އެމްއާރުއެމްގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް ފާރިސް މައުމުން ރިޔާސަތު ބަލަހައްޓަވަނީ (ފޮޓޯ/ އެމްއާރުއެމް)

އެމްއާރުއެމްއިން ޗާގޯސް މައްސަލާގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅު ހަދަން ނިންމައިފި

އެމްއާރުއެމްއިން ސަރުކާރުގެ ސްޓޭންޑާ ދެކޮޅު ހަދައި އެ ކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް ރައީސް އޮފީހަށް ސިޓީއެއް ފޮނުވުމަށް ވަނީ ނިންމާފައި

ޗާގޯސް އާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރަން މިދިޔަ ހުކުރު ދުވަހު، އެކަމާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލުން ނިންމާފައި ވިޔަސް، އެ މައްސަލައިގައި ސަރުކާރުން ގެންގުޅޭ ސިޔާސަތާ ދެކޮޅު ހެދުމަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރޯފޯމް މޫވްމަންޓް (އެމްއާރުއެމް)އިން ރޭ ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒައީމްކަން ކުރައްވާ އެމްއާރުއެމްއިން މި ގޮތަށް ނިންމީ ރޭ ބޭއްވި އެ ޕާޓީގެ އެގްޒެކްޓިވް ކޮމިޓީގެ ކުއްލި ބައްދަލުވުމުގަ އެވެ.

ތަފްސީލު - އެމްއާރުއެމްގެ ތަރުޖަމާނު އިސްމާއިލް ނާއިލް ނަޝީދު މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ ބައްދަލުވުން ބާއްވާފައި ވަނީ ޗާގޯސް މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކަމަށެވެ.

"ޗާގޯސް މައްސަލައިގައި ވަރަށް އަވަހަށް މި ޕާޓީގެ ސްޓޭންޑް ހާމަކުރާނެ،" އޭނާ ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުމުގައި ބައިވެރިވި އެކްސޯ މެންބަރަކު، ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ، އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ގާތްގަނޑަކަށް 30 މެންބަރުންގެ ތެރެއިން 20އަށް ވުރެ ގިނަ ބޭފުޅުން ވޯޓު ދެއްވީ ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅު ހެދުމަށެވެ.

އެނގިފައިވާ ގޮތުގައި، އެ ނިންމުން ފާސްވުމާ އެކު، އެމްއާރުއެމްއިން ވަނީ، މި މައްސަލައިގައި ހަރަކާތްތަކެއް ހިންގަން ވެސް ނިންމާފަ އެވެ. އެގޮތުން:

  • މި ކަމުގައި އެ ޕާޓީން ދެކޭ ގޮތް، ފަންނީ ބޭފުޅުންގެ ބަސް ހިމަނައިގެން އާންމުންނަށް ހާމަކުރުމަށް

  • އެމްއާރުއެމްއިން ސަރުކާރުގެ ސްޓޭންޑާ ދެކޮޅު ހަދައި އެ ކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް ރައީސް އޮފީހަށް ސިޓީއެއް ފޮނުވުމަށް

އެމްއާރުއެމްގެ ރައީސްކަން ކުރައްވާ، މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި ސަރުކާރުގެ ސްޓޭންޑާ އެއްކޮޅަށް ވެސް ބައެއް މެންބަރުން ވާހަކަދެއްކެވި އެވެ. އޭގެ ތެރޭގައި، ހެރިޓޭޖް މިނިސްޓަރުކަން ކުރައްވާ، މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެމްއާރުއެމް އިން ބޭއްވި ޖަލްސާއެއްގައި، އެ ޕާޓީގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަދި އެ ޕާޓީގެ ރައީސް ފާރިސް މައުމޫން. (ފައިލް ފޮޓޯ/ ޕީއެސްއެމް)

އެނގުން މުހިންމު - މޮރިޝަސްގެ ބައެއް ކަމަށް ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޗާގޯސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް، ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް)އިން މިދިޔަ ހުކުރު ދުވަހު ވަނީ ހުކުމްކޮށްފަ އެވެ.

ސަރުކާރުން ފާހަގަކުރާ ގޮތުގައި، ރާއްޖޭގެ ސްޓޭންޑާ އެއްގޮތަށް ހުކުމް ކުރުމުކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ. ނަމަވެސް، އެ ހުކުމާ ދެކޮޅު ހަދާ މީހުން ގަބޫލުކުރާ ގޮތުގައި، ރާއްޖެއަށް ލިބެން ޖެހެނީ އެއަށް ވުރެ ބޮޑު ސަރަހައްދެކެވެ.

  • މީގެ ކުރިން ރާއްޖޭން އދ.ގައި ވޯޓުލީ މޮރިޝަސްއާ ދެކޮޅަށް

  • ނަމަވެސް، ޗާގޯސް އަކީ މޮރިޝަސްގެ ތަނެއް ކަމަށް އިޓްލޮސް އިން ބަލައިގަތް ހިސާބުން ރާއްޖޭން ވަނީ އެ ސްޓޭންޑް ބަދަލުކޮށް، ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް ބަލައިގަތުމަށް ނިންމާފައި 

  • އެކަން ބަޔާންކޮށް، މިިދިޔަ އޮގަސްޓް މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުވާފައި

އިޓްލޮސްގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ފަހުކޮޅު ކުރިއަށް ދަނިކޮށް، އެ ސިޓީގެ މައްސަލަ ފެންމަތިވުމުން އޭރު ވެސް އެމްއާރުއެމް އިން ވަނީ އެކަމާ ދެކޮޅަށް ވާހަކަދައްކައި ސްޓޭންޑް ބަދަލުކުރި ސަބަބު ހާމަކުރުމަށް ގޮވާލާފަ އެވެ.

ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދު ބަހަން ނިންމި ގޮތް ދައްކައިދޭ ޗާޓެއް.

މައްސަލައިގެ ފެށުން - އިނގިރޭސިވިލާތުން 1965ގައި މޮރިޝަސްއިން ޗާގޯސް ވަކިކުރި މައްސަލައިގައި ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއް ކަމަށް އެ ގައުމުން ދައުވާކުރެ އެވެ.

އެ މައްސަލައިގައި:

  • އދ.ގެ އާންމު މަޖިލީހުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިސްތިޝާރީ ލަފަޔަކަށް އެދުމުން، 2019ގައި އިސްތިޝާރީ ލަފާ ދިނީ ޗާގޯސް ރަށްތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމަށް 

  • ހަމަ އެ އަހަރު، ހަ މަސްދުވަހުގެ ތެރޭގައި މޮރިޝަސްއާ ޗާގޯސް ހަވާލުކުރުމަށް އިނގިރޭސިވިލާތަށް ގޮވާލައި ގަރާރެއް އދ.ގެ އާންމު މަޖިލީހުން ފާސްކުރި 

  • ރާއްޖެއާ އިން ވަކިކުރުމަށް މޮރިޝަސް އިން އިޓްލޮސްއަށް ދިޔައީ ވެސް އައިސީޖޭގެ އިސްތިޝާރީ ލަފަޔަށް ބިނާކޮށް

ކޮމެންޓް (1)

އިއްސެ

1 މޭ 2023
އެއްކަލަ މީހުން ރިލަވަންޓް ވާންވީ ދޯ....... ހާދަ އެއްޗެއް ނޭނގޭ ބަޔެކޭ ދޯ..... މިހާރު ޕާޓީ ޢަދަދު ކިހާ ވަރެއްތޯ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް