'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އަޅަމުންދާ ޓަވަރުތައް. (ދައުރު ފޮޓޯ)

ބޯހިޔާވަހިކަން

ގެދޮރުވެރިޔާ ސްކީމްގެ ހުރިހާ ފްލެޓެއް 2024އަށް ނިމޭނެ: ހައުސިން މިނިސްޓްރީ

ފިޔަވަހިތަކަކަށް ބަހާލައިގެން ހަދާ ފްލެޓްތަކުގެ ތެރެއިން ބައެއް ތަންތަން އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ކޮންޓްރެކްޓަރުން ލަފާ ކުރޭ
2 ނޮވެމްބަރު 2022

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ ހުރިހާ ފްލެޓްތަކެއް 2024 އަށް ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރު ކުންފުންޏެއް ކަމަށްވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ހައުސިން ޔުނިޓު އެޅުމަށް ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއު ކުރިއަށް ދާ ގޮތް އިއްޔެ ނޫސްވެރިންނަށް ދައްކާލި އިރު، ހައުސިން މިނިސްޓްރީ އާއި އެފްޑީސީން ވަނީ 2024 އަށް 'ގެދޮރުވެރިޔާ' ފްލެޓްތައް ނިމޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

އެނގުން މުހިއްމު - ގެދޮރުވެރިޔާ ސްކީމްގައި ހިމެނޭ 4،000 ފްލެޓް އަޅަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެގޮތުން:

  • 137 މިލިއަން ޑޮލަރަށް 2،000 ޔުނިޓު އަޅަން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ވަނީ ހަވާލުކޮށްފައި

  • ބާކީ 2،000 ޔުނިޓު އަޅަން އިންޑިއާގެ އެންބީސީސީ ކުންފުންޏާ 130 މިލިއަން ޑޮލަރަށް ވަނީ ހަވާލުކޮށްފައި

  • މި ޔުނިޓުތައް ތަރައްގީ ކުރާނީ 17 ނުވަތަ 18 ބުރީގެ ޓަވަރުތަކެއްގެ ގޮތުގައި

  • 32 ޓަވަރު އިމާރާތް ކުރާނެ؛ ކޮންމެ ޓަވަރެއްގައި ހުންނާނީ 128 އެޕާޓުމަންޓު

'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އަޅަމުންދާ ޓަވަރުތަކުގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމެންޓްތައް ހުންނަ އިމާރާތްތައް އަޅަން ހަމަޖެހިފައިވާ ބިން. (ދައުރު ފޮޓޯ)

މި ހައުސިން ޔުނިޓުތަކުގެ ތެރޭގައި ހިމެނެނީ:

  • ދެ ކޮޓަރީގެ 1،200 އެޕާޓުމަންޓު؛ ކޮންމެ އެޕާޓުމަންޓެއްގައި 650 އަކަ ފޫޓު

  • ތިން ކޮޓަރީގެ 2،800 އެޕާޓުމަންޓު؛ ކޮންމެ އެޕާޓުމަންޓެއްގައި 900 އަކަ ފޫޓު

ތަފްސީލް - މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ ބައިބަޔަށް ބަހާލައިގެންނެވެ. އެހެންކަމުން އެކި ޓަވަރުތަކުގެ މަސައްކަތް ކުރިއަށް ދަނީ އެކި ދުވެލީގަ އެވެ. ބައެއް ޓަވަރުތަކުގައި ތަނބު ޖަހައި ދެވަނަ ފަންގިފިލާގެ މަސައްކަތްތައް ފަށާފައިވާ އިރު، ޝީޓް ޕައިލިންގެ މަސައްކަތް ނުފަށާ ބައެއް ޓަވަރުތައް ވެސް އެބަހުއްޓެވެ.

ބުނީ ކީކޭ؟ - ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެފްޑީސީގެ މެނޭޖަރު ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއާޒް އަހުމަދު ޝަމޫލް އަބްދުﷲ ވިދާޅުވީ:

  • ޖޭއެމްސީން އަޅަމުންދާ ޓަވަރުތަކުގެ %16 މަސައްކަތް ވަނީ ނިމިފައި

  • އެންބީސީސީން އަޅަމުންދާ ޓަވަރުތަކުން ނިމިފައިވަނީ މަސައްކަތުގެ %13.5 

  • ބައެއް ޓަވަރުތަކުގެ މަސައްކަތް އަންނަ އަހަރަށް އެއްކޮށް ނިންމާލެވޭނެ

  • ގެދޮރުވެރިޔާ ސްކީމްގެ ހުރިހާ ޓަވަރެއް އަޅާ 2024އަށް ނިމޭނެ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އަޅަމުންދާ ޓަވަރުތަކުގެ މަސައްކަތުގައި ކޮންޓްރެކްޓަރުން އިއްޔެ ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ)

އެނގުން މުހިއްމު - މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓަށް އެދި ކުރިމަތިލުމުގެ މުއްދަތު މިދިޔަ މަހު ހަމަވި އިރު 20،000 އަށް ވުރެ ގިނަ މީހުން ވަނީ ފޯމު ހުށަހަޅާފަ އެވެ.

މި ފޯމުތަކުގެ ސައްހަކަން ބެލުމުގެ މަރުހަލާ މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް