ނަރުހަކު ވެކްސިން ޖެހުމަށް ތައްޔާރުވަނީ. (ފައިލް ފޮޓޯ/ރައީސް އޮފީސް

ސިއްހަތު

ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރަނީ ދިވެހިންނަށް އެކަނި

މުސާރައިގެ ކުރިއެރުން ގެނެސްފައިވަނީ ހުރިހާ ފަންނެއްގެ މުވައްޒަފުން ވެސް އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ބާރުއެޅޭ ގޮތަށް ކަމަށް ޕޭ ކޮމިޝަނުން ބުނޭ

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލު އަންނާނީ އެ ދާއިރާގައި މަސައްކަތް ކުރާ ދިވެހިންނަށް އެކަނި ކަމަށް ޕޭ ކޮމިޝަނުން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސް އެއަށް އަމަލުކުރަން ފަށާނީ މާދަމާ އެވެ. މި ބަދަލާ ގުޅޭ ތަފްސީލުތައް ހާމަކުރުމަށް ރައީސް އޮފީހުގައި މިހާރު ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް އެބަދެ އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި، ޕޭ ކޮމިޝަންގެެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިސަލް ވިދާޅުވީ މުސާރައިގެ ކުރިއެރުން ގެނެސްފައިވަނީ ހުރިހާ ފަންނެއްގެ މުވައްޒަފުން ވެސް އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލު ކުރުމަށް ބާރުއެޅޭ ގޮތަށް ކަމަށެވެ.

ބުނީ ކީކޭ؟ - ނޫސްވެރިންގެ ބައްދަލުުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ފައިސަލް ވިދާޅުވީ:

  • އެލައިޑް ހެލްތުގެ ފަންނުތަކަށް މިހާތަނަށް ދެމުން ގޮސްފައިވަނީ އެ ފަންނުގެ މަސައްކަތާ އެކަށީގެން ނުވާ މުސާރަތަކެއް ކަމަށް

  • ސިއްހީ ދާއިރާގެ ފަންނުތަކުގެ ތެރެއިން ދިވެހިން ބިނާކުރުމަށް މިހާތަނަށް ދަތިވެފައިވާ ފަންނުތަކަށް ދިވެހިން ކުރިމަތިލުމަށް ހިތްވަރު ދިނުމަކީ ވެސް މުސާރައަށް ބަދަލު ގެނައި ސަބަބެއް ކަމަށް

ތަފްސީލް - އާ ޖޮބް މެޓްރިކްސް އަށް ޖުމްލަ 3،710 މުވައްޒަފުން ބަދަލުވާނެ އެވެ.  އޭގެ ތެރޭ ހިމެނެނީ؛

  • ރީޖަނަލް ހޮސްޕިޓަލުތަކުގެ 520 މުވައްޒަފުން

  • އަތޮޅު ހޮސްޕިޓަލްތަކުގެ 471 މުވައްޒަފުން

  • ހެލްތު ސެންޓަރުތަކުގެ 965 މުވައްޒަފުން

  • އައިޖީއެމްއެޗުގެ 1،004 މުވައްޒަފުން

  • ހުޅުމާލެ ހޮަސްޕިޓަލުގެ 298 މުވައްޒަފުން

  • އެހެނިހެން 452 މުވައްޒަފުން

މުސާރައިގެ ކުރިއެރުން އަންނާނެ މުވައްސަސާތަކުގެ ތެރޭގައި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތް ކުރާ މީހުން ހިމެނެވެ. އޭގެ އިތުރުން ސްކޫލްތަކުގެ އެޑިޔުކޭޝަނަލް ކައުންސެލަރުންނާއި ޖެންޑާ މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ ސޯޝަލް ސާވިސް ވޯކަރުން ހިމެނެ އެވެ.

ޕޭ ކޮމިޝަނުން މިރޭ ހިއްސާކުރި މައުލޫމާތަށް ބަލާ އިރު މުވައްޒަފުންގެ މުސާރައަށް އަންނަ ކުރިއެރުމާއި ސަރުކާރު މުވައްޒަފުންގެ ތެރެއިން މިހާތަނަށް %35 އެލަވެންސް ނުލިބޭ މުވައްޒަފުންނަށް އެލަވެންސް ދިނުން ހިމެނެ އެވެ. އެގޮތުން؛

  • މި އަހަރުގެ މެއި މަހުން ފެށިގެން ޑިސެމްބަރަށް 321 މިލިއަން ރުފިޔާ ހޭދަވާނެ 

  • އެއީ އަހަރަކަށް 482 މިލިއަން ރުފިޔާ

  • މަހެއްގެ މައްޗަށް 40 މިލިއަން ރުފިޔާ

  • 35% އެލަވެންސް ނުލިބޭ ޖުމްލަ  6،128 މުވައްޒަފުންނަށް އެލަވެންސް ލިބެން ފަށާނެ

ސިއްހީ ދާއިރާގެ މުވައްޒަފުންގެ ތެރެއިން ނައިޓް ޝިފްޓް އެލަވެންސް ލިބޭ މުވައްޒަފުން ދަންވަރު 12 އިން ހެނދުނު 6 އާ ދެމެދު މަދުވެގެން 4 ގަޑިއިރު މަސައްކަތް ކުރުމުން ރެއަކަށް 100ރ.ގެ އެލަވެންސެއް ދޭނެ އެވެ. މި އެލަވެންސް ލިބޭނީ؛

  • ނަރުހުންނަށް

  • ސްޕެޝަލް ކެއާ ނަރުހުންނަށް

  • ސްޕެޝަލިސްޓު ނަރުހުންނަށް

  • މެޑިކަލް ލެބޯޓްރީ ޓެކްނޮލަޖިސްޓުންނަށް

  • ޕެރަމެޑިކުންނަށް

  • ރޭޑިއޮލޮޖިކަލް ޓެކްނޮލަޖިސްޓުންނަށް

  • ހެލްތު އިންސްޕެކްޝަން ޕްރޮފެޝަނަލުންނަށް

  • ފާމަސިސްޓުންނަށް

މީގެ އިތުުރުން ނަރުހުންގެ ތެރެއިން ވޯޑުތަކުގެ އިސް ޒިންމާ އަދާކުރާ ފަރާތްތަކުން މަސައްކަތަށް ނިކުންނަށް ކޮންމެ ދުވަހަކަށް 100ރ.ގެ އެލަވެންސެއް ދޭނެ އެވެ. އަދި ސްޕެޝަލިސްޓު ޑޮކްޓަރުންގެ އިތުރުން ސަބް ސްޕެޝަލިސްޓު ޑޮކްޓަރުންނާއި ޑެންޓިސްޓުން އެ ދުވަހަކު ކަނޑައަޅާފައިވާ ރަސްމީ ވަގުތު މަސައްކަތް ކުރުމަށް ފަހު އިތުރު ވަގުތުތަކުގައި މަސައްކަތް ކުރަންޖެހިދާނެ ކަމަށް ބަލައިގެން އެކުލަވާލާ އޮންކޯލް ޑިއުޓީ ލިސްޓުގައި ހިމަނާ ހާލަތްކުގައި ދުވާލަކަށް 100ރ.ގެ އެލަވެންސެއް ދޭނެ އެވެ.

އިންޓާނުންނަށް ދޭ އެލަވެންސް

މެޑިކަލް އަދި ޑެންޓަލް އިންޓަންޝިޕް ފުރިހަމަކުރާ ފަރާތްތަކަށް އިންޓާން އެލަވެންސް ދޭން ނިންމައި އެކަން ރައީސް ވަނީ މިއަދު އިއުލާނު ކުރައްވައިފަ އެވެ. އެ މަސައްކަތް ފުރިހަމަ ކުރާ ފަރާތްތަކުގެ ތެރެއިން ހިދުމަތް ކުރުމަށް އެގްރިމެންޓް ކުރާ ފަރާތްތަކުން؛

  • އިންޓާންޝިޕް ފުރިހަމަ ކުރުމަށް ނިކުންނަށް ކޮންމެ ދުވަހަކަށް 400ރ،ގެ އެލަވެންސް ދޭނެ

  • ސައިކޮލޮޖީ ލައިސަންސާއި ކައުންސެލިން ލައިސަންސް ފުރިހަމަކުރުމަށް  ޕްރޮފެޝަނަލް ތަމްރީން ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން ދާއިމީ ވަޒީފާއެއް ހަމަޖެހިފައި ނުވާ ފަރާތްތަކަށް ހިދުމަތް ކުރުމަށް އެގްރިމެންޓު ކުރުމަށް ތަމްރީނު ފުރިހަމަކުރުމަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 400ރ. ލިބޭނެ

އެނގުން މުހިއްމު - ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ދަށުން މީގެ ކުރިން ވަނީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސްފަ އެވެ.

އެ މަސައްކަތް ނިމޭ އިރު އުުޖޫރައިގެ ތަފާތުތައް ނައްތަލައި ސަރުކާރުގެ ހުރިހާ ދާއިރާއެއްގެ މުސާރަތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތުގެ ތެރޭގައި، ޝަރުއީ ދާއިރާއާއި ސަލާމަތީ ހިދުމަތްތަކާއި އިމާމުންނާއި މުދިމުން ހިމެނޭހެން ޖުމްލަކޮށް، ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.

ކޮމެންޓް (1)

މޫއްޓެ

1 މޭ 2023
ޝުކުރިއްޔާ - އެކަމަކު ވަޒީފާގައި އެއްވެސް ކަހަލަ ތަފާތުކުރުމަކީ ވަރަށްވެސް ހިތާމަހުރި ކަމެއް. އެއް މަސައްކަތެއް، އެއް ޒިންމާއެއް އަދާކުރާ ބަޔަކަށް ހަމައެކަނި ނަސްލު، ޖިންސު، ކުލަ، ދީނަށް ބަލާފަ ލިބޭ މުސާރަ ތަފާތު ކުރުމަކީ ދެރަ އަމަލެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް