ކޭޕާކް މައްސަލައިގައި ޕާސްޕޯޓް ހިފަހައްޓާފައިވާ ކިމް އާއި ޖައިޝާން: އެ މައްސަލައިގައި ތިން މީހެއްގެ ޕާސްޕޯޓް މިހާރު ވަނީ ހިފަހައްޓާފައި.

ކޭޕާކު މައްސަލައިގައި އިތުރު ދިވެއްސަކާއި ބިދޭސީއެއްގެ ޕާސްޕޯޓް ހިފަހައްޓައިފި

ހިފަހައްޓާފައި ވަނީ މަމްދޫހުއާ ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ޖައިޝާން ސައީދު އާއި ކޮރެއާގެ ބްރޯކަރެއް ކަމަށް ބުނާ ކިމްގެ ޕާސްޕޯޓު

ހުޅުމާލޭގައި ހަންބޯ ކޮމްޕެނީއިން ހަދަމުން އަންނަ މަތީ ފަންތީގެ ކޭޕާކް ރެސިޑެންސް ފްލެޓްތައް ވިއްކުމުގައި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އިތުރު ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

މައްސަލައިގެ ފެށުން - މިދިޔަ ހަފްތާ ތެރޭގައި ހަމްބޯ ކުންފުނީގެ މައި ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރު، ޗައިނާގެ ރައްޔިތެއް ކަމަށްވާ ޖިން ޝިހޫ ވަނީ މަމްދޫހުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް އޭނާ މަކަރާ ހީލަތް ހަދާފައިވާ ކަމަށް ބުނެ މައްސަލަ ފުލުުހަށް ހުށަހަޅައިފަ އެވެ. އެގޮތުން ޖިން ތުހުމަތުކޮށްފައި ވަނީ: 

  • ކުންފުންޏަށް ވަގަށް މަމްދޫހު އަމިއްލައަށް އެޕާޓްމަންޓްތައް ނުއަގުގައި އެކި ފަރާތްތަކަށް ވިއްކައި ފައިސާ ނަގާފައިވުން

  • ސޮއި ފޯޖްކޮށްގެން ވަގު ބޯޑް ރިޒޮލިއުޝަންތައް ހަދައި ކުންފުނީގެ ބޭންކު އެކައުންޓް ހުޅުވައި ފައިސާގެ މުއާމަލާތްތައް ކޮށްފައިވުން 

  • އެކަކަށް ވުރެ ގިނަ މީހުންނަށް އެއް އެޕާޓްމަންޓެއް ވިއްކައި މަކަރު ހަދާފައިވުން 

  • ކުންފުނީގެ ޓެކްސް ބަޔާންތައް އޮޅުވާލައި ސޮއި ފޯޖްކޮށްގެން މީރާއަށް ބަޔާންތައް ހުށަހަޅާފައިވުން 

އެ ސީރިއަސް ތުހުމަތުތަކާ ގުޅިގެން، މަމްދޫހުގެ މައްޗަށް ތަހުގީގެއް ފަށައި އޭނާއަށް ރާއްޖެއިން ފުރައިގެން ނުދެވޭ ގޮތަށް ޕާސްޕޯޓް ހިފަހައްޓާފައިވާކަން ފުލުހުން ވަނީ މިިދޔަ ހޮނިހިރު ދުވަހު އިއުލާންކޮށްފަ އެވެ.

މަމްދޫހު އާއި ކޭޕާކްގެ މައި ހިއްސާދާރު ޗައިނާގެ ޖިން ހަފްލާއެއްގައި: ޖިން އަންނަނީ މަމްދޫހުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުން.

ވީ ކިހިނެއް؟ - އެ މައްސަލައިގައި އިތުރު ބައެއްގެ ޕާސްޕޯޓް ހިފެހެއްޓިތޯ 'ދައުރު'އިން މިއަދު ފުލުހުންނާ ސުވާލުކުރުން ފުލުހުންގެ ތަރުޖަމާނަކު ވަނީ އިތުރު ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން ޔަގީންކޮށްދީފަ އެވެ. އަދި އޭގެ ތެރެއިން އެކަކީ ބިދޭސީއެއް ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ. 

ނަމަވެސް، އެ މީހުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.

ކޭޕާކުގެ ވެރިޔާ ކަމަށް ބުނާ މަމްދޫހު، ކ.1 އާއި އޭނާއާ ޖެހިގެން ކޮރެއާގެ އެޖެންޓް ކިމް.

ތަފްސީލް - 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، ފުރުން މަނާކޮށް ހިފަހައްޓާފައި ވަނީ، ވަގަށް ފްލެޓްތައް ވިއްކުމުގައި މަމްދޫހުއާ ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އޭނާގެ ވިޔަފާރި ބައިވެރިއެއް ކަމަށްވާ ޖައިޝާން ސައީދުގެ ޕާސްޕޯޓެވެ.

ޖައިޝާން ވަނީ:

  • ފުލެޓް ވިއްކި އެގްރިމަންޓްތަކުގައި ހަންބޯ ކުންފުނީގެ ހެއްކެއްގެ ގޮތުންނާއި ފައިސާ ބަލައިގަތްކަމުގެ ރަސީދުތަކުގައި ވެސް ސޮއިކޮށްފައި 

  • ސައްހަ ނޫން ކަމަށް ބެލެވޭ ޓެކްސް ބަޔާންތައް މީރާއަށް ހުށަހެޅިއިރު ސޮއިކޮށްފައި ވަނީ ވެސް އޭނާ 

ދެން ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މީގެ ކުރިން ހަންބޯ ކުންފުނީގައި ހިއްސާ އޮތް، ހަންބޯ ޓެކް ކިޔާ ދެކުނު ކޮރެއާގެ ކުންފުންޏެއްގެ ބްރޯކަރެއް ކަމަށް ބުނާ އެ ގައުމުގެ ރައްޔިތެއް ކަމަށްވާ ސޫން ސޫ ކިމް އެވެ. 

އޭނާ އަކީ މަމްދޫހުގެ ގާތް ރަހުމަތްތެރިއެއްކަން އެނގިފައިވެ އެވެ. އަދި ކޭޕާކަށް އިންވެސްޓްކުރަން ޖިންއަށް ދައުވަތު ދީ، މަމްދޫހު އޭނާއަށް ތައާރަފްކޮށްދިނުމުގެ މެދުވެރިއަކަށްވީ ކިމް ކަމަށް ވެސް ވެ އެވެ.

ކޮމެންޓް (1)

ޕިންޑޭ

10 މޭ 2023
ޙަގު އަނބީގެ އަދި ދޮށީއަނބީގެ ކިތައްއެޕާރޓްމަންޓް / ގޯތި ރާއްޖެ އަދި ދުބާއީގަ އެބައޮތްތަ މަންޑޭ؟
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް