ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕިީއަށް ސޮއިކުރައްވައި ފޯމު ރައީސް ސޯލިހާ މިއަދު ހަވާލުކުރައްވަނީ. (ފޮޓޯ/އެމްޑީޕީ)

އެމްޑީޕީ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފިި

މުހުސިން އެމްޑީޕީއަށް ސޮއިކުރެއްވީ ރައީސް ސޯލިހު މިހާރު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންް

ރައްޔިތުންގެ މަޖިލީހުގެ ފ. ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު މިއަދު އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މުހުސިން އެމްޑީޕީއަށް ސޮއިކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިލަންދޫގަ އެވެ.

އޭނާ އެމްޑީޕީއަށް ސޮއިކުރައްވަން އުޅޭ ކަމުގެ ވާހަކަތައް ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ތަފްސީލް - މެންބަރު މުހުސިން ވަނީ ރައީސް ސޯލިހުގެ ހާޒިރުގައި އެމްޑީޕީއަށް ސޮއިކުރައްވައި މެންބާޝިޕް ފޯމު އެ މަނިކުފާނަށް އަރުވާފަ އެވެ. އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ މުހުސިނަށް އެމްޑީޕީގެ ދިދައެއް ދެއްވާފަ އެވެ.

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕިީއަށް ސޮއިކުރެއްވުމުން، އަސްލަމް އޭނާއަށް އެމްޑީޕީގެ ދިދައެއް ދެއްވަނީ. (ފޮޓޯ/އެމްޑީޕީ)

އޭނާއާ އެކު ނިލަންދޫގެ ބައެއް އާންމުން ވެސް ވަނީ މިއަދު އެމްޑީޕީއަށް ސޮއިކޮށްފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

ފާހަގަ ކުރެވޭ ކަމެއް - އެމްޑީޕީން ވަކިވެވަޑައިގެން ވަކި ޕާޓީއެއް އުފައްދަވަން މަސައްކަތް ފައްޓަވާފައިވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ދުރުކުރުމަށް އެމްޑީޕީން މިދިޔަ ހަފްތާގައި މަޖިލީހަށް ވެއްދި މައްސަލާގައި ވެސް މުހުސިން ވަނީ ސޮއިކުރައްވައިފަ އެވެ.

ފަސްމަންޒަރު - ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު އެ ޕާޓީން ވަކިވެވަޑައިގެންނެވުމާ އެކު، މަޖިލީހުގައި ޕާޓީތައް ތަމްސީލުކުރާ ގޮތަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. އެގޮތުން، މުހުސިން އެމްޑީޕީއަށް ސޮއިކުރެއްވުމާ އެކު މަޖިލިސް ބެހިގެންދާނެ ގޮތަކީ:

  • އެމްޑީޕީ - 56 މެންބަރުން (މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ އެކު)

  • ޕީޕީއެމް - 5 މެންބަރުން

  • ޕީއެންސީ - 3 މެންބަރުން

  • އެމްއެންޕީ - 3 މެންބަރުން

  • ޖޭޕީ - 2 މެންބަރުން

  • އެމްޑީއޭ - 2 މެންބަރުުން

  • މިނިވަން - 16 މެންބަރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް