ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. (ފޮޓޯ/ރައީސް އޮފީސް

ސިއްހަތު

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތަކަށް 8،000-12،000ރ.ގެ ކުރިއެރުމެއް

މާދަމާ އިން ފެށިގެން މުސާރައަށް ބަދަލު އަންނާނެ

މާދަމާ އިން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަން ނިންމައި އެ ބަދަލުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާނުކުރައްވައިފި އެވެ. އެއާ އެކު، ގިނަ މުވައްޒަފުންގެ މުސާރައަށް އެވްރެޖުކޮށް 8،000ރ. އާއި 12،000ރ.އާ ދެމެދުގެ އަދަދެއްގެ ކުރިއެރުމެއް ވަނީ އައިސްފަ އެވެ.

ވީ ކިހިނެއް؟ - ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތައް އިއުލާނު ކުރައްވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ، ސިއްހީ ދާއިރާގެ މުވައްޒަފުންނަށް މިހާރު ލިބޭ މުސާރަ އަކީ އެ ދާއިރާގެ މުވައްޒަފުން ކުރާ މަސައްކަތާ އަޅާ ބަލާއިރު އެކަށޭނަ މުސާރައެއް ނޫން ކަމަށެވެ.

ތަފްސީލް - ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލު:

  • ސީނިއާ ރެޖިސްޓާޑް ނަރުހަކަށް - އިތުރު ގަޑީގެ އެލަވެންސް ނުލާ 29،271ރ. ލިބޭނެ؛ ކުރިން އިތުރު ގަޑީގެ އެލަވެންސް ލައިގެން ލިބުނީ 20،459ރ.

  • ސްޕެޝަލިސްޓު ނަރުހަކަށް - އިތުރު ގަޑީގެ އެލަވެންސް ނުލާ 41،976ރ. ލިބޭނެ

  • ސީނިއާ މެޑިކަލް އޮފިސަރަކަށް - އިތުރު ގަޑީގެ އެލަވެންސް ނުލާ 41،541ރ. ލިބޭނެ؛ ކުރިން އިތުރު ގަޑީގެ ފައިސާއާ އެއްކޮށް ލިބުނީ 28،727ރ.

  • ސަބް ސްޕެޝަލިސްޓު ކޮންސަލްޓެންޓުންގެ އެންމެ މަތީ ގިންތިއަށް - އިތުރު ގަޑިއާ ނުލާ 98،137ރ. ލިބޭނެ

"އިތުރު ގަޑީގެ އެލަވަންސާ އެކު، މި ދެންނެވި ހުރިހާ މުވައްޒަފުންގެ ޖުމްލަ މުސާރަ މިއަށް ވުރެ ވެސް އިތުރުވާނެ،" ރައީސް ވިދާޅުވި އެވެ. 

މީގެ އިތުރުން، ސޯޝަލް ވޯކަރުންގެ މުސާރައަށް ބަދަލު ގެންނަން ނިންމައި އެކަން ވެސް ރައީސް މިއަދު އިއުލާނުކުރެއްވި އެވެ. އެގޮތުން:

  • މީގެ ކުރިން ސޯޝަލް ވޯކަރުންނަށް ލިބުނީ 12،944ރ.

  • މުސާރައަށް ގެނައި ބަދަލާ އެކު ސޯޝަލް ވޯކަރުންނަށް 21،585ރ ލިބޭނެ؛ މިއީ %68 ގެ ކުރިއެރުމެއް

ހަމަ އެއާ އެކު، މެޑިކަލް އަދި ޑެންޓަލް އިންޓަންޝިޕް ފުރިހަމަކުރާ ފަރާތްތަކަށް އިންޓާން އެލަވެންސް ދޭން ނިންމައި އެކަން ވެސް ރައީސް މިއަދު އިއުލާނުކުރެއްވި އެވެ. ނަމަވެސް، އޭގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ ސިއްހީ ދާއިރާގެ މުސާރައަށް ގެނައި ބަދަލާ އެކު، އެ ދާއިރާގައި ޒަމާނުއްސުރެ އޮތް ކަންބޮޑުވުމަށް ހައްލެއް ލިބޭނެ ކަމަށެވެ.

"ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައާ އެކު، މެއި 1 ވަނަ ދުވަހުން ފެށިގެން، ސައިކޮލޮޖިސްޓުންނާއި ކައުންސިލަރުންނާއި ސޯޝަލް ވޯކަރުންނާއި ސޯޝަލް ސާވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސާވިސް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނަން އަޅުގަނޑުމެން ނިންމައިފިން،" އެ މަނިކުފާނު ވިދާޅުވި އެވެ.

މި ބަދަލާ އެކު، އަހަރަކު 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން އިތުރަށް ހަރަދު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެނގުން މުހިއްމު - ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ދަށުން މީގެ ކުރިން ވަނީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސްފަ އެވެ.

އެ މަސައްކަތް ނިމޭއިރު އުުޖޫރައިގެ ތަފާތުތައް ނައްތަލައި ސަރުކާރުގެ ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތުގެ ތެރޭގައި، ޝަރުއީ ދާއިރާއާއި ސަލާމަތީ ހިދުމަތްތަކާއި އިމާމުންނާއި މުދިމުން ހިމެނޭހެން ޖުމްލަކޮށް، ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް