އިދިކޮޅު މުޒާހަރާއެއްގެ ތެރެއިން އަންހެން އެކްޓިސްޓުން ހަރަކާތްތެރިވަނީ: ޕީޕީއެމްގެ އަންހެން ސަޕޯޓަރަކު ދެވަނަ ފަހަރަށް ހައްޔަރު ކުރީ ގޯސްކޮަށް ކަމަށް ކޯޓުން އިއްޔެ ވަނީ ނިންމާފައި (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ކްރިމިނަލް ކޯޓު

ކޯޓުން ކަނޑައަޅާފައިވާ ކާފިއުއާ ހިލާފުވެގެން އިދިކޮޅު އެކްޓިވިސްޓަކު ހައްޔަރުކުރީ ގާނޫނާ ހިލާފަށް

އޭނާގެ ވަކީލު ކޯޓުގައި ބުނީ، ކާފިއު ވަގުތު ބޭރަށް ނުކުތީ ކުއްލި ކަމެއް ދިމާވެގެން ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދިޔުމަށް ކަމަށް

ޕީޕީއެމް-ޕީއެންސީގެ މުޒާހަރާއެއް ތެރެއިން މިދިޔަ މަހު ހައްޔަރު ކުރުމުން ޝަރުތުތަކަކާ އެކު ދޫކޮށްލި، އެ ކޯލިޝަންގެ އަންހެން އެކްޓިވިސްޓަކު ދެވަނަ ފަހަރަށް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ބުނެފި އެވެ. އެއާ އެކު އެ ކޯޓުން ވަނީ އޭނާ ބަންދުން ދުކޮށްލުމަށް ވެސް އަމުރުކޮށްފަ އެވެ.

ވީ ކިހިނެއް؟ - މަރިޔަމް ސައީދާ 49، ލަކީލޮޖް/ސ. ހިތަދޫ، ޕީޕީއެމްގެ މުޒާހަރާއާ ތެރެއިން ހައްޔަރުކުރީ މިދިޔަ އެޕްރީލް މަހު މެދު ތެރޭގަ އެވެ. މަރިޔަމް ސައީދާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތުމުން އެޕްރީލް 14ގައި ޝަރުތުތަކަކާ އެކު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލި އެވެ. އެގޮތުން:

  • އޭނާއަށް ކުރި ޝަރުތުތަކުގެ ތެރޭގައި ރޭގަނޑު 8އިން ހެނދުނު 6އަކަށް ބޭރަށް ނުދިއުން ހިމެނޭ

  • އެއީ ދެ މަސް ދުވަހުގެ މުއްދަތަކަށް

  • ނަމަވެސް އެ މުއްދަތު ނުނިމެނީސް، ކޯޓުން ކަނޑައަޅާފައިވާ ކާފިއުއާ ހިލާވެގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، 12 ޖަހަން އުޅެނިކޮށް މަރިޔަމް ސައީދާ އަނެއްކާވެސް ހައްޔަރުކުރި

ތަފްސީލު - ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު 'ދައުރު'އަށް ވިދާޅުވީ، ސައީދާ ދެވަނަ ފަހަރަށް ހައްޔަރުކުރީ މުޒާހަރާއިން ނޫން ކަމަށާއި ފިރިމީހާއާ އެކު ސައިކަލުގައި ހޮސްޕިޓަލަށް ދިޔަ މަގުމަތީ ކަމަށެވެ.

ސައީދާގެ ކޯޓު އަމުރުން އެނގޭ ގޮތުގައި ދެވަނަ ފަހަރަށް ފުލުހުން އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއް ނެތި އެވެ. އޭނާގެ ވަކީލު ކޯޓުގައި ބުނީ:

  • މަރިޔަމް ސައީދާއަކީ ހަކުރު ބަލި ހުންނަ މީހެއް ކަމަށާއި އެވަގުތު ބޭރަށް ނުކުތީ، ކުއްލި ކަމެއް ދިމާވެގެން ހޮސްޕިޓަލަށް ދިޔުމަށް ކަމަށް؛ އެ ހާލަތުގައި ލިޔުމުން ހުއްދައެއް ހޯދުމަށް ޝަރުތުކޮށްފައި ނުވާ ކަމަށް 

  • ހައްޔަރުކުރީ، މަރިޔަމް ސައީދާ އަތުގައި ބޭސް ސީޓީ ވެސް އޮއްވާ ކަމަށާއި އަތުގައި ބޭސް ވެސް ހުރި ކަމަށް އަދި ބޭސްތައް ފުލުހުން އެވަގުތު އަތުލިކަމަށް

  • އޭނާއަކީ ކޯޓުން ކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރަމުން އަންނަ މީހެއް؛ އެ ޝަރުތުތައް ރިވިއު ކުރުމަށް މީގެ ކުރިން ކޯޓަށް ހުށަހަޅާފައިވާނެ

 ކްރިމިނަލް ކޯޓު ކައިރީގައި ފުލުހުން ހަރާކަތްތެރިވަމުން ދަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ކޯޓު އަމުރެއް ނެތި ސައީދާ ހައްޔަރުކޮށްފައި ވާތީ އެކަމާ ގުޅޭ ގޮތުން ބަންދުގެ މަޖިލީހުގައި މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒު ރަޝާދު ފުލުހުންނާ ސުވާލުކުރެއްވި އެވެ. ޖަވާބުގައި އިންވެސްޓިގޭޓިވް އޮފިސަރު (އައިއޯ) ވިދާޅުވީ، 'މި ބަވާތުގެ މައްސަލައެއްގައި ކޯޓު އަމުރެއް އޮންނަން ޖެހޭ ކަމަށް ނުދެކޭ' ކަމަށެވެ. އަދި ހައްޔަރުކުރި ވަގުތު ސައީދާގެ އަތުގައި ބޭހާއި ބޭސް ސިޓީ އޮތް ކަމަަށް ހައްޔަރުކުރި އޮފިސަރުން މައުލޫމާތު ނުދޭ ކަމަށް ވެސް އައިއޯ ވިދާޅުވި އެވެ.

ފުލުހުން އެދުނީ ކޯޓުން ކަނޑައެޅި ކާފިއުއާ ހިލާފުވެފައި ވާތީވެ، އޭނާގެ ކުށުގެ ރިކޯޑަށް ބަލައި، ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށެވެ.

ސައީދާ ހައްޔަރުކުރީ، ކާފިއުއާ ހިލާފުވެގެން ކަމަށް އެނގެން އޮތް ނަމަވެސް ގާޒީ ނިންމެވީ، އޭނާ ހައްޔަރުކުރީ ގޯސްކޮށް ކަމަށެވެ.

"އޭނާ އަލުން ހައްޔަރުކުރުމަށް ނުވަތަ ބަންދު ކުރުމަށް ފުލުހުންގެ ފަރާތުން އެދޭ ކަމުގައި ވަނީ ނަމަ، ކޯޓު އަމުރެއް އޮންނަން ޖެހޭ ކަމުގައި ޝަރީއަތަށް ބުރަވެވޭ،" ގާޒީ ފާއިޒު ނެރުއްވި އަމުރުގައިވެ އެވެ.

"މި މައްސަލައިގައި އެފަދަ ކޯޓު އަމުރެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށް ޝަރީއަތަށް ބުރަވެވޭ."

ކޯޓު އަމުރުގައި އިތުރަށް ބުނީ:

  • ކޯޓުން ކޮށްފައިވާ ޝަރުތާ ހިލާފުވާކަމަށް ފުލުހުންނަށް ފާހަަގަކުރެވޭ ނަމަ، ކޯޓަށް ހުށަހަޅައިގެން ޝަރުތު މުރާޖާ ކުރުމަކީ ވެސް ފުލުހުންނަށް އޮތް ފުރުސަތެއް

  • ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވޭ ކޮންމެ ފަހަރަކު އެ މީހެއްގެ މިނިވަންކަން ހިފަހައްޓައި، ބަންދުކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން

  • އެކަމަކީ އެނޫން ގޮތެއް ނެތް ހާލަތެއްގައި އެޅޭ އިސްތިސްނާއީ އަދި ނިހާއީ [އެންމެ ފަހުގެ] ފިޔަވަޅަކަށް ވާންވާނެ ކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކުން ވެސް އެނގޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް