ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ކީމޯތެރަޕީގެ ހިދުމަތް ތައާރަފުކުރުން. (ފޮޓޯ/ އޭއެސްއެމްއެޗް
ކެންސަރަށް ދޭ ކީމޯތެރަޕީގެ ހިދުމަތް ތިނަދޫގައި ފަށައިފި
ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) އިން ކެންސަރު ބައްޔަށް ދޭ ކީމޯތެރަޕީގެ ހިދުމަތް މިއަދު ރަސްމީކޮށް ތައާރަފުކޮށްފި އެވެ.
ވީ ކިހިނެއް؟ - ގދ. އަތޮޅުގައި ސަރުކާރުން ގާއިމްކޮށްފައިވާ ސަރަހައްދީ ހޮސްޕިޓަލުގައި އެ ހިދުމަތް އިފްތިތާހުކޮށްދެއްވީ މިއަދު އެ ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހޮސްޕިޓަލުގެ ސީއީއޯ އަބްދުލް އަޒީޒް ރިފާއު އެވެ.
ބުނީ ކީކޭ؟ - މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުލް އަޒީޒް ވިދާޅުވީ މިއީ ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށެވެ.
މިހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހްކުރުން. ކީމޯތެރަޕީގެ ޚިދުމަތާއެކު ހުވަދު އަތޮޅުގައި މިފަރުވާ ހޯދުމަށް އާއިލާތަކުން ކުރާ ހޭދަ އަދި ވަގުތުގެ އިތުރުން އުފުލަން ޖެހޭ ތަކުލީފުތަކަށް ވަރަށް ބޮޑު ލިޔެއް ލިބިގެން ދާނެ.@presidencymv @MoHmv @governmentmv pic.twitter.com/QZc2Pb31mG
— Dr. Abdul Samad Memorial Hospital (@drasmhospital) May 7, 2023
ތަފްސީލް - ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު، މި ހިދުމަތް ތައާރަފުކުރުމަކީ ހުވަދު އަތޮޅުގައި ތިބި މި ފަރުވާ ހޯދުމަށް އާއިލާތަކުން ކުރާ ހޭދަ އަދި ވަގުތުގެ އިތުރުން އުފުލަން ޖެހޭ ތަކުލީފުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެ ހޮސްޕިޓަލުން އިތުރަށް ބުނި ގޮތުގައި:
-
ކީމޯތެރަޕީގެ ހިދުމަތް ފަށާފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގެ އެހީތެރިކަމާ އެކު
-
އެ ހޮސްޕިޓަލުގެ އެހީތެރިކަމާ އެކު އޭއެސްއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން އަންނަނީ ތަމްރީނުކުރަމުން
-
ދެމެހެއްޓެނިވި ގޮތެއްގައި ކީމޯތެރަޕީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯއާ އެކު އަންނަނީ މަޝްވަރާކުރަމުން
ފާހަގަކޮށްލެވޭ ކަމެއް - އޭއެސްއެމްއެޗްގައި މިއަދު ކީމޯތެރަޕީގެ ހިދުމަތް ފެށިއިރު، މިދިޔަ ހަފްތާގައި އެ ހޮސްޕިޓަލުން ވަނީ ބަނޑުގައި ލޯވަޅު އަޅައިގެން ކުރާ ލަޕަރޮސްކޮޕިކް ސާޖަރީގެ ހިދުމަތާއި ފަސޭހަ ނުވެ ގިނަ ދުވަސްވެފައިވާ ފާރުގަނޑުތައް އަވަހަށް ފަސޭހަކުރުމަށް، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދޭ އެޑްވާންސް ވޫންޑް ކެއާގެ ހިދުމަތް ވެސް ފަށާފަ އެވެ.