ދިއްދޫ ފަރަށް އަރާފައިވާ ޓަގު ބޯޓު.

ދިއްދޫ ފަރަށް އުރުނު އެމްއެމް އެކްސްޕޯޓުގެ ޓަގު ފުން ނުކުރެވި 2 ދުވަސް

ފަރަށް އެރީ އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ ޓަގެއް؛ ކައުންސިލުން ވަނީ މިކަމުގެ ސަބަބުން ލިބުނު ގެއްލުންތައް ބަލައިދިނުމަށް އެދި އީޕީއޭއަށް ހުށަހަޅާފައި

ހއ. ދިއްދޫ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލަ ހިފައިގެން އެ ރަށަށް ދިޔަ، އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ ޓަގު ބޯޓެއް އެ ރަށުގެ ފަރަށް އަރައި ފުން ނުކުރެވި އޮންނަތާ ދެ ދުވަސް ވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު މިއަދު 'ދައުރު'އަށް ވިދާޅުވީ، ބާޖަކާއި ޓަގެއް ރަށުގެ ފަރަށް އެރީ މީގެ ދެ ދުވަސް ކުރިން ކަމަށެވެ.

ތަފްސީލް - އޭނާ ވިދާޅުވީ، ބާޖު، އެމްޓީސީސީގެ ހައިމާކު ބޭނުންކޮށްގެން ފަރުމަތިން ބާލާފައިވާ ކަމަށާއި މިހާރު އޭތި އޮތީ ހިލަ ބާލަަން ހަދާފައިވާ ސަރަހައްދުގައި ކަމަށެވެ.

"ހިލަ ބާލަން އެ ހަދާފައިވާ ތަނުގައި މިހާރު ބާޖު އޮތީ، ޓަގު ބޯޓު އޮތީ އަދިވެސް އޮތީ ފަރުމަތީ،" އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

ދިއްދޫ ފަރަށް އަރާފައި އޮތް ޓަގު ބޯޓު.

ޓަގު ބޯޓު ފުން ކުރުމަށް އިތުރު ޓަގެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ ބާޖާއި ޓަގު ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތައް ބަލައިދިނުމަށް އެދި އެންވަޔަރަމެންޓް މިނިސްޓްރީ އާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް ކައުންސިލުން މިހާރު ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށެވެ.

"އީޕީއޭ އިން މި މައްސަލަ ކުރިއަށް ގެންގޮސް ގެއްލުންތައް ބަލާފައި ހޯދަން ޖެހޭ ބަދަލެއް ހޯދާނެ ކަމަށް މި ބަލަނީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް