ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން އަޅާ ފްލެޓުތަކުގެ ސާމްޕަލް އެޕާޓުމެންޓު. (ފޮޓޯ/ރައީސް އޮފީސް)

'ގެދޮރުވެރިޔާ' ފްލެޓުތަކުގެ ފިނިޝިންއަށް ލޯނު ހޯދާ ވާހަކަ ދޮގުކޮށްފި

އެ ކޯޕަރޭޝަނުން ބުނީ އެކަމަށް ލޯނެއް ނަގަން ނުވަތަ ފައިސާ ހަމަޖައްސަން އެ ކޯޕަރޭޝަންގެ ފަރާތުން އެއްވެސް ބޭންކަކަށް ނުދާކަމަށް

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން އަޅަމުން އަންނަ ފްލެޓުތަކުގެ ފިނިޝިން މަސައްކަތަށް އެ ކޯޕަރޭޝަނުން ލޯނު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަ އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.

ވީ ކިހިނެއް؟ - އޮންލައިން ނޫސް 'ދިޔަރެސް' އިން މިއަދު ޝާއިއުކުރި ހަބަރެއްގައިވާ ގޮތުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ 4،000 ހައުސިން ޔުނިޓުގެ ފިނިޝިން މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެފްޑީސީން ރާއްޖޭގެ އެކި ބޭންކުތަކާ މަޝްވަރާކޮށްފައިވެ އެވެ.

ބުނީ ކީކޭ؟ - އެ ހަބަރު ޖެހުމުން، އެ ހަބަރުގައި ވަނީ ދޮގު މައުލޫމާތު ކަމަށް ބުނެ އެފްޑީސީން މިއަދު ނޫސްބަޔާނެއް ނެރުނެވެ.

ފިނިޝިންގެ މަސައްކަތް ނިންމުމަށް އިތުރު ލޯނެއް ނަގަން ނުޖެހޭ ކަމަށާއި އެ ކަމަށް ލޯނެއް ނަގަން ނުވަތަ ފައިސާ ހަމަޖައްސަން އެ ކުންފުނިން އެއްވެސް ބޭންކަކަށް ނުދާކަން އެ ބަޔާނުގައި އެފްޑީސީން ބުންޏެވެ.

އެފްޑީސީން އިތުރަށް ބުނީ:

  • އެ ކޯޕަރޭޝަނުން އިމާރާތްކުރާ ހައުސިން ޔުނިޓުގެ ދެ މަޝްރޫއުގައި ފިނިޝިންގެ މަސައްކަތް ހިމެނޭ؛ ހުރިހާ ޔުނިޓެއްގެ ފިނިޝިން މަސައްކަތް ނިންމާނެ

  • މަޝްރޫއު ކުރިއަށް ގެންދަން މިހާރު ނަގާފައިވާ ލޯނުގެ ތެރޭގައި ފިނިޝިން މަސައްކަތް ވެސް ހިމެނޭ

  • ފްލެޓުތަކުގެ މަސައްކަތް ނިމޭއިރު ހުންނާނީ މުށި ޖަހައި ދޮރު ހަރުކޮށް، ކުލަލައި ލައިޓްތަކާއި ފަންކާ އާއި ފާހާނާ ފިޓިންސް ފުރިހަމަކޮށް، އިތުރު ފިނިޝިންގެ މަސައްކަތް ވެސް ނިންމާފައި

"މި ފްލެޓްތަކަކީ އެތައް ދިވެހިންނެއް އިންތިޒާރު ކުރާ ތަންތަނަށް ވާއިރު، ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ހަގީގަތާއި ހިލާފު މައުލޫމާތު ދިނުމަކީ މި ކޯޕަރޭޝަނުން ހިތާމަކުރާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގައި އަޅަމުން އަންނަ ޓަވަރުތައް. (ދައުރު ފޮޓޯ)

ފާހަގަކޮށްލެވޭ ކަމެއް - ސަރުކާރު ކުންފުންޏެއް ކަމަށްވާ އެފްޑީސީން 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން އަޅާ 4،000 ހައުސިން ޔުނިޓު 2024އަށް ނިމޭނެ ކަމުގެ ޔަގީންކަން އެފްޑީސީންނާއި ހައުސިން މިނިސްޓްރީން ދީފައިވެ އެވެ. އަދި އޭގެ ތެރެއިން ބައެއް ތަންތަނުގައި އަންނަ އޮގަސްޓް މަހު މީހުން ދިރިއުޅެން ފަށާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

އެނގުން މުހިއްމު - ގެދޮރުވެރިޔާ ސްކީމްގައި ހިމެނޭ 4،000 ފްލެޓް އަޅަނީ އިންޑިއާގެ ލޯނެއްގެ ދަށުން، އެ ގައުމުގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެގޮތުން:

  • 137 މިލިއަން ޑޮލަރަށް 2،000 ޔުނިޓު އަޅަން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ވަނީ ހަވާލުކޮށްފައި

  • ބާކީ 2،000 ޔުނިޓު އަޅަން އިންޑިއާގެ އެންބީސީސީ ކުންފުންޏާ 130 މިލިއަން ޑޮލަރަށް ވަނީ ހަވާލުކޮށްފައި

  • މި ޔުނިޓުތައް ތަރައްގީކުރާނީ 17 ނުވަތަ 18 ބުރީގެ ޓަވަރުތަކެއްގެ ގޮތުގައި

  • 32 ޓަވަރު އިމާރާތް ކުރާނެ؛ ކޮންމެ ޓަވަރެއްގައި ހުންނާނީ 128 އެޕާޓުމަންޓު

އިތުރު އާޓިކަލް

އިތުރު އާޓިކަލް