ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު. (ފައިލް ފޮޓޯ/ޓޫރިޒަމް މިނިސްޓްރީ)
އަލީ ވަހީދު މައްސަލައިގެ އަޑުއެހުމެއް ނޮވެމްބަރު 8ގައި ސުޕްރީމް ކޯޓުގައި ތާލުކޮށްފި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދިއުމާ ގުޅޭ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް 8 ނޮވެމްބަރަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - އިނގިރޭސިވިލާތުގައި އަދިވެސް ހުންނެވި އަލީ ވަހީދާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ޖިންސީ ކުށުގެ ހަތް ދައުވާގެ ޝަރީއަތުގައި އޭނާއަށް އިނގިރޭސިވިލާތުގައި ހުރެގެން ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައި އެ ކޯޓުން ވަނީ ނިންމުމެއް ނިންމައިފަ އެވެ. ނަމަވެސް އެ ނިންމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
އެ މައްސަލައިގެ އަޑުއެހުމަކަށް ސުޕްރީމް ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް އަމުރުކުރުމުން، އަމުރާ ހިލާފުވެ ކޯޓަށް ހާޒިރުވެފައި ނުވާތީ، އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި، ސުޕްރީމް ކޯޓުން ވަނީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފަ އެވެ.
ތަފްސީލް - އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ދައުލަތުން ހުށަހެޅި އިސްތިއުނާފު މައްސަލައިގައި ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ. އަދި މި މަހުގެ ހަތަރު ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ، އެ މައްސަލައިގައި ކޯޓުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އޭނާގެ އެއްވެސް ޝަރީއަތެއް އޮންލައިންކޮށް ކުރިއަށް ނުގެންދަން އަމުރުކޮށްފަ އެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ދެން އަޑުއެހުމެއް އޮންނާނީ 8 ނޮވެމްބަރުގެ ހެނދުނު 9 ޖަހާއިރު އެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް:
-
ޖިންސީ އަނިޔާކުރުމުގެ ދައުވާ
-
ޖިންސީ ގޯނާކުރުމުގެ ދައުވާ
-
ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ
-
ރޭޕް ކުރަން އުޅުމުގެ ދައުވާ
-
ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
-
ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ
އެނގުން މުހިންމު - އަލީ ވަހީދު ވަނީ ހުރިހާ ދައުވާތަކަށް ވެސް އިންކާރުކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައިވަނީ އެ ތުހުމަތުތަކުގެ ފަހަތުގައި ވަނީ ސިޔާސީ ބަޔަކު ކަމަށާއި އޭނާ "ފްރޭމް" ކޮށްފައިވާ ކަމަށެވެ.
އިތުރަށް ކިޔާލަން -