ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު
61 ރަށެއްގެ ޕޮލިސް ސްޓޭޝަނުގެ މަސައްކަތް ނުފަށާ މައްސަލަ މަޖިލީހުގެ 2 ކޮމެޓީއަކަށް
ފަސްދޮޅަސްއެއް ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅަން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށް، އެ މަސައްކަތްތަކަށް %15 ފައިސާ ދެއްކި ނަމަވެސް އެ ތަންތަނުގެ މަސައްކަތް ނުފަށާތީ އެކަން ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމެޓީ އަކަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވަނީ އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީ އަށް ހުށަހަޅައިފަ އެވެ.
ތަފްސީލު - މައްސަލަ ހުށަހަޅުއްވާ ރިޔާޒު މަޖިލީހަށް ހުށަހެޅުއްވި ސިޓީގައި ވިދާޅުވީ، އެ ޕްރޮޖެކްޓާ ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދައްކަވާފައިވަނީ ޣައިރު ޒިންމާދާރު ވާހަކަތަކެއް ކަމަށެވެ.
އެގޮތުން މަޝްރޫއުގެ ކޮންޓްރެކްޓަރު، އިންޑިއާގެ 'އޭބީއެލް އިންްދިރާ ޕްރޮޖެކްޓްސް ޖޭވީ' އަށް ސަރުކާރުން %15 ފައިސާ ދައްކާފައިވާއިރު، ފައިސާ ދެއްކިތާ އެތައް ދުވަހެއް ވީއިރުވެސް މަޝްރޫއުގެ މަސައްކަތް މިހާތަނަށް ވެސް ފެނިފައި ނުވަނީ އިންޑިއާ އެގްޒިމް ބޭންކުން މަޝްރޫއަށް ފައިސާ ހަމަނުޖެހޭތީ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ރިޔާޒުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ރިޔާޒު އެދިލައްވާފައިވަނީ އެ މަޝްރޫއުގެ ރޭވުންތެރިކަމާއި، ސަރުކާރުން އެ މަޝްރޫއަށް ފައިސާ ހަރަދުކޮށްފައިވާގޮތާމެދު ފާހަގަކުރެވޭ މައްސަލަތައް ބަލައިދިނުމަށެވެ.
އެގޮތުން ވިދާޅުވީ؛
-
15% އަށް ވާ ފައިސާ ކޮންޓްރެކްޓަރަށް ދައްކާފައިވަނީ އަދި މަޝްރޫއު ފަށާ، ނިންމާނެ ތާރީހުގެ މައުލޫމާތު މިނިސްޓަރު ހާމަކުރައްވާފައިވަނީ މަޝްރޫއަށް ހަރަދުކުރާ ފަރާތުން، އެކަމަށް ފައިސާ ހަމަނުޖެހެނީސްކަން މި މަހުގެ 22 ގައި މިނިސްޓަރު އިމްރާން މަޖިލީހުގައި ދެއްކެވި ވާހަކައިން އެނގޭ ކަމަށް
-
އެކަމަކު މިދިޔަ އަހަރުގެ މާޗު މަހު އެ ކަމާ ގުޅޭގޮތުން މިނިސްޓަރު ދެއްވި މައުލޫމާތުން، މަޝްރޫއަށް ފައިސާ ހަމަޖެހިފައިވާކަން އެނގޭ ކަމަށް
-
މިއީ މަޝްރޫއާ މެދު ސުވާލު އުފެދި ދައުލަތުގެ ހަރަދުގައި ގަވައިދުތަކާ އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބެލެވޭ ކަމަށް
ރިޔާޒު ވަނީ އެ މައްސަލަ މާލިއްޔަތު ކޮމެޓީ އިންނާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އިން ބެލުމަށްފަހު ފިޔަވަޅު އަޅައިދިނުމަށް އެދިލައްވައިފަ އެވެ.