ތިނަދޫގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ލަޕަރޮސްކޮޕިކް ސާޖަރީގެ ހިދުމަތް ދޭން ތައްޔާރުވެފައި. (ފޮޓޯ/ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
ބަނޑުގައި ލޯވަޅު އަޅައިގެން ކުރާ އޮޕަރޭޝަން ތިނަދޫގައި ތައާރަފުކުރަނީ
ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު (އޭއެސްއެމްއެޗް)ގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބަނޑުގައި ލޯވަޅު އަޅައިގެން ކުރާ ލަޕަރޮސްކޮޕިކް ސާޖަރީގެ ހިދުމަތް މި ހަފްތާގެ ތެރޭގައި ފަށަން ތައްޔާރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެ ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ތަފާތު ދެ ހިދުމަތެއް މި މަހު ފެށުމަށް ވަނީ ހަމަޖަައްސާފަ އެވެ. އެއީ:
-
ބަނޑުގައި ލޯވަޅު އަޅައިގެން ކުރާ ލަޕަރޮސްކޮޕިކް ސާޖަރީގެ ހިދުމަތް
-
ފަސޭހަ ނުވެ ގިނަ ދުވަސްވެފައިވާ ފާރުގަނޑުތަށް އަވަހަށް ފަސޭހަކުރުމަށް، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދޭ އެޑްވާންސް ވޫންޑް ކެއާގެ ހިދުމަތް
މި ދެ ހިދުމަތް ވެސް އަންނަ ބުދަ ދުވަހުން ފެށިގެން ލިބެން ހުންނާނެ ކަމަށް އޭއެސްއެމްއެޗުން ބުންޏެވެ.
ލަޕަރޮސްކޮޕިކް ސާޖަރީ:
-
ބަނޑު ކަފާލުމަކާ ނުލައި ހަމައެކަނި ކުދި ލޯވަޅުތަކެއް އަޅައިގެން ކެމެރާ އާއި އެހެނިހެން އާލާތްތައް ބޭނުންކޮށްގެން ކުރާ އޮޕަރޭޝަނެއް
-
ކަފައިގެން ކުރާ ސާޖަރީއާ އަޅާބަލާއިރު، ލަޕަރޮސްކޮޕިކް ސާޖަރީ އަކީ ބަލިމީހާއަށް އެތައް ގޮތަކުން ލުއި އަދި އާންމު ހާލަތަށް އަވަހަށް ރުޖޫއަވުމަށް މަގުފަހިކޮށްދޭ އޮޕަރޭޝަނެއް
ތަފްސީލް - އެ ހޮސްޕިޓަލުން ބުނީ ލަޕަރޮސްކޮޕިކް ސާޖަރީގެ ހިދުމަތް ތައާރަފު ކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ ކަމަށް ބޭނުންވާ ސާމާނާއި އާލާތްތައް ގެނައުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން:
-
ޖަރުމަނުގެ 'އެމްނޮޓެކްސް' މަރުކާގެ ލަޕަރޮސްކޮޕިކް މެޝިނާއި އެހެނިހެން އާލާތްތައް މިދިޔަ މާޗު މަހު ގެނެސްފައިވޭ
-
މެޝިން ރާވައި ހިދުމަތް ތައާރަފު ކުރުމުގެ ގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ނިމިފައި
ހުވަދު އަތޮޅުގައި ފުރަތަމަ ފަހަރަށް ކުރާ ލަޕަރޮސްކޮޕިކް ސާޖަރީތައް ކުރުމަށް، އައިޖީއެމްއެޗްގެ ތަޖުރިބާކާރު ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް މާދަމާ އިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ތިނަދުއަށް ޒިޔާރަތްކުރަން ވެސް ވަނީ ނިންމާފަ އެވެ.
އެ ޓީމުގައި ހިމެނެނީ:
-
ޖެނެރަލް ސާޖަރީ ޑޮކްޓަރުން
-
އޮޕަރޭޝަން ތިއޭޓަރުގެ ނަރުހުން
-
ހޭނައްތާ ޑޮކްޓަރެއް
-
ހޭނައްތާ ނަރުހެއް
ބޭސްއަޅަން ހާއްސަ ކްލިނިކެއް
އޭއެސްއެމްއެޗުން ތައާރަފުކުރާ ވޫންޑް ކެއާގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ އެ ކަމަށް ހާއްސަކޮށް ގާއިމްކޮށްފައިވާ އެޑްވާންސް ވޫންޑް ކެއާ ކްލިނިކްގަ އެވެ. އެގޮތުން:
-
މި ކްލިނިކްގެ މަސައްކަތްތައް ކުރިއަށް ގެންދާނީ އައިޖީއެމްއެޗުގެ ޑިޕާޓްމަންޓް އޮފް ސާޖަރީގެ ވެރިޔާ އަދި ރާއްޖޭގެ އެންމެ ފުރަތަމަ ޕްލާސްޓިކް އެންޑް ރީކޮންސްޓްރަކްޓިވް ސާޖަން ޑރ. މުހައްމަދު ވަހީދުގެ ބެއްލެވުމުގެ ދަށުން
-
މި ކްލިނިކްގެ ހިދުމަތް ފެށުމަށް ވެސް އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ޓީމެއް، ލަޕަރޮސްކޮޕިކް ސާޖަރީ ޓީމާ އެކު ތިނަދުއަށް ދާނެ
-
މި ދަތުރުގައި، އައިޖީއެމްއެޗުގެ ޓީމުން ބަލިމީހުން ބަލައި އޭއެސްއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީން ދޭނެ
ބޭސްއަޅަން ބޭނުންކުރާ ސާމާނަކީ އަގު ބޮޑު އަދި ރާއްޖެއިން ބޭރުން އެތެރެކުރާ ތަކެތި ކަމަށް ވުމުން، އެ ސާމާނު ހުސްނުވެ ލިބެން ހުންނަ ކަހަލަ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް، އެ ތަކެތި ގެންނަ ކުންފުނިތަކާ އެކު ކުރަމުން އަންނަ ކަމަށް ވެސް ތިނަދޫގެ ހޮސްޕިޓަލުން ބުންޏެވެ.
މީގެ އިތުރުން، މި މަހު ފަށާ މި ދެ ހިދުމަތަށް ގެނައި ސާމާނާއި އާލާތްތައް ބޭނުންކޮށްގެން ކުރިއަށް އޮތް ތަނުގައި އެހެނިހެން އޮޕަރޭޝަންތައް ކުރުމުގެ އިންތިޒާމު ވެސް ހަމަޖައްސާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އޭގެ ތެރޭގައި:
-
ކެމެރާ ލައްވައިގެން ކުރާ އަންހެނުންގެ ހާއްސަ އޮޕަރޭޝަންތައް
-
ހުޅުތެރެއަށް ކެމެރާ ލައްވައިގެން ކުރާ ކަށީގެ އޮޕަރޭޝަންތައް