ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ރަޝީދު. (ފޮޓޯ/އެމްއެންޑީއެފް

މޮޓޯކޭޑަށް ހުރަސްއެޅުމުގައި ކޮމާންޑަރުގެ އިހުމާލެއް ނެތް: އެމްއެންޑީއެފް

އަބްދުﷲ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ހުރި ހުރުން ނިމުމަކަށް ގެނައި ކަމެއް އަދި ނޭނގޭ

ރައީސްގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ މުޒާހަރާގެ ބައިވެރިންނަށް ހުރަސް އެޅުމަށް ފުރުސަތު ލިބުނު މައްސަލައިގައި މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރި ރައީސްގެ ސެކިއުރިޓީ ޔުނިޓުގެ ވެރިޔާ، ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ އިބްރާހިމްގެ އިހުމާލެއް ނެތް ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި  އެވެ.

އެނގުން މުހިންމު - މިދިޔަ މާޗު މަހު އެކަން ހިނގިއިރު ކާނަލް ރޭންކުގައި ހުންނެވި އަބްދުﷲ ރައީސްގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓާ އެމްއެންޑީއެފްގެ 'ޕްރެސިޑެންޝަލް ގާޑްސް' ޔުނިޓްގެ އިސްވެރިޔާ އެވެ.

ވީ ކިހިނެއް؟ - މިދިޔަ މާޗު މަހު، ޕީޕިއެމް އޮފީސް ކުރިމަތީ ކުރި މުޒާހަރާތެރެއިން ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި  މައްސަލައިގައި މިއަދު އެމްއެންޑީއެފުން ވަނީ ބަޔާނެއް ނެރެފަ އެވެ.

ބުނީ ކީކޭ؟ - " މި މައްސަލަ ބެލި ބެލުމުން، ކޮމާންޑިން އޮފިސަރުގެ [އަބްދުﷲ އިބްރާހިމްގެ] އެއްވެސް އިހުމާލެއް ފެންނަން ނެތް ކަމަށް ދަންނަވަން،" ބަޔާނުގައި ބުންޏެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ: 

  • އަމަލުކުރަމުން އަންނަ އުސޫލުތަކާ އެއްގޮތަށް، މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރުމަކީ ސިފައިންގެ ވަޒީފާއާ ބެހޭ ގަވައިދުގެ ދަށުން ކުރާ ކަމެއް

  • އަބްދުﷲއަށް ފިޔަވަޅު އެޅީ އެ ގަވައިދުގައިވާ ވަޒީފައިން ސަސްޕެންޑް ކުުރުމުގެ މާއްދާގެ ދަށަކުން ނޫން

  • މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އެކަހެރި ކުރަނީ، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، އިންސާފުވެރިކަމާ އެކު އެފަދަ މައްސަލަތައް ބެލުމުގެ ބޭނުމުގައި

ފާހަގަކޮށްލެވޭ ކަމެއް - އަބްދުﷲގެ އިހުމާލެއް ނެތް ކަމަށް އެމްއެންޑީއެފުން ބުނިއިރު، މި މައްސަލައިގައި އޭނާއަށް ވަގުތީ ގޮތުން އެޅި ފިޔަވަޅު ނިމުމަކަށް ގެނައި ކަމަށް ބަޔާނުގައި ބުނެފައެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖާ ހުސައިން ރަޝީދުއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، މި ވަގުތަށް އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.

އެމްއެންޑީއެފުން މިއަދު ބަޔާން ނެރެފައި މި ވަނީ، އަބްދުﷲއަށް ވަގުތީ ފިޔަވަޅު އަޅާފައިވަނިކޮށް، އޭނާއަށް މަގާމުގެ ކުރިއެރުން ދިން މައްސަލަ އިއްޔެ ފެންމަތިވުމާ ގުޅިގެންނެވެ. އަބްދުﷲއަށް މަގާމުގެ ކުރިއެރުން ދީފައި ވަނީ ބްރިގޭޑިޔާ ޖެނެރަލްގެ މަގާމަށެވެ.

ނޯޓް: މި ހަބަރު ފުރަތަމަ ޝާއިއުކުރިއިރު، އަބްދުﷲއަށް ވަގުތީ ގޮތުން އެޅި ފިޔަވަޅު ނިމުމަކަށް ގެނައި ކަމަށް ބަޔާނުގައި ބުނެފައިވާ ކަމަށް ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަޔާނުގައި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް