މަމްދޫހު: ކޭ ޕާކް ނަމުގައި އޭނާ މަކާރާއި ހީލަތުން ފައިސާ ހޯދި ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިމަތިވެފައި
ކޭ ޕާކް ނަމުގައި މަމްދޫހު މަކަރާއި ހީލަތުން ފްލެޓް ވިއްކި ކަމުގެ ތުހުމަތު
ހުޅުމާލޭގައި ލަގްޒަރީ ކޭ-ޕާކް ރެސިޑެންސް ތަރައްގީކުރަމުން އަންނަ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މަކާރާއި ހީލަތުން އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު ފްލެޓް ވިއްކި ކަމަށް އެ ކުންފުނިން މިއަދު ތުހުމަތުކޮށްފި އެވެ. މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ވީ ކިހިނެއް؟ - ހަންބޯއިން މިއަދު ވަނީ މަމްދޫހު އާއި އިތުރު މީހަކު ބޮޑު އޮޅުވާލުމަކުން ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ ކަމަށް ބުނެ ބަޔާނެއް ނެރެ، އާއްމުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ތަފްސީލު - އެ ކުންފުނިން ތުހުމަތު ކުރި ގޮތުގައި މަމްދޫހު މިކަން ކޮށްފައި ވަނީ އެ ކުންފުނީގެ %95 ހިއްސާ އޮންނަ މެނޭޖިން ޑިރެކްޓަރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެންނެވެ. ޖިން ޝިހޫއަކީ ޗައިނާގެ ރައްޔިތެކެވެ.
"ނުއަގުގައި އެތައް ބަޔަކަށް ފްލެޓް ވިއްކާފައިވާއިރު، ގަނެ ވިއްކުމުގެ އެއްބަސްވުމުގައި ހަސަން މަމްދޫހު ސޮއިކޮށްފައި ވަނީ، ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ޖައިޝަން ސައިދުއަށް ދީފައިވާ ކަމަށް ބުނާ މި ކުންފުނީގެ ގަރާރެއް ބޭނުންކޮށްގެންނެވެ،" ބަޔާނުގައި ބުންޏެވެ.
"ބައެއް އެއްބަސްވުންތަކުގައި ޖައިޝަން ސައީދު ސޮއިކޮށްފައިވާއިރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ކަމެއް ބުނެ އޮޅުވާލައިގެން ބައެއް އެއްބަސްވުންތަކުގައި ހަސަން މަމްދޫހު ސޮއިކޮށްފައިވެއެވެ."
ޖައިޝަން ސައީދަކީ މަމްދޫހުގެ ވިޔަފާރި ޕާޓްނަރެވެ.
ބަޔާނުގައި ބުނީ އެ ކުންފުނީގެ ފަރާތުން ފާސްކޮށް އެއްވެސް މީހަކަށް ފްލެޓް ވިއްކުމުގެ ބާރެއް ދީފައި ނުވާނެ ކަމަށެވެ. އަދި މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ފަހު، ގިނަ ބަޔަކު ފައިސާ ދެއްކުމަށް މަމްދޫހު އެދިފައި ވަނީ ނަގުދު ފައިސާއިން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
"ފައިސާ ހޯދުމަށް ސީދާ މުއާމަލާތް ކޮށްފައިވަނީ ހަސަން މަމްދޫހު އާއި ޖައިޝަން ސައީދު،" ބަޔާނުގައި ބުންޏެވެ.
ހަންބޯއިން އިތުރަށް ބުނިގޮތުގައި:
-
އެ ކުންފުނީގެ ބޭންކް އެކައުންޓު ހުޅުވާފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި؛ ނަމަވެސް ބައެއް ކަސްޓަމަރުން އަތުން މަމްދޫހު ފައިސާ ހޯދާފައިވަނީ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފައިވާ ރުފިޔާ އެކައުންޓަކާއި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް
-
ބީއެމްއެލްއާ ބައްދަލުކޮށް ހޯދި މައުލޫމާތުތަކުން އެނގުނު ގޮތުގައި އެ އެކައުންޓު ހުޅުވާފައި ވަނީ ޖިން ޝިހޫ ޗައިނާގައި ހުރި ދުވަސްވަރު
-
އެކައުންޓު ހުޅުވުމުގެ ބޭނުމަށް ޖިން ޝިހޫގެ ޕާސްޕޯޓް ކޮޕީއެއް ހުށަހަޅާފައިވަނީ ވަކީލަކު އެ ކޮޕީގެ އަސްލާ އެއްގޮތަށް ތައްގަނޑު ޖަހައިގެން؛ ނަމަވެސް އެ ވަކީލާ ޖިން ޝިހޫ ބައްދަލުވެފައެއް ނުވޭ އަދި އޭނާ އެއްވެސް ގޮތަކުން އެކަން އެ ވަކީލާ ހަވާލުކޮށްފައެއް ނުވޭ
އެ ބަޔާނުގައި ބުނީ ބީއެމްއެލްގެ އެ އެކައުންޓުތަކަށް ޖަމާކޮށްފައިވާ ގިނަ އަދަދެއްގެ ފައިސާ މަމްދޫހު ނަގާފައިވާ ކަމަށެވެ. މި މުއާމަލާތްތައް ވެސް ހިންގާފައި ވަނީ ޖިން ޝިހޫގެ ސޮއިކޮށްގެން ހަދާފައިވާ ކުންފުނީގެ ގަރާރެއް ބޭނުން ކޮށްގެން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
"ކުންފުނީގެ މެނޭޖިން ޑިރެކްޓަރު [ޖިން ޝިހޫ] އަށް މި ކަންކަން ސަމާލުކަމަށް އައުމާ ގުޅިގެން ހަސަން މަމްދޫހުއާ ބައްދަލުކޮށް ކުންފުންޏަށް އެއްބާރުލުން ދިނުމަށް އެދުމުން އެކަން ކޮށްފައިނުވެއެވެ،" ބަޔާނުގައި ބުންޏެވެ.
"މިގޮތަށް އެންގުނު ފަހުން ވެސް ހަސަން މަމްދޫހުގެ އިތުރުން ޖައިޝަން ސައީދުއާ ދެ މީހުންގެ ފަރާތުން އެކި ކަސްޓަމަރުންނަށް ގުޅާ އެޕާޓްމަންޓްތަކާ ގުޅޭ މުއާމަލާތްކޮށް ފައިސާގެ ކަންތައްކުރާކަން ވަނީ ކަސްޓަމަރުންގެ ފަރާތުން މި ކުންފުނީގެ އެމްޑީއަށް މައުލޫމާތުދީފައެވެ."
އެކަމުގެ ހެކި ވެސް އެބަހުރި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"އިތުރަށް ބެލިބެލުމުން އެޕާޓްމަންޓުގެ އަގުގެ ބަދަލުގައި ކާރާއި އެ ނޫން ވެސް ތަކެތި ހަސަން މަމްދޫހު އެތައް ބަައެއްގެ އަތުން ނަގާފައިވާކަން ފާހަގަކުރެވިފައިވެއެވެ،" މަމްދޫހު އަމިއްލަ ބޭނުމަށް ކަސްޓަމަރުންގެ އަތުން ދަރަންޏަށް ވެސް ފައިސާ ހޯދަމުންދާކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވެ އެވެ.
"މީގެ އިތުރުން އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކައި ފައިސާ ނަގާފައިވާކަމީ މި ކުންފުނިން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ."
މަމްދޫހު މި އޮޅުވާލުމުގައި ކޭ-ޕާކް އާއި ޖިން ޝިހޫގެ ހޮންކޮން ކުންފުނީގެ ނަން ބޭނުންކޮށްގެން ދެ ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ހަންބޯއިން ބުނި ގޮތުގައި މިކަން އާބަންކޯގެ ސަމާލުކަމަށް ގެނެސް، ޖައިޝަން އާއި މަމްދޫހުއާ އެއްވެސް މުއާމަލާތެއް ނުކުރުމަށް މިހާރު ވާނީ އެދިފަ އެވެ.
"ކަސްޓަމަރުންނާ ހެދިފައިވާ އެއްބަސްވުންތަކާއި ފައިސާ ބަލައިގަތް ކަމުގެ ލިޔުންތައް ހަސަން މަމްދޫހު ހިފަހައްޓާފައިވޭތޯ އާއި އެ ލިޔުންތައް ދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް ދީފައި ނުވާތީ އެކަން ވެސް އެޗްޑީސީގެ ސަމާލުކަމަށް ވަނީ ގެނެވިފައެވެ،" ބަޔާނުގައި ބުންޏެވެ.
ހަންބޯއިން އިލްތިމާސް ކުރީ މިކަމަށް ސަމާލުވެ، މަމްދޫހާއި ޖައިޝަންއާ އެއްވެސް މުއާމަލާތެއް ނުކުރުމަށެވެ. އަދި މި އޮޅުވާލުމުގައި ނެގި ފައިސާ ދިން މީހުން އެކަމުގެ މައުލޫމާތު ތަހުގީގީ އިދާރާތަކަށް ދިނުމަށް ވެސް އެދިފައިވެ އެވެ.
ހަންބޯ އިން ބުނީ މި އަހަރުގެ ފަހު ކުއާޓަރުގައި ކޭ-ޕާކްގެ ރެސިޑެންސް އެކީ ނިންމައި ކަސްޓަމަރުންނާ ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮމެންޓް (3)
ޥަސީންޓޭ
ހަބަރޭ
މަންޑޭ