނުމާ ބެހޭ އުސޫލު'ގެ ދަށުން އެޓާނީ ޖެނެރަލް (އޭޖީ)ގެ ފަރާތުން އައްޔަންކޮށްފައިވާ ވަކީލެކެވެ. މިއަދުގެ އަޑުއެހުމުގައި މަސްއޫދު ވަނީ ވަކީލުގެ މަސައްކަތާ މެދު ހިތްހަމަނުޖެހޭތީ އޭނާ އަމިއްލައަށް ވަކީލަކު އައްޔަންކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ތަފްސީލް - މި މައްސަލާގައި މިއަދަށް އަޑުއެހުމެއް ތާވަލުކުރީ ހެކި ރައްކާތެރިކުރުމުގެ އަމުރާ މެދު ގޮތެއް ނިންމުމަށެވެ. އެކަމަކު މިއަދުގެ ޝަރީއަތް ފެށުމަށް އޮތް ވަގުތަށް ވުރެ ބައި ގަޑިއިރު ފަހުން އަޑުއެހުން ފެށުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ވިދާޅުވީ، މިއަދުގެ އަޑުއެހުން ފެށުން ލަސްވީ މަސްއޫދުގެ ވަކީލު ކޯޓަށް ހާޒިރުވުން ލަސްވުމުގެ ސަބަބުން ކަމަށެވެ.

އެކަން އެހެންވީ ސަބަބާ ގުޅޭ ގޮތުން ގާޒީ އިހުސާން، މަސްއޫދުގެ ވަކީލު ހެސެއިން ޝިފާއުއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ، މަސްއޫދުގެ ފަރާތުން އެހެން ވަކީލަކު އައްޔަންކުރަން ބޭނުންވެގެން އޭނާއަށް އަންގާފައިވާތީ އަޑުއެހުމަށް ޗިޓު ފޮނުވުމުން އެކަން ކޯޓަށް އަންގާފައިވާނެ ކަމަށެވެ. އެހެންވެ މިއަދުގެ އަޑުއެހުމަށް ހާޒިރުވުމުގެ ޗިޓު އަލަށް މަސްއޫދު އައްޔަންކޮށްފައިވާ ވަކީލަށް ފޮނުވާފައިވާނެ ކަަމަށް ވެސް ޝިފާއު ވިދާޅުވި އެވެ.

"އަޅުގަނޑު ހުރީ މިއަދުގެ އަޑުއެހުމަށް ހާޒިރުވާނީ މަސްއޫދުގެ ފަރާތުން އައްޔަންކޮށްފައިވާ ވަކީލު ކަމަށް ނިންމައިގެން. އެކަމަކު އެ ވަކީލު ހާޒިރު ނުވާ ކަމަށް އިދާރީ ގޮތުން ގުޅާފައި ބުނުމުން މިއަދު ވީހާ ވެސް އަވަހަކަށް އަޅުގަނޑު މި ހާޒިރުވީ،" އޮންލައިންކޮށް އަޑުއެހުމުގައި ބައިވެރިވަމުން ޝިފާއު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ގާޒީ ވިދާޅުވީ:

  • އަލަށް އައްޔަންކުރި ވަކީލަށް ގުޅާ ކޮންމެ ފަހަރަކު އަޑުއެހުމަށް ހާޒިރުވާނީ އެ މައްސަލާގައި މިހާރު ވެސް ވަކާލާތުކުރަމުންދާ ޝިފާއު ކަމަށް އޭނާ ބުނާ ކަމަށް 

  • ވަކީލު އައްޔަންވެފައިވާ ކަމަށް މަސްއޫދުގެ ފަރާތުން ފޯމު ހުށަނާޅާ އޮތުމުން އަދިވެސް ކޯޓުން ބަލާނީ މަސްއޫދުގެ ވަކީލަކީ ޝިފާއު

މައްސަލާގައި ވަކާލާތު ކުރަން ބޭނުން ނުވާ ނަމަ މައްސަލައިން ތަނާޒުލް ވާން ގާޒީ އިލްތިމާސްކުރެއްވުމުން ޝިފާއު ވިދާޅުވީ އޭނާ އަކީ މަސްއޫދަށް ވަކީލަކު ހަަމަޖެއްސުުމުގެ ތަނަވަސްކަން ނެތުމުން ދައުލަތުން ހަމަޖައްސައިދީފައި ހުރި ވަކީލެއް ކަމަށާއި، މައްސަލާގައި ވަކާލާތު ކުރަން ބޭނުން ނުވެގެން އުޅެނީ އޭނާ ނޫން ކަމަށެވެ. އަދި އެ ގޮތަށް ބޭނުންވަނީ އޭނާގެ މުވައްކިލު މަސްއޫދު ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ވަކީލަކު މަސްއޫދު އައްޔަންކޮށްފައިވުމާއި މައްސަލާގައި މުއާމަލާތް މިހާރު ކުރަމުންދަނީ އެހެން ވަކީލަކާ އެކު ކަމަށް ވުމުން މިއަދުގެ އަޑުއެހުމުގައި ހެކި ރައްކާތެރިކުރުމާ ބެހޭ ގޮތުން ވާހަކަދައްކަން ޝިފާއު އުޒުރުވެރިވި އެވެ. އޭނާ ވިދާޅުވީ، އެހެން ވަކީލަކު އައްޔަންކޮށްފައިވާކަން އިދާރީ ގޮތުން ކޯޓާ ހަމައަށް އައިސްފައި ނުވާކަން އެނގުނީ ވެެސް މިއަދުގެ އަޑުހުމުގެ ތެރެއިން ކަމަށެވެ.

އެެހެން ވަކީލަކު އައްޔަންކޮށްފައިވޭތޯ އާއި އެ ވަކީލު ކޯޓަށް ހާޒިރުނުވަނީ ކީއްވެތޯ ސާފުކުރަން މަސްއޫދުއާ ގާޒީ ސުވާލުކުރެއްވުމުން މަސްއޫދު ބުނީ، އަމިއްލައަށް ވަކީލަކު އައްޔަންކުރީ ދައުލަތުން އައްޔަންކޮށްފައިވާ ޝިފާއުއަށް އެ މައްސަލާގައި ދެ އަަހަރު ވެގެން ދިޔައިރު "އެއްވެސް ކަމެއް ވެފައި ނުވާތީ" ކަމަށެވެ.

އެކަމާ ގުޅިގެން ޝިފާއު ވިދާޅުވީ:

  • މައްސަލާގައި ދެ އަހަރުވީއިރު ކަމެއް ނުވާ ކަމަށް ބުނި ނަމަވެސް މައްސަލައިގެ ޝަރީއަތްތައް ލަސްވެފައިވަނީ ވަކީލުގެ ސަބަބަކުން ނޫން

  • މައްސަލަތައް ޝެޑިއުލް ކުރުމުގެ ބާރު އޮންނަނީ ވަކީލު އަތަކު ނޫން

  • މައްސަަލައިގެ އަޑުއެހުންތައް މެދުކެނޑިފައި އޮތީ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ އެހެން ކޯޓަކަށް ބަދަލުވުމުން

  • އަމިއްލައަށް ވަކީލަކު އައްޔަންކުރާ ނަމަ، ދައުލަތުގެ ފަރާތުން މި މައްސަލާގައި ވަކާލާތެއް ނުކުރާނެ

  • މިއަދުގެ ވަގުތެއްގައި ބަންޑާރަ ނައިބުގެ އޮޮފީހަށް އެކަން ސިޓީއަކުން އަންގާނަން

މައްސަލައަށް ދެ އަަހަރުވީއިރު "ދިފާއީ ވަކީލަށް ކަމެއްވެފައި ނުވާ" ކަމަށް މަސްއޫދު ބުނާތީ ގާޒީ މިއަދު ވިދާޅުވީ، މައްސަލަ ދިގުލާދިއުމުގައި ދިފާއީ ވަކީލުގެ މައްސަލައެއް އުޅޭ ކަމަށް ފާހަަގަނުކުރެވޭ ކަމަށެވެ. މައްސަލައިގެ އަޑުއެހުންތައް މެދުކެނޑިފައި އޮތީ، ގާޒީ ފާހަގަކުރެއްވި ގޮތުގައި، ކުރިން މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ ދީބަނާޒް ފަހުމީ ހައި ކޯޓަށް އައްޔަންކޮށްފައިވާތީ އެވެ.

އޭގެ ފަހުން ވެސް މަސްއޫދު މިއަދު ބުނީ، އޭނާ ކުރިއަށް ދާން ބޭނުންވަނީ އޭނާ އަމިއްލައަށް އައްޔަންކޮށްފައިވާ ވަކީލާ އެކު ކަމަށާއި، ވަކީލު ބަދަލުވެފައިވާކަން އިދާރީ ގޮތުން ކޯޓަށް އެންގުމަށް ވަކީލަށް ދަންނަވާނެ ކަމަށެވެ. އަދި އާ ވަކީލު އައްޔަންވުމުން ވީހާ ވެސް އަވަހަކަށް މައްސަލަ ނިންމައިދިނުމަށް އޭނާ އެދުނެެވެ.

ފާހަގަކޮށްލެވޭ ކަމެއް - މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ވަކީލުން އައްޔަންކުރުމާ ބެހޭ އުސޫލުގައިވާ ގޮތުން، މާލީ ތަނަވަސްކަން ހުންނަ މީހުންނަށް ދައުލަތުގެ ފަރާތުން ވަކީލުން ހަމަޖައްސައެއް ނުދޭނެ އެވެ. އެހެންވެ، އެޓާނީ ޖެނަރަލް އޮފީހުގެ ފަރާތުން މިހާރު އައްޔަންކޮށްފައިވާ ވަކީލު ޝިފާއުއާ އެކު މައްސަލަ އިތުރަށް ކުރިއަށް ނުގެންދާނެ ކަމަށް ގާޒީ މިއަދު ވިދާޅުވި އެވެ.

އެނގުން މުހިންމު - ދެން މި މައްސަލާގައި އަޑުއެހުމެއް އޮންނާނީ މަސްއޫދުގެ ފަރާތުން އައްޔަންކުރާ އާ ވަކީލުގެ މައުލޫމާތު ކޯޓާ ހިއްްސާކުރުމުންނެވެ. އެ އަޑުއެހުމުގައި އޮންނާނީ ހެކި ރައްކާތެރި ކުރުމާ މެދު ގޮތެއް ނިންމައި ދައުވާތަކަށް ޖަވާބުދާރީ ވުމެވެ.

އެންމެ ލަސްވެގެން 10 ދުވަހުގެ ތެރޭގައި ވަކީލު ފޯމު ހުށަހެޅުމަށް ގާޒީ މިއަދު ވަނީ މަސްއޫދަށް އަންގާފަ އެވެ.

މައްސަލައިގެ ހުލާސާ

މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ކޯޓުގައި މައްސަލަ އޮންނަތާ ދެ އަަހަރު ފަހުން މި މަހުގެ 11 ވަނަ ދުވަހު އެވެ. މައްސަލައިގެ އަޑުއެހުންތައް ފެށިއިރު މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ ވަނީ ބަދަލުވެފަ އެވެ. އެއީ އެ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ ދީބަނާޒް ހައި ކޯޓަށް ބަދަލުކޮށްފައި ވުމުންނެެވެ.

މިހާރު މައްސަލަ ބައްލަަވަމުން ގެންދަވާ ގާޒީ އިހުސާން އެ ދުވަހު ވެސް ވިދާޅުވީ މައްސަލަ އަކީ ވަރަށް ގިނަ ދުވަސްވެފައިވާ މައްސަލައަކަށް ވުމުން އަވަހަށް މައްސަލާގައި ހުކުމަކާ ހަަމައަށް ދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް