ރާއްޖެ-މޮރިޝަސް ކަނޑުގެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ރާއްޖޭން ހުށަހަޅާ ކަންކަން އޭޖީ އިބްރާހިމް ރިފްއަތު އޮކްޓޯބަރު 2020ގައި ހުށަހަޅުއްވަނީ. (ފޮޓޯ/ޓްރައިބިއުނަލް)

އިޓްލޮސްގެ ނިންމުމަކީ ފަހުގެ ނިންމުން؛ ބަދަލެއް ނުކުރެވޭނެ: ރިއްފަތު

ކޮންވެންޝަނުގައިވާ ގޮތުން، އިޓްލޮސްގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި އެއަށް ހުރިހާ ގައުމުކަން ވެސް އިހުތިރާމު ކުރަން ޖެހޭނެ ކަމަށް ރިއްފަތު ވިދާޅުވި

ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލުން ކުރި ހުކުމަކީ އިސްތިއުނާފީ ހައްގު ލިބިދޭ ހުކުމެއް ނޫން ކަމަށާއި، އެ ނިންމުން އެއްވެސް މަރުހަލާއެއްގައި ބަދަލުނުކުރެވޭނެ ކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ -  ޖަރުމަނުގެ ހެމްބާގުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ވަނީ ލިބިފަ އެވެ.

އިޓްލޮސް އިން ނިންމީ ދެ ގައުމުގެ ދެމެދު ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން:

  • ރާއްޖެއަށް - 47،232 އަކަ ކިލޯމީޓަރު

  • މޮރިޝަސްއަށް - 45،331 އަކަ ކިލޯމީޓަރު

މި ހުކުމާ އެކު ދެކުނުގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެެއްލުނު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމަށް ތާއީދުކޮށް، ބައެއް ސިޔާސީ ޕާޓީތަކުގެ އިތުރަށް ކުރީގެ ބައެއް ވަޒީރުންނާއި ބަންޑާރަނައިބުން މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ހުކުމް އިސްތިއުނާފް ކުރެވެން އޮތް ނަމަ އެކަން ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ބައްދަލުވުން އިންތިޒާމުކުރެއްވި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ:

  • އިސްތިއުނާފްކުރަން 30 ދުވަހުގެ މުއްދަތެއް ލިބޭނެ 

  • އެކަމަކު އެކަން ސަރުކާރުން ކުރާނެ ކަމަކަށް ނުބެލެވޭ 

  • ދިވެހިންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރެވޭނެ އެއްވެސް ޖާގައެއް އޮތްތޯ މި ދަނީ ބަލަމުން

ތަފްސީލް - އެކަމާ ގުޅޭ ގޮތުން 'ދުއުރު'ން ސުވާލުކުުރުމުން ރިއްފަތު މިއަދު ވިދާޅުވީ، ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުގެ އެއްވެސް މާއްދާއެއްގައި އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރެވޭނެ ކަމަކަށް ނޯންނާނެ ކަމަށެވެ. އަދި އިޓްލޮސްގެ އެ ނިންމުމަކީ އެއްވެސް މަރުހަލާއެއްގައި ބަދަލުކުރެވޭނެ ނިންމުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ކޮންވެންޝަނުގެ 296 ވަނަ މާއްދާގައިވާ ގޮތުން:

  • އިޓްލޮސްގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން

  • އެއަށް ހުރިހާ ގައުމުތަކަކުން ވެސް އިހްތިރާމު ކުރަން ޖެހޭނެ

ބުނީ ކީކޭ؟ - އިޓްލޮސްގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ އެ ކަމަށް އޮތް ހައްލަކީ ކޮބައިތޯ ރިއްފަތާ ސުވާލުކުރުމުން އޭނާ ވިދާޅުވީ، އެ ކަމަށް އިތުރު ހައްލެއް ދެން ނުގެނެވޭނެ ކަމަށާއި އިޓްލޮސްގެ ނިންމުން ބަދަލުކުރެވޭނެ އެއްވެސް ގޮތެއް ވެސް ނޯންނާނެ ކަމަށެވެ.

ރިއްފަތު ވިދާޅުވީ، ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލަ ހައްލުކުރަން މަސައްކަތްކުރީ ކޮންވެންޝަނުގައި އޮންނަ ގޮތުގެ މަތިން ކަމަށެވެ. ކޮންވެންޝަނުގައި މިފަދަ މައްސަލަތަކުގައި މައިގަނޑު ގޮތެއްގައި ހައްލު ހޯދަން އޮންނަނީ، އޭނާ ވިދާޅުވި ގޮތުގައި:

  • ވާހަކަދައްކައިގެން

  • އާބިޓްރޭޝަނުން

  • އިޓްލޮސްއަށް ގޮސްގެން

  • އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ގޮސްގެން

"ވާހަކަދައްކައިގެން މައްސަލަ ހައްލު ނުވީމަ، އާބިޓްރޭޝަނަށް މޮރިޝަސް އިން ފުރަތަމަ ދިޔައީ. އެކަމަކު އެއީ އަގުބޮޑު މަރުހަލާއަކަށްވާތީ ދެ ގައުމުން ނިންމީ އިޓްލޮސްއަށް ދާން. ދެން އިޓްލޮސް އިން މި އޮތީ ހުކުމްކޮށްފައި،" ރިއްފަތު ވިދާޅުވި އެވެ.

"އިޓްލޮސްގެ މި ނިންމުމަށް ބަދަލު އަންނާނެ އެއްވެސް މެކޭނިޒަމެއް ވެސް، އެއްވެސް މަރުހަލާއެއް ވެސް އޮތް ކަމަކަށް ނެތް ކޮންވެންޝަނުގައި ބަޔާންކޮށްފައެއް."

މައްސަލައިގެ ފެށުން - އިނގިރޭސިވިލާތުން 1965ގައި މޮރިޝަސް އިން ޗާގޯސް ވަކިކުރި މައްސަލައިގައި ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއް ކަމަށް އެ ގައުމުން ދައުވާކުރެ އެވެ.

އެ މައްސަލައިގައި:

  • އދ.ގެ އާންމު މަޖިލީހުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިސްތިޝާރީ ލަފަޔަކަށް އެދުމުން، 2019ގައި އިސްތިޝާރީ ލަފާ ދިނީ ޗާގޯސް ރަށްތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމަށް 

  • ހަމަ އެ އަހަރު، ހަ މަސްދުވަހުގެ ތެރޭގައި މޮރިޝަސްއާ ޗާގޯސް ހަވާލުކުރުމަށް އިނގިރޭސިވިލާތަށް ގޮވާލައި ގަރާރެއް އދ.ގެ އާންމު މަޖިލީހުން ފާސްކުރި

  • ރާއްޖެއާ އިން ވަކިކުރުމަށް މޮރިޝަސް އިން އިޓްލޮސްއަށް ދިޔައީ ވެސް އައިސީޖޭގެ އިސްތިޝާރީ ލަފައަށް ބިނާކޮށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް