އުކުޅަހު ބަނދަރުގައި ބަނގުރާ ވިއްކާ ކަމުގެ ތުހުމަތު ކުރެވޭ 'ޒެޑް ކްރޫޒާ' ސަފާރީ. ފޮޓޯ/ ފޭސްބުކް، ޒެޑް ކްރޫޒާ

އއ. އުކުޅަސް

މޫސުން ގޯސްވުމުން އުކުޅަހު ބަނދަރުން ސަފާރީ ބޭރެއް ނުކުރެވުނު

ކޯޓުން 24 ގަޑިއިރުގެ މުހުލަތެއް ދިނީ މޫސުމީ އެލާޓްތައް ނުހިމަނާ

އއ. އުކުޅަހުގައި ބަނގުރާ ވިއްކާ ކަމަށް ތުހުމަތުކުރެވޭ ސަފާރީ އެ ރަށު ބަނދަރުން ނެރެން އުކުޅަހު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ރޭ އަމުރުކުރި ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ސަފާރީ ނެރެވޭ ގޮތެއް ނުވި އެވެ.

ވީ ކިހިނެއް؟ - އުކުޅަހު ބަނދަރަށް ވަދެފައިވާ 'ޒެޑް ކްރޫޒާ' ނަމަކަށް ކިޔާ ސަފާރީން ރަށުތެރޭގައި ބަނގުރާ ވިއްކާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އެ ރަށުގެ ރައްޔިތުން މިދިޔަ ހަފްތާގައި އެކި ގޮތް ގޮތަށް އިހުތިޖާޖު ކުރި އެވެ.

އެގޮތުން، ރަށުގެ ބައެއް މީހުން ކައުންސިލް އިދާރާ ތެރެއަށް ވަދެ، އަޑުގަދަކޮށް އަދި ފަހުން އޮފީސް ތެރެއަށް ނުވަދެވޭނެ ގޮތަށް ގޭޓު ކައިރިއަށް ބޮއްކުރައެއް އެހެލި އެވެ. އަދި ދޯނިފަހަރަށް ވަދެ ނުނިކުމެވޭ ގޮތަށް ރަށުގެ ނެރު ވެސް ބަންދު ކޮށްފައިވެ އެވެ.

ރައްޔިތުން ނުރުހުންވެ، އިތުރަށް ހަމަނުޖެހުން ހިންގަފާނެ ކަމަށް މިދިޔަ ތިން ދުވަހު އެ ރަށަށް ގިނަ އަދަދެއްގެ ފުލުހުން ވެސް ދިޔަ އެވެ.

ތަފްސީލު - ސަފާރީ ފަޅުން ނެރުމާ ގުޅޭ ގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އުކުޅަހު ކޯޓުން ވަނީ ގޮތެއް ނިންމާފަ އެވެ. އެގޮތުން:

  • އެ ރޭ 9:30ގައި ކޯޓުން އަމުރު ނެރުނީ 24 ގަޑިއިރުގެ ތެރޭގައި ސަފާރީ ފަޅުން ނެރުމަށް

  • އެކަމަކު މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރަކަށް ވުމުން، ކޯޓު އަމުރުގައިވާ ގޮތުން، 24 ގަޑިިއިރު ގުނާނީ މޫސުމާ ބެހޭ އިދާރާއިން އއ. އަތޮޅު ސަރަހައްދަށް ނެރެފައިވާ އެއްވެސް މޫސުމީ އެލާޓެއް ނުހިމަނާ

ކޯޓުން އަމުރު ނެރުނު ފަހުން، އެ ސަރަހައްދަށް މޫސުން ރީތިކޮށްލާފައި އޮތީ ކުޑަވަގުުތު ކޮޅަކަށެވެ. ޖެހިގެން އައި ދުވަހަށް އިރުއެރީއްސުުރެ، އަރިއަތޮޅު ހިމެނޭ ގޮތަށް އޮތީ ވައިޓް އެލާޓް ނެރެފަ އެވެ.

"މި ގަދައިގައި ސަފާރީގެ ބޭރުގައި ދަމާފައި ހުރި ސަތަރިތައް ވެސް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި. އިއްޔެ ވެސް ސަފާރީގެ މީހުން އުޅޭ އެކަންކަން ރަނގަޅު ކުރަން،" ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި އުކުޅަހު މީހަކު ބުންޏެވެ.

"ހީވަނީ މޫސުން ރަނގަޅުވީމަހެން ދެން ނެރެވޭނީ."

މައްސަލައިގެ ފެށުން - ސަފާރީގެ މައްސަލައާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އުކުޅަހު ކައުންސިލުގެ ރައީސް ޝައުކަތު އިބްރާހިމް މީގެ ކުރިން 'ދައުރު'އަށް ވިދާޅުވެފައިވާ ގޮތުގައި:

  • ބަނގުރާ ވިއްކާ ކަމުގެ ތުހުމަތު ކުރެވިފައިވާ ސަފާރީ، މަރާމާތަށް ރަށުގެ ބަނދަރަށް ވަނުމުގެ ހުއްދައަށް އެދުމުން ކައުންސިލުން ވަގުތުން އެ ކަމަށް އެޓެންޑްވި

  • ސަފާރީ ބަނދަރަށް ވަނުމުގެ ހުއްދައަށް އެދުމުން، ފުލުހުންގެ ހާޒިރުގައި ކައުންސިލުން އުޅަނދު ބަލައި ފާސްނުކޮށް ބަނދަރަށް ގާތްނުކުރެވޭނެ ކަމަށް އެންގި

  • ނަމަވެސް، ސަފާރީން އެ ކަމަށް ދެކޮޅު ހެދި

  • ސަފާރީ ރަށު ބަނދަރުން ނެރެން ކައުންސިލުން އެއް ދުވަހުގެ މުހުލަތެއް ދިން

  • އެ މުހުލަތުގެ ތެރޭގައި ސަފާރީ ނުނެރުމުން ކައުންސިލުން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައި

  • އެ އުޅަނދު ބަލައި ފާސްކުރުމަށް ފަހު، ބަނގުރާ ފަދަ އެއްޗެއް އޭގައި ނެތް ކަމަށާއި ސަފާރީ އޮތީ، އަނބުރާ ކަނޑަށް ނެރެވޭ ވަރަށް ވުރެ މަރާމާތަށް ބޭނުންވެފައި ކަމަށް ބުނެ ފުލުހުން ކައުންސިލަށް ސިޓީ ފޮނުވި

  • ސަފާރީ ނެރެން އަމުރު ނެރެދިނުމަށް އެދި ރަށު ކޯޓަށް މައްސަލަ ހުށަހެޅި

އިތުރު އާޓިކަލް

އިތުރު އާޓިކަލް