ރަށެއްގެ އަތިރިމަތީގައި އާއިލާއެއް ހިތްހަމަ ޖައްސާލަން މަޑުކޮށްލައިގެން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ފެމިލީ ކޯޓު

އަވަހަށް ކައިވެނި ރޫޅާލަން އާއިލާ އާއި ރައްޓެހިން ހިތްވަރު ދޭ: ގާޒީ

ރާއްޖޭގައި ވަރި ގިނަވާ ސަބަބުތަކާ ގުޅޭ ގޮތުން ގާޒީ ވަނީ، އޭނާ ނެރުއްވި ހިތޯބެއްގައި ވާހަކަދައްކަވާފައި

ރާއްޖޭގައި ވަރި ގިނަވާ ސަބަބުތަކުގެ ތެރޭގައި، ދެމަފިރިންގެ މެދުގައި މައްސަލަ ޖެހުމުން ވީހާ ވެސް އަވަހަކަށް ކައިވެނި ރޫޅާލުމަށް އާއިލާގެ ތެރެއިންނާއި ރަހުމަތްތެރިން ހިތްވަރު ދިނުން ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށް ފެމެލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހިތޯބެއްގައި އިސް ގާޒީ ވަނީ، ކައިވެނި ރޫޅުމާއި އޭގެ ސަބަބުން ދަރިން ނިކަމެތިވާ ގިނަ ސަބަބުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

އެއް ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އާއިލާ އާއި ރަހުމަތްތެރިންގެ ނުފޫޒެވެ.

ބުނީ ކީކޭ؟ - ގާޒީ ވިދާޅުވީ، ދެމަފިރިންގެ މެދުގައި މައްސަލަ ޖެހުމުން އެ މީހުންނާއި ދަރިންނަށް އެންމެ ފައިދާ ހުރި ހައްލެއް ހޯދައިދިނުމުގެ ބަދަލުގައި، އަވަހަށް ކައިވެނި ރޫޅާލުމަށް އާއިލާގެ ތެރެއިންނާއި ރަހުމަތްތެރިން ހިތްވަރު ދޭ ކަމަށެވެ.

އޭގެ އިތުރުން، ފެމެލީ ކޯޓަށް ހުށަހަޅާ މައްސަލަތަކަށް ބަލާއިރު، ވަރި ގިނަވާ މައިގަނޑު އަނެއް ސަބަބެއްގެ ގޮތުގައި ގާޒީ ފާހަގަކުރެއްވީ، އުފާވެރި ޒަވާޖީ ހަޔާތަކަށް ތައްޔާރު ނުވެ ކައިވެނި ކުރުމެވެ. އެގޮތުން، ކައިވެނީގެ ކަންކަމާ މަޝްވަރާ ކުރެވޭ ވަރަށް ވެސް ދިރިއުޅޭނެ ތަނާއި ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމާ ގުޅޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ.

އޭގެ އިތުރުން:

  • ޒިންމާތައް ބަހާލުމާއި އާއިލީ ދިރިއުޅުން ބައްޓަން ކުރަންވާ ގޮތާ ގުޅޭ ގޮތުން މަޝްވަރާއެއް ނުކުރޭ

  • ސިއްހީ މައްސަލައެއް ހުރި ނަމަ އެ ކަމުގައި އަމަލުކުރާނެ ގޮތް ފަދަ ދެމަފިރިންނާ ސީދާ ގުޅުން ހުރި މުހިއްމު ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާއެއް ނުކުރޭ 

ގާޒީ ވިދާޅުވީ ދަރިންގެ ހަރަދު ހޯދައިދިނުމަށް އެދި އެ ކުދިންގެ މަންމައިން ރޯ މަންޒަރާއި ދަރިންނާ ބައްދަލުވާނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދި ބައްޕައިން އާދޭސްކުރާ މަންޒަރަކީ ކޯޓުން ފެންނަ ހިތްދަތި މަންޒަރުތައް ކަމަށެވެ.

ކައިވެނި ރޫޅާލުމަށް ފަހު ދަރިންނާ ގުޅުން ހުރި ކަންކަން އެ ފަދަ ހާލަތަކަށް ގިނަ ފަހަރަށް ދަނީ، އޭނާ ވިދާޅުވި ގޮތުގައި، އެއީ ދަރިންގެ މަންމައަށް ނުވަތަ ބައްޕައަށް ކޮށްދޭ ކަމެއްގެ ގޮތުގައި ވިސްނޭތީ އެވެ.

"ދަރިންނަށް ހަރަދު ލިބުމާއި މައިންބަފައިންނާ ބައްދަލުކޮށް އެކުގައި ވަގުތު ހޭދަކުރުމަކީ އެ ކުދިންގެ ހައްގެއްކަން ދަނެ، އެ ހައްގުން ކުދިން މަހުރޫމް ނުކުރުމުގެ ވިސްނުން އިސްކުރާ ނަމަ، ކައިވެނި ރޫޅުމަށް ފަހު ޖެހޭ ވަރަށް ގިނަ މައްސަލަތައް ހައްލުވާނެ،" އިސް ގާޒީގެ ހިތޯބުގައި ވިދާޅުވި އެވެ.

އޭގެ އިތުރުން، އުފާވެރި އާއިލީ ވެއްޓެއް ހޯދުމަށް އިލާހީ އަމުރުތަކަށް ދެމަފިރިން ވެސް ތަބާވުން މުހިއްމުކަމާ ގުޅޭ ގޮތުން އޭނާ ވާހަކަ ދެއްކެވި އެވެ. އެގޮތުން:

  • އާއިލާގެ ކެއިންބުއިމާއި ބޯހިޔާވަހިކަމާއި އުނުފޭރާމާއި ތައުލީމަށް ހަރަދުކުރުމަށް ހަލާލު ގޮތުގައި ފައިސާ ހޯދަން ޖެހޭ

  • އެހެެން މީހުންގެ ދިރިއުޅުމުގެ ފެންވަރާއި ތިމާމެންގެ ދިރިއުޅުން އަޅާކިޔައި މާއްދިއްޔަތުގެ ވާދަވެރިކަމަށް ނޫޅުން

  •  ދެމަފިރިން އެކަކު އަނެކަކަށް އަދި ދަރިންނަށް ހެޔޮ ދުއާކުރުން

  • ދެމަފިރިން އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި ލޯބިވެ، އަޑުގަދަކޮށް ވާހަކަދައްކައި ރުޅި އިސްކުރުމާ ދުރުހެލިވުން

  • ދަރިންގެ ވާހަކަތައް ކަނުލާ އަޑުއެހުން 

  • އާއިލީ އުފާވެރި ވަގުތުތައް ހަލާކުވާ އެއްޗަކަށް މޯބައިލް ފޯނު ހެދިޔަ ނުދިނުން

"މިއީ އާދައިގެ، ކުދިކުދި ކަންކަން ކަމުގައި ހީވެދާނެ އެވެ. އެކަމަކު ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ބަލާއިރު، އާއިލާގެ އުފާވެރިކަމަށްޓަކައި މިއީ އިސްކަންދޭ ބޮޑެތި ކަންތައްތަކެއްކަން އެނގެ އެވެ،" ހިތޯބުގައި ގާޒީ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް