ޝާހީންގެ މަރުގެ ދައުވާ ލިބޭ މުހައްމަދު މަސްއޫދު މިއަދުގެ އަޑުއެހުމުގައި.

ކްރިމިނަލް ކޯޓު

ޝާހީންގެ މަރު: 2 އަހަރު ފަހުން އާ ފަނޑިޔާރަކާ އެކު އަޑުއެހުންތައް އަލުން ފަށައިފި

ކްރިމިނަލް ކޯޓުގެ އިމާރާތުގައި ޖާގައިގެ ދަތިކަން އޮތުމުން ބޭނުންވާ އަވަސް މިނުގައި މައްސަލަ ކުރިއަށް ގެންދަން ދަތިވާކަން ފަނޑިޔާރު ފާހަގަކުރެއްވި

ދ. މީދޫ 'ޖިހާދު' ދޯނީގެ ތެރޭގައި ބަންގްލަދޭޝްގެ މުހައްމަދު ޝާހީންއަށް ވަޅިން ހަމަލާދީ އޭނާ މަރާލި މައްސަލައިގެ ޝަރީއަތް ދެ އަހަރު ވަންދެން މަޑުޖެހިފައި އޮތުމަށް ފަހު މިއަދު ކްރިމިނަލް ކޯޓުގައި އަލުން ފަށައިފި އެވެ. އަލުން ޝަރީއަތް ފެށިއިރު މައްސަލަ ބައްލަވާ ގާޒީ ވަނީ ބަދަލުވެފަ އެވެ.

ވީ ކިހިނެއް؟ - އެ ދޯނީގައި މަސައްކަތްކުރާ ޝާހީން މަރާލީ 7 މާޗު 2021 ވަނަ ދުވަހުގެ ދަންވަރު 3:45 ހާއިރު މަސްވެރިކަމަށް ނިކުމެ އުޅެނިކޮށެވެ.

ދައުލަތުން ކޮށްފައިވާ ދައުވާގައިވާ ގޮތުން:

  • މަސް ބޭނުމަށް ކ. ގުރައިދޫ ބޮއެ ކައިރިއަށް ދިއުމަށް ދޯނި ދުއްވަމުން ދަނިކޮށް، ޝާހީންއަށް ހަމަލާދީފައިވަނީ، މި މައްސަލައިގައި ދައުވާ ލިބޭ މުހައްމަދު މަސްއޫދުގެ އަތުގައި އޮތް ތިލައިގައި 6 އިންޗި ހުރި ކަޅު ކުލައިގެ މުއްގަނޑުލީ ވަޅިއަކުން 

  • ޝާހީންގެ ކަނާތް ފަރާތު އަރިކަށްޓަށް ދިން މި ހަމަލާގެ ސަބަބުން އޭނާ ވަނީ މަރުވެފައި

  • މި މައްސަލާގައި ދައުލަތުން ދައުވާކުރި މަސްއޫދަކީ ވެސް އެ ދޯނީގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ރައްޔިތެެއް

މަސްއޫދުގެ މައްޗަށް ކުރަނީ:

  • ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު'ގެ ދަށުން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ

  • މަސްއޫދު މިވަގުތު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައި

ތަފްސީލް - މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 20 މެއި 2021ގަ އެވެ. އެއީ އިބްތިދާއީ އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ދައުވާތައް އިއްވައި އަންނާނެ އަދަބު ސާފުކޮށްދީފައިވެ އެވެ. އަދި ހެކި ރައްކާތެރިކޮށްދިނުމުގެ އަމުރަކަށް ދައުލަތުގެ ފަރާތުން އެދިފައިވެ އެވެ. 

އޭގެ ފަހުން ދެ އަހަރުވާން ގާތް ވެފައި ވާއިރު، މި މައްސަލާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައިވެ އެވެ. މިއަދުގެ އަޑުއެހުމުގެ ރިޔާސަތުގައި އިންނެވީ ގާޒީ އިބްރާހިމް އިހުސާން އެވެ. އަޑުއެހުން ފައްޓަވަމުން އޭނާ ވަނީ، ކުރިން މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ ދީބަނާޒް ފަހުމީ ހައި ކޯޓަށް އައްޔަންކޮށްފައިވާތީ މި މައްސަލަ ބައްލަވާ ގާޒީ ބަދަލުވެފައިވާކަން އިއުލާންކުރައްވާފަ އެވެ.

އިހުސާން ވިދާޅުވީ:

  • މައްސަލަ ކޯޓުގައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާތީ މަސައްކަތްކުރާނީ އަވަހަށް މައްސަލަ ނިންމުމަށް

  • ނަމަވެސް، ކޯޓުގެ އިމާރާތުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ދަތިތަކެއް އެބަހުރި

  • އެހެންވެ، އަޑުއެހުންތައް ތާވަލުކުރެވޭނެ ސީދާ ތާރީހެއް ދުރާލާ އަންގާކަށް ނޭނގޭ

  • ގަސްތުކުރަނީ މައްސަލަ މިހާރު އޮތް ހިސާބުން ފަށައިގެން ކުރިއަށް ގެންދަން

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހެކި ރައްކާތެރިކުރުމާ ބެހޭ ގޮތުން ވާހަަކަދައްކާފައި އޮތުމުން ފަނޑިޔާރު ނިންމެވީ މި މަހުގެ ފަހު ހަފްތާގައި އަޑުއެހުމެއް ބާއްވައި އެ ދުވަހުގެ އަޑުއެހުމުގައި އެ ކަމަށް ގޮތެއް ނިންމެވުމަށެވެ. 

އެއަށް ފަހު މިއަދުގެ އަޑުއެހުމުގައި ދެން ކުރިއަށް ގެންދިޔައީ ދައުވާއަށް ޖަވާބުދާރީވުމުގެ ބަ އެވެ. އެކަމަކު، މަސްއޫދުގެ ވަކީލު އަހުމަދު ޝިފާއު އެދިވަޑައިގަތީ ޖަވާބުދާރީވާން އިތުރު ފުރުސަތަކަށެވެ. އެހެންވެ، ދެން އޮންނަ އަޑުއެހުމުގައި  ޖަވާބުދާރީވުމުގެ ބައި ވެސް ކުރިއަށް ގެންދަން ފަނޑިޔާރު މިއަދު ނިންމެވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް