ހުޅުމާލޭގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއްގައި ސައިކަލަކަށް ގެއްލުން ލިބިފައި (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)
ހުޅުމާލޭގައި ޕިކަޕަކާއި ކާރެއް ޖެހި ޒުވާނަކަށް އަނިޔާވެއްޖެ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ހަވީރު ޕިކަޕަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެ އެވެ.
ތަފްސީލް - ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓު ހިނގި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 3:17ގަ އެވެ. މި ހާދިސާގައި ޒަހަމްވީ 20 އަހަރުގެ ޒުވާނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން،" ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.
"މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން މި ދަނީ ބަލަމުން."
ފަސްމަންޒަރު - ހުޅުމާލޭގައި އެކްސިޑެންޓުތައް މިފަހުން ވަނީ އިތުރުވެފަ އެވެ. ނިރޮޅުމަގުގައި މިދިޔަ މަހު ފަހުކޮޅު ކާރަކާއި ސައިކަލެއް ޖެހި 18 އަހަރުގެ ފިރިހެނަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވެ އެވެ.